ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރަކީ އުތުރުގައި ފަތުރުވެރިކަމަށް އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް ލިބޭ ކޮންފިޑެންސެއްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢު ނިންމައި ހުޅުވަން މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ބޮޑުތިލަދުންމަތީގައި ޓޫރިޒަމް ތަރައްގީކޮށް ފުޅާކުރުމަކީ އެމަނިކުފާނުގެ ރިޔާސީވައުދުފުޅެއްކަން ފާހަގަކުރަށްވަމުން ރައީސް ވަނީ ކުރަށްވަމުން ގެންދަވަނީ އެ މަސައްކަތްޕުޅުކަމަށް ވިދާޅުވެފައެވެ.
''ރިޔާސީ އިންތިޚާބުގައި އަޅުގަނޑު ވަޢުދުވިން އަދި އެ މަސައްކަތް ކުރަމުން މިދަނީ މިއަތޮޅަށް، މި ސަރަހައްދަށް ޓޫރިޒަމް ފުޅާކުރުމަށް، މި ސަރުކާރުން ކަންކަން ފަހިކޮށްދީގެން އެމްޓީޑީސީ އަށް ކަންކަން ފަހިކޮށްގެން މިހާރު އެވަނީ ނާގޯށީގައި މަސައްކަތް ފެށިފައި، އެއީ ޓޫރިޒަމް މިއަތޮޅަށް ގެނައުމުގައި އަދި ބޮޑުތިލަދުންމަތީގައި ޓޫރިޒަމް ފައްކާކުރުމުގެ އެންމެ މުހިންމު ނަތީޖާ ނެރެދޭނެ އެންމެ މުހިންމު އެއް ފިޔަވަޅަށް ވާނެ'' ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ ބޮޑުތިލަދުންމަތީގެ ހއ.ހދ.ށ އަތޮޅުގައި ރިސޯޓު ތަރައްގީ ކުރަން ހާއްސަ ލުއިތަކެއް ދީފައިވާކަން ފާހަގަކުރަށްވާފައެވެ. އަދި އެ ފުރުސަތުގެ ދަށުން ގިނަ ފަރާތްތަކަކުން ކުރިމަތިލާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެ ފަރާތްތަކަށް ރަށްތައް ދޫކުރުމުގެ ޕްރޮސެސް މިހާރު ކުރިއަށްދާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
''އެހެންވީމަ އެ އިންވެސްޓްމަންޓްތައް ހުށަހަޅާ ފަރާތްތަކުގެ ކޮންފިޑެންސަށް ވެސް އަދި ކުރިއަތް އޮތްތަނުގައި މިއަތޮޅުތަކުގެ ޓޫރިޒަމް ކުރިއެރުވުމުގައި ވެސް މި އެއާޕޯޓު ޔަގީނުން ވެސް ވަރަށް ބޮޑު ބޫސްޓެއް ގެންނާނެ، އަޅުގަނޑުމެން ބޭނުން ވަނީ ނަތީޖާ'' ރައީސް ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ، މި ދޮރާއްޓަކީ ( ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެ ބަނދަރަކީ) ރާއްޖޭގެ ތަރައްގީ ދެމެހެއްޓެނިވި ގޮތެއްގައި ހާސިލް ކުރުމުގައި ވަރަށް މުހިންމު ވަސީލަތެއް ކަމަށެވެ. އަދި އެއީ ހަނިމާދޫ އާއި ހދ.އަތޮޅާއި ބޮޑުތިލަދުންމަތީގެ ހުރިހާ ރައްޔިތުންނަށް ލިބިގެންދާ ފުރުސަތެއްކަމަށް ރައީސް ވިދާޅުވިއެވެ.
''އަޅުގަނޑު އެދެނީ މި ފުރުސަތު ވަރަށް ފުނާމިނުގައި ބަލައިގަންނަން، ބޭނުން ހިފަން ފަށަން، މިއަތޮޅުގައި ހާއްސަކޮށް މިއަތޮޅުގައި ވެސް އެކަށީގެންވާ ވަރަކަށް ޓޫރިޒަމެއް އަދި ނެތް،'' ރައީސް ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!