އަވަށްޓެރި ސްރީލަންކާ އަށް ކުރިމަތިވެފައިވާ މޫސުމީ ކާރިސާ އާއި ގުޅިގެން އެ ގައުމަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ދިވެހި މީޑިއާތަކުން އިސްނަގައިގެން ކުރިއަށް ގެންދާ "ސިލޯނާއެކު ދިވެހީން" ޓެލެތޯންގެ ވަގުތު އިތުރުކޮށްފިއެވެ.

ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑީއާ އިން އިސްނަގައިގެން ދިވެހި 37 މީޑީއާ އަކާއި ގުޅިގެން ފަށާފައިވާ މި ޓެލެތޯން ފެށީ މިއަދު ހެނދުނު 9 ޖެހިއިރުގައެވެ. ކުރިން ނިންމާފައި އޮތީ މި ޓެލެތޯން މިރޭ 1 ޖެހުމާހަމައަށް ކުރިއަށް ގެންދިޔުމަށެވެ. ނަމަވެސް މިހާރު މިވަނީ މި ޓެލެތޯންގެ ވަގުތު މާދަމާ މެންދުރު 2 ޖެހުމާހަމައަށް އިތުރުކޮށްފައެވެ.

Ad
rt

ޓެލެތޯންގެ ވަގުތު އިތުރުކޮށް، ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޔާމީން ރަޝީދު ވިދާޅުވީ ޓެލެތޯން ގެ ވަގުތު އިތުރުކޮށްފައިވަނީ ގިނަ ބަޔަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ފުރުޞަތު ދިނުމުގެ ގޮތުންކަމަށެވެ. އަދި މިރޭ ބީއެމްއެލްގެ އެޕްލިކޭޝަން އަށް ކުރިމަތިވި ޓެކްނިކަލް މައްސަލައާ ގުޅިގެން ފައިސާ ޓްރާންސްފާ ކުރުމަށް ދަތިތަކެއް ކުރިމަތިވުމުން އެހީތެރިވާން ބޭނުން މީހުންނަށް އިތުރު ފުރުޞަތެއް ދިނުމަކީ ވެސް ވަގުތު އިތުރުކުރި ސަބަބެއްގެ ގޮތުގައި ޔާމީން ފާހަގަކުރެއްވިއެވެ.

މި ހަރަކާތުގައި މިހާތަނަށް ރާއްޖޭގެ 37 މީޑިއާއަކުން ބައިވެރިވެފައިވާއިރު، އިތުރު މީޑީއާތަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ޕީއެސްއެމުން ބުނިގޮތުގައި ބީއެމްއެލްއިން މި ޓެލެތޯންއަށް ޚާއްސަކޮށްފައިވާ ދިވެހި ރުފިޔާ އެކައުންޓަށް މިހާތަނަށް ވަނީ 2.3 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށެވެ. އަދި އަދި ޑޮލަރު އެކައުންޓަށް ވަނީ 38 ހާހަށްވުރެ ގިނަ ޑޮލަރު ލިބިފައިވެއެވެ.

އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން ބީއެމްއެލްގެ އެކައުންޓްތަކަށް ފައިސާ ޖަމާކުރުމުގެ އިތުރުން، ޓީވީ ބިލްޑިންގއާއި މާލޭގެ އެކި ސަރަޙައްދުތަކުގައި ބަހައްޓާފައިވާ ފޮށިތަކަށް އެހީ ދިނުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ.