ޒުވާނުން ބާރުވެރިކުރުވައި، ހުނަރުވެރިކުރުވައި، މުޖުތަމަޢުގެ އެކި ފަރާތްތަކާއެކު އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް ސަރުކާރުން މާލޭގައި ތަރައްޤީކުރެއްވި ފުރަތަމަ "ޒުވާނުންގެ ވެހި" މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.

މި މަރުކަޒަކީ ޒުވާނުންގެ "ތަރޑް ސްޕޭސް" ނުވަތަ ޒުވާނުންނަށް ޚާއްޞަ މަރުކަޒެއްގެ ގޮތުގައި ބޭނުންކުރުމަށް ތަރައްޤީކުރެއްވި ތަނެކެވެ.

Ad
rt

ލިލީމަގުގައި ހުންނަ، މުލީއާގެ ގަރާޖުގެ ގޮތުގައި ކުރިން ބޭނުންކުރަމުން އައި އިމާރާތާއި ގޯތި، ޒުވާނުންގެ ވެހީގެ ގޮތުގައި ތަރައްޤީކުރައްވައި ރަސްމީކޮށް އެތަން ހުޅުއްވައިދެއްވީ، އެކަމަށް ޚާއްޞަކުރައްވައިގެން މިއަދު ހަވީރު އޮތް ރަސްމިއްޔާތެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ޒުވާނުން ބާރުވެރިކުރުވައި، ހުނަރުވެރިކަން ކުރިއެރުވުމަށް ފުރުޞަތު ފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދުފުޅުތަކާ އެއްގޮތަށް، މި ވެހިން ގިނަ ޚިދުމަތްތަކަކާއި ފުރުޞަތުތަކެއް ޒުވާނުންނަށް ލިބިގެންދާނެކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މި ވެހީގައި ފާހަގަކޮށްލެވޭ ޚިދުމަތްތަކުގެ ތެރޭގައި ކުރެހުންތެރިންނަށް ޚާއްޞަ ސަރަޙައްދަކާއި، މިއުޒިކް ރެކޯޑިންގްއަށް ޚާއްޞަ ސަރަޙައްދެއް ހިމެނެއެވެ. މީގެ އިތުރުން، ޒުވާނުންގެ ނަފުސާނީ ދުޅަހެޔޮކަމަށް ޚާއްޞަ އިސްކަމެއްދެއްވައިގެން ހިންގޭ "ހެޕިނަސް ލައުންޖު"ގެ ޚިދުމަތްތައްވެސް މި މަރުކަޒުން ލިބެން ހުންނާނެއެވެ.

ޒުވާނުންގެ ވެހި ފަރުމާކުރައްވާފައިވަނީ ކަންކަން އުނގެނުމަށާއި، އެކި ކަހަލަ ހުނަރުތައް ދަސްކޮށްދިނުމަށާއި، އެކަކު އަނެކަކާ ބައްދަލުކޮށް ގުޅުން ބަދަހިކުރުމަށް މަގުފަހިވާގޮތަށް، ޒުވާނުންނާއި ތިމާވެއްޓާ ރައްޓެހި ތަނެއްގެ ގޮތުގައެވެ. މި މަރުކަޒުގެ ތެރެއިން އެކިކަހަލަ ބޫޓް ކޭމްޕްތަކާއި، ސްކިލް އެކްސްޗޭންޖް ޕްރޮގްރާމްތަކާއި، ވަރޗުއަލް ރިއަލިޓީ ޓްރެއިނިންގ، ކޮމިއުނިޓީ އާޓް ވޯލް، އިންޓްރެކްޓިވް ކޮމިއުނިޓީ ހަބް، އަދި ކަލިނަރީ އިވެންޓްތައް ބޭއްވުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. މީގެ އިތުރުން، މި ސަރަޙައްދަކީ ގިނަ ސްކޫލްތަކެއް ހުންނަ ސަރަޙައްދަކަށްވާއިރު، އިތުރު ޚަރަދަކާ ނުލައި، ސްޓޫޑަންޓް އައި.ޑީއާއެކު ޒުވާނުންގެ ވެހީގެ ސްޓަޑީ ހޯލްތަކުގެ ބޭނުން ކިޔަވާ ކުދިންނަށް ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސަވާފައެވެ.

މުލީއާގެ ގަރާޖުގެ ގޮތުގައި ބޭނުންކުރަމުން އައި އިމާރާތާއި ގޯތި، މުޖުތަމަޢަށް ފައިދާހުރި ކަންތައްތަކެއް ކުރާ ތަނަކަށް ބަދަލުކުރުމަށް ނިންމަވައި، ޒުވާނުންނާ ގުޅޭ ހަރަކާތްތައް ހިންގުމަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލު ހޯދައިދިނުމުގެ ގޮތުން، "ޒުވާނުންގެ ތަރޑް ސްޕޭސް" ގެ ގޮތުގައި އެ ސަރަޙައްދު ތަރައްޤީކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ 2024 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 18 ވަނަ ދުވަހުއެވެ.

ރަސްމީކޮށް މި ވެހި ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެ މަރުކަޒު ބައްލަވާލައްވައި، އެކި ޚިދުމަތްތަކާ ބެހޭ ގޮތުން މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.