ވިލިމާލޭގައި އަޅާ 300 ހައުސިން ޔުނިޓްގެ މަސައްކަތް މި އަހަރު ފެށޭނެ ކަމަށާއި، އެ ޔުނިޓްތައް ޙާއްސަ ކުރެވިގެންދާނީ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު ވަނީ، މާލޭގެ އަވަށްތަކުގެ ތަރައްގީ ކުރިއަށްގެންދާނޭ ގޮތުގެ މަޝްވަރާ ކުރެެއްވުމަށް، މާލޭގެ އަވަށްތަކަށް އަމާޒުކޮށްގެން މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭ ފަރާތްތަކާއެކު ބައްދަލުވުންތަކެއް ބާއްވަވަން ނިންމަވާފައިވާކަން، މި ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް، 17 ނޮވެމްބަރު 2025 ގައި "ރައްޔިތުންނާއެކު ކުރިއަށް- ހަފުތާ 104" ނަމުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ޢިއުލާންކުރަށްވާފައެވެ.
މިގޮތުން މީގެ ފުރަތަމަ ބައްދަލުވުން އެމަނިކުފާނު ބާއްވަވާފައި ވަނީ މިރޭ ވިލިމާލެ ރައްޔިތުންނާއެކުގައެވެ.
ވިލިމާލެ ރައްޔިތުންނާ ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ވިލިމާލޭގެ ރައްޔިތުންނަށް ވެފައިވާ ވައުދުތަކުގެ ތެރެއިން ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަކީ އެމަނިކުފާނު ވެވަޑައިގެންނެވި މުހިންމު ވައުދެއް ކަމަށެވެ. މި މައްސަލަ ހައްލު ކުރުމަށްޓަކައި 300 ހައުސިން ޔުނިޓުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި މަޝްރޫޢަކީ ތިން ކޮޓަރީގެ އެޕާޓްމަންޓްތައް ހިމެނޭ ޔުނިޓުތަކެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢުގެ ޚާއްސަ ކަމާއި ފައިސާގެ ކަންކަން ހަމަޖެހިފައިވާކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، ވިލިމާލޭގައި އަޅާ 300 ހައުސިން ޔުނިޓު ޙާއްސަ ކުރެވިގެންދާނީ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަމަށެވެ.
''މިމަޝްރޫޢު މިއަހަރުގެ ތެރޭގައި ކޮންޓްރެކްޓަކާއި ހަވާލުކުރެވި މަސައްކަތް ފެށިގެންދާނެ. މިމަސައްކަތަށް ބޭނުންވާ ފައިސާ ވަނީ ހަމަޖެހިފައި، ފައިސާގެ އެއްވެސް ދަތިކަމެއް މިމަސައްކަތުގައި ނެތް." ރައީސް ވިދާޅުވެފަވެއެވެ.
މި 300 ހައުސިން ޔުނިޓަކީ މާލެ ސަރަޙައްދުގައި ޖުމުލަ 3000 ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ ސްކީމްގެ ދަށުން ހިންގާ މަޝްރޫޢެކެވެ. މި ސްކީމްގެ ދަށުން ވިލިމާލެއަށް 300 ޔުނިޓު ޚާއްސަ ކުރެވޭއިރު، ބާކީ 2700 ޔުނިޓު ތަރައްޤީކުރަނީ ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައެވެ.
ސަރުކާރަށް ދެ އަހަރު ފުރުމާއި ގުޅުވައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ، އަތޮޅުތަކުގައި މި ބައްދަލުވުންތައް ކުރިއަށް ގެންދެވުނު ފަދައިން މާލޭ ސަރަހައްދުގައި މިފަދަ ބައްދަލުވުންތަކެއް މާލޭގެ ހަތަރު އަވަށާއި، ވިލިނގިލި، އަދި ހުޅުމާލޭގެ ދެ ފޭސްގައި ދިރިއުޅޭ ރައްޔިތުންނާއެކު ބާއްވަވާނެކަމަށް ވިދާޅުވެފައެވެ. ރައީސް މީގެ ކުރީން ވަނީ ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށަކަށް ވަޑައިގެން އެރަށްތަކުގެ ރައްޔިތުންނާއި ބައްދަލުކުރަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!