ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖެއާއި ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމާ ދެމެދު ކުޅެވޭ ފުޓްބޯޅަ މެޗުގެ ސްވެނިއާ ޓިކެޓް ބައްލަވައިގެންފިއެވެ.
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނިގޮތުގައި މި މެޗުގެ ޓިކެޓް އެންމެ ފުރަތަމަ ބައްލަވައިގަތީ ރައީސް މުޢިއްޒެވެ.
މި ރަމްޒީ ޓިކެޓު ރައީސް މުޢިއްޒު އާއި ޙަވާލުކޮށްދެއްވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި އެފް.އޭ.އެމްގެ ރައީސް އަޙުމަދު ތާރިޤު (ޓޮމް) އެވެ.
ދިވެހިރާއްޖެއާއި ފަލަސްޠީނާ ދެމެދު ކުޅެވޭ އެކުވެރިކަމުގެ ފުރަތަމަ މެޗު މިރޭ ކުޅެވޭއިރު، ދެ ޓީމުގެ މެދުގައި ކުޅެވޭ ދެވަނަ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭގައެވެ.
މި މެޗުތަކާ ގުޅިގެން ވިއްކާ ސްވެނިއާ ޓިކެޓްތަކަކީ ފަލަސްޠީނުގެ ފުޓްބޯޅަ އަލުން ދިރުވައި ތަރައްޤީކުރުމަށް އެހީތެރިވުމުގެ ގޮތުން އެފް.އޭ.އެމުން ވަކި އަދަދަކަށް ވިއްކާ ޓިކެޓްތަކެކެވެ.
ޕްލެޓިނަމް އަދި ގޯލްޑް ކެޓަގަރީ ހިމެނޭ މި ޓިކެޓްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ބައްލަވައިގެންނެވީ ޕްލެޓިނަމް ޓިކެޓެވެ.
ޓިކެޓް ވިއްކައިގެން ލިބޭ ފައިސާ ހަދިޔާކުރުމަށް ހަމަޖެހިފައި ވަނީ ހަނގުރާމައިގެ ހާލަތުގައި އޮތް ފަލަސްޠީނުގެ ފުޓްބޯޅަ އެސޯސިއޭޝަނަށް ކަމަށް އެފް.އޭ.އެމުން ހާމަކުރައްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!