ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް އެ ކޯޓުގެ ފަނޑިޔާރުކަމުގެ އެމަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ހައިކޯޓުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވަނީ ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާދެއްވާފައިވާކަމަށް ބުނެފައެވެ. އަދި ފަނޑިޔާރުކަމުގައި ހުންނަވައިގެން ކޮށްދެއްވި ޚިދުމަތަށް ޝުކުރުއަދާކޮށްފައި ވެއެވެ.

Ad
rt

ފައިސަލް އިސްތިއުފާ ދެއްވިއިރު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އޭނާއާ ގުޅޭ މައްސަލަތަކެއް ބަލަމުން އަންނަކަމަށް އޮތީ އަޑު ފެތުރިފައެވެ. އަދި ސޯޝަލް މީޑިއާގައި ވެސް އޭނާއަށް ބޮޑެތި ތުހުމަތުތަކެއްކޮށް ބައެއް މީހުން ވާހަކަދައްކާފަވެއެވެ.

ޖޭއެސްސީން ވަނީ މީގެ ކުރިން ފައިސަލް ހައި ކޯޓުގެ އިސް ފަނޑިޔާރުކަމަށް ފާސްކޮށްފަ އެވެ. ނަމަވެސް އެ މަގާމަށް ރަސްމީކޮށް އޭނާ ހަވާލުކޮށްފައެއް ނުވެ އެވެ.

މީގެ އިތުރުން، ހައި ކޯޓުގެ ހިންގުމާ ހަވާލުވެ ހުންނެވުމަށް ފަހު މިދިޔަ ހަފުތާގައި އެ މަގާމުން ވެސް އޭނާ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އެއާ އެކު ހައި ކޯޓު ހިންގުން ވަގުތީ ގޮތުން ހަވާލުކުރީ ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާއާ އެވެ.

ފަނޑިޔާރު ފައިސަލް ހައި ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވީ 2018 ވަނަ އަހަރުގެ ޖުލައި 24 ގަ އެވެ.

މުހައްމަދު ފައިސަލް އިސްތިއުފާ ދެއްވިއިރު، ހައި ކޯޓުގެ އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު މުހައްމަދު ނިޔާޒު ވެސް ރިޓަޔަކުރެއްވުމަށް ނިންމަވައި، ޖޭއެސްސީއަށް ހުށަހަޅުއްވައިފައިވާ ކަމަށް ވެ އެވެ.