އިޒްރޭލުގެ ޑްރޯން އަދި މިސައިލް ހަމަލާތަކެއްގައި، ފަލަސްތީނުގެ ޣައްޒާގައި މަދުވެގެން 24 ފަލަސްތީނު މީހުން ޝަހީދުކޮށްލައިފިއެވެ.

މި ހަމަލާތަކުގައި އެތައް ބަޔަކަށް އަނިޔާވެފައިވާކަމަށް ރިޕޯޓުތައް ބުނާއިރު، މިއީ މިދިޔަ މަހު ވެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފަށް އިޒްރޭލުން ދެމުންދާ ހަމަލާތަކެކެވެ.

Ad
rt

އިޒްރޭލުގެ ޑްރޯން އަދި މިސައިލް ހަމަލާތަކެއްގައި އުތުރު ޣައްޒާ އާއި މެދުތެރޭ ޣައްޒާގެ އެކި ހިސާބުތަކުން މަދުވެގެން 24 ފަލަސްތީނު މީހުން ޝަހީދުކޮށްލައި، އެތައް ބަޔަކަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށް ފަލަސްތީނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. މި ހަމަލާތަކުގެ ސަބަބުން ޢާންމު ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް މަންޒަރު ދުށް ފަރާތްތަކުން ބުނެއެވެ.

މިދިޔަ މަހު ވެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފަށް، އިޒްރޭލުން ޣައްޒާގެ "ޔެލޯ ލައިން" ކަމަށް ބުނާ ހަނގުރާމަ ހުއްޓާލުމުގެ ސަރަހައްދު ހުޅަނގަށް ޖައްސައި، ޣައްޒާގެ ތެރެއަށް ކުރިއަރަމުންދާ ކަމަށް ހަމާސްއިން ވަނީ ތުހުމަތުކޮށްފައެވެ. މިކަމުގެ ސަބަބުން މި ސަރަހައްދުގައި ހަމަލާތައް އިތުރުވެ، ހާލަތު އިތުރަށް ގޯސްވެދާނެ ކަމުގެ ކަންބޮޑުވުންތައް ވަނީ ފާޅުކޮށްފައެވެ.

މީގެ އިތުރުން، ހިފާފައިވާ ހުޅަނގު އައްސޭރީގެ ބައިތު އުރު އަލް-ތަހްތާ ކިޔާ އަވަށުގައި އިޒްރޭލުން މީހުން ދިން ހަމަލާއެއްގައި ފަލަސްތީނުގެ ހަ މީހުންނަށް އަނިޔާވެފައިވެއެވެ. މިކަހަލަ ހަމަލާތައް ހުޅަނގު އައްސޭރީގައިވެސް އަންނަނީ އިތުރުވަމުންނެވެ.

މި ހަމަލާތަކުގެ ތެރެއިން ތެލްއަވީވްގެ ހޮސްޓޭޖް ސްކުއަރަށް އެއްވި އެތައް ހާސް އިޒްރޭލު މީހުން ވަނީ ޣައްޒާގައި އަދިވެސް ހިފަހައްޓާފައިވާ ތިން އިޒްރޭލު މީހުންގެ ހަށިގަނޑު އަނބުރާ ދިނުމަށް ގޮވާލައި މުޒާހަރާކޮށްފައެވެ. މި މުޒާހަރާގައި ބައިވެރިވި މީހުން ގޮވާލަމުން ދިޔައީ އިޒްރޭލު ސަރުކާރުން މި މީހުން އަނބުރާ ގެނައުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށެވެ.

މީގެ އިތުރުން އިޒްރޭލުން އަންނަނީ ލުބްނާނަށް ވެސް ވަރުގަދަ ހަމަލާތައް ދެމުންނެވެ. ލުބުނާނުގެ ހެލްތު މިނިސްޓްރީން ބުނީ، އިޒްރޭލުގެ ވައިގެ ހަމަލާއެއްގައި ބިންތު ޖުބައިލް ޑިސްޓްރިކްޓްގެ ވަދީ ސަލޫގީ ސަރަހައްދުން ވެހިކަލަކަށް ހަމަލާދީ އެކަކު މަރާލާފައިވާ ކަމަށެވެ. އަދި ޒައުތަރު އަލް-ޝަރުގިއްޔާ ސަރަހައްދަށް ދިން އަނެއް ހަމަލާއެއްގައި ވެސް އިތުރު މީހަކު މަރުވެފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. މި ހަމަލާތަކުގެ ސަބަބުން ލުބުނާނުގެ ބޯޑަރު ސަރަހައްދުގެ ހާލަތުވެސް ގޯސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އޮކްޓޯބަރު 2023 އިން ފެށިގެން، އިސްރާއީލުން ޣައްޒާއަށް ކުރަމުންދާ ހަނގުރާމައިގައި ޝަހީދު 69،546 މީހުން މަރުވެ، 170,833 މީހުން ޒަޚަމްވެފައިވެއެވެ. ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވި ފަހުން އިޒްރާލުން ދިން ހަމަލަތަކުގައި 312 މީހުން ޝަހީދުވެފައިވާއިރު، 760 މީހުން ޒަޚަމްވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.