ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢު ނިންމައި މިރޭ ރަސްމީކޮށް ހުޅުވައިފިއެވެ.
ހަނިމާދޫ އެއާޕޯޓް ސަރަހައްދުގައި މިކަމަށް ބޭއްވި ރަސްމިއްޔާތުގައި ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީކުރުމަށްފަހު ހުޅުވައިދެއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި، ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގަތެވެ. އަދި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި، މަޖިލީހުގެ ރައީސް ޢަބުދުއްރަޙީމް ޢަބުދުﷲ އާއި ސަރުކާރުގެ ވެރިން ބައިވެރިވެވަޑައިގަތެވެ.
ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ހުޅުވިގެން ދިޔައީ ހަވާ އެރުވުމުގެ ހަރަކާތަކާއެކުގައެވެ.
މި ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން އިންޑިއާގެ މިނިސްޓަރ އޮފް ސިވިލް އޭވިއޭޝަން ކިންޖަރާޕޫ ރާމް މޯހަން ނައިޑޫ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ހުޅުވުމާއެކު، އެ އެއާޕޯޓްގައި ބަހައްޓާފައިވާ ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑޮލަރު އޭޓީއެމާއި، ވައިގެ ބަނދަރުގެ ޑޮލަރު ކައުންޓަރ ރައީސް މުޢިއްޒު ވަނީ ހުޅުއްވައިދެއްވާފައެވެ.
މީގެ އިތުރުން ރައީސް ވަނީ ވައިގެބަނދަރުގެ ޓާމިނަލް ބައްލަވާލައްވާފައެވެ.
އިންޑިއާގެ އެގްޒިމް ބެންކާއި ދިވެހި ސަރުކާރާ ދެމެދު، 2019 ގައި ސޮއިކުރި 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މަޝްރޫޢުއެއްގެ ގޮތުގައި ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށީ 18 ޖެނުއަރީ 2023 ގައެވެ. މި މަޝްރޫޢުއަށް ދޫކޮށްފައި ވަނީ އޭގެ ތެރެއިން 137 މިލިއަން ޑޮލަރެވެ.
މި މަޝްރޫޢުގެ މަސައްކަތްކޮށްފައި ވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑުންނެވެ. ޖޭއެމްސީ ޕްރޮޖެކްޓްސްއަކީ އިމާރާތް ކުރުމުގެ ދާއިރާއާއި ހަކަތައިގެ ދާއިރާގެ މަޝްރޫއުތައް ހިންގާ އިންޑިއާގެ ކުންފުންޏެކެވެ.
ހަނިމާދޫގައި ތަރައްގީކުރި ވައިގެ ބަނދަރުން އަހަރަކު 1.2 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭއިރު، މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއެއް ވަނީ އަޅާފައެވެ.
މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ބޮޑު މިނުގައި 42،000 އަކަފޫޓު ހުންނަ އޭޕްރަނަކާއި، 2،400 މީޓަރުގެ ރަންވޭއަކާއި 10،500 އަކަމީޓަރުގެ ޕެސެންޖާ ޓާމިނަލެއް ވަނީ ތަރައްގީ ކޮށްފައެވެ. އަދި 3،800 އަކަމީޓަރުގެ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި، ފިއުލް ޖެޓީ އެއް ވެސް ވަނީ އަޅާފައެވެ.
މިދިޔަ 2024 ވަނަ އަހަރު ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން މި ވައިގެބަނދަރުގެ ރަންވޭ ވަނީ ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާފައެވެ. މި ރަންވޭ އިފްތިތާޙްކޮށްދެއްވީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވި ރަސްމިއްޔާތެއްގައި 7 އޮކްޓޯބަރު 2024 ގައި ރައީސް މުޢިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ.
ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢުގެ ދަށުން ތަރައްގީކުރި އައު ޓާމިނަލުން 15 އޮކްޓޯބަރު 2025 އިން ފެށިގެން ވަނީ ޚިދުމަތްދޭން ފަށާފައެވެ.
ހަނިމާދޫގައި ވައިގެބަނދަރެއް ތަރައްގީކޮށް ހުޅުވީ، ކުރީގެ ރައީސް މައުމޫން އަބުދުއްޤައްޔޫމްގެ ވެރިކަމުގައި 28 އޮކްޓޯބަރު 1990 ގައެވެ. އޭގެފަހުން އެ ވައިގެ ބަނދަރު ބައިނަލްއަގްވާމީ ވައިގެ ބަނދަރަކަށް ބަދަލުކުރީ 2 ފެބްރުއަރީ 2013 ގައި ރައީސް ވަޙީދުގެ ވެރިކަމުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!