ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުގެ ބެޖާއި އައްޑަނަޔާއި ހަނދާނީ ލިޔުން 97 ބޭފުޅަކަށް މިއަދު ދެއްވައިފިއެވެ.

މި ޝަރަފުވެރި އިނާމުތައް އެ ބޭފުޅުންނަށް ދެއްވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ބޭއްވެވި ރަސްމީ ޖަލްސާގައެވެ.

Ad
rt

މިއީ ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ޤާބިލުކަމާއި އިޚްލާޞްތެރިކަމާއެކު ކުރައްވައިފައިވާ ޚިދުމަތްތަކަށާއި، އެ ބޭފުޅަކު ވަޒީފާ އަދާކުރެއްވި މުއައްސަސާގެ ކުރިއެރުމަށް ކުރައްވައިފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން، ޤައުމީ ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވަން ފެއްޓެވި ޝަރަފުވެރި އިނާމެކެވެ.

މިއަދު އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނެނީ 35 އަހަރާއި 39 އަހަރާ ދެމެދުގެ މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންނެވެ. މީގެ ކުރިން މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވަނީ 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތްކުރެއްވި 94 ބޭފުޅުންގެ ޚިދުމަތުގެ އަގުވަޒަންކުރައްވާ އިނާމު ދެއްވާފައެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ ޤައުމީ އިނާމު ލިބިވަޑައިގަތް ބޮޑުތިލަދުންމައްޗަށް ނިސްބަތްވާ ބޭފުޅުން

  • ފާތިމަތު މުހައްމަދު، ޔަމަން/ ހދ. ކުޅުދުއްފުށި ސިޓީ، ޚިދުމަތް ކުރެއްވި މުއްދަތު 38 އަހަރު،
  • އަބުދުއްލަތީގް އިބްރާހިމް، ވައިޖެހޭގެ/ ހއ. އުތީމު، ޚިދުމަތް ކުރެއްވި މުއްދަތު 37 އަހަރު،
  • އާސިމާ ޢަލީ އަބުދުއްރަޙްމާން، ކާނިގޮސްދަށުގެ/ ހދ. ނައިވާދޫ، ޚިދުމަތް ކުރެއްވި މުއްދަތު 36 އަހަރު،
  • މުހައްމަދު ނަސީރު، ވާދީގެ/ހދ. މަކުނުދޫ، ޚިދުމަތް ކުރެއްވި މުއްދަތު 36 އަހަރު،
  • ސާޖަންޓް މޭޖަރ ޙަސަން އިބްރާހީމް، ނަލަރީތިގެ/ ހދ. ކުޅުދުއްފުށި ސިޓީ، ޚިދުމަތް ކުރެއްވި މުއްދަތު 35 އަހަރު،
  • އަބުދުއްލަތީފް ޙަސަން، ކަށިމާވިލާ/ ހއ. ދިއްދޫ، ޚިދުމަތް ކުރެއްވި މުއްދަތު 35 އަހަރު،
  • ވޮރަންޓް އޮފިސަރ ގްރޭޑް2 އަބުއްރައްޒާޤް އަބުދުއްރަޙްމާން، ކާށިދޫގެ/ ހއ. ބާރަށް، ޚިދުމަތް ކުރެއްވި މުއްދަތު 35 އަހަރު،

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމުގެ ނަމުގައި މި އިނާމު ދެއްވަން ފެއްޓެވީ 2021 ވަނަ އަހަރުގައެވެ. އެއީ، ވަރަށް ދިގު މުއްދަތަކަށް އިޚުލާޞްތެރިކަމާއެކުގައި ޚިދުމަތް ކުރައްވައިފައިވާ ގިނަ އަދަދެއްގެ ބޭފުޅުންގެ ޚިދުމަތުގެ އަގު، ޤައުމީ ފެންވަރެއްގައި ވަޒަންކުރެއްވުމުގެ މުހިންމުކަން ފާހަގަކުރެވިގެންނެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދެއްވާނެ ބޭފުޅުން ކަނޑައެޅުއްވުމުގެ މަސައްކަތް ކުރެއްވީ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ.