މަރްޔަމް ރައްޔާ އަޙްމަދު، (20 އަހަރު) ނޫތަރި / ހއ. އިހަވަންދޫ ކީރިތި ޤުރުއާން ހިތުދަަސްކޮށް ހާފިޡުކަމުގެ ސަނަދު ހާސިލުކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ ރައްޔާ ކީރިތި ޤުރުއާން ހިތުދަަސްކޮށް ހާފިޡުކަމުގެ ސަނަދު ހާސިލުކޮށްފައިވާކަން ހާމަކޮށްފައެވެ. އަދި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވަނީ ރައްޔާ އާއި ރައްޔާގެ ޢާއިލާ އާއި ބައްދަލުކުރަށްވާ މަރުޙަބާ ވިދާޅުވެ ހިތްވަރު ދެއްވާފައެވެ.
ރައްޔާ އަކީ އިހަވަންދޫގެ ތާރީޚުގައި، ފުރަތަމަ ފަހަރަށް ކީރިތި ޤުރުއާން ހިތުދަަސްކޮށް ހާފިޡާކަމުގެ ސަނަދު ހާސިލުކުރި ޙާފިޡެވެ.
ރައްޔާގެ މި ކާމިޔާބީ އަށް އިހަވަންދޫ ކައުންސިލުން ވަނީ މަރުޙަބާ ކިޔައި ޢާއިލާ އަށް ތަހުނިޔާ ފޮނުވާފައެވެ.
ރައްޔާގެ މި ކާމިޔާބީ އާއި ގުޅިގެން އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ޞަބާޙް ''ތިލަދުން'' އަށް ވިދާޅުވީ، ރައްޔާގެ މިކާމިޔާބީ އަކީ ރަށަށް ލިބުނު ބޮޑު ޝަރަފަކާއި ފަޚުރެއްކަމަށެވެ. އަދި ޙާފިޡު ކަމުގެ ސަނަދު ހޯދާ ރަށުގެ ދަރީންނަށް އެފަދަ ކޮންމެ ޙާފިޡަކަށް 50،000 ރުފިޔާގެ އިނާމަށް ދިނުމަށް ކައުންސިލުން ނިންމާފައިވާތީ، އެ އިނާމް ފުރަތަމަ ހާސިލްކުރާ ޙާފިޡާއަކީ ރައްޔާކަން ސަބާހް ވަނީ ފާހަގަކުރަށްވާފައެވެ.
އިސްލާމިކް މިނިސްޓްރީން އެންމެ ފަހުން ޢާންމުކުރި މައުލޫމާތަށް ބަލާއިރު، ރާއްޖޭގެ ޙާފިޒުންގެ ޖުމުލަ އަދަދު 284 އަށް ވަނީ އަރާފައެވެ. މި ލިސްޓަށް ރައްޔާ އިތުރުވުމާއެކު މި ޢަދަދު 285 އަށް ވަނީ މިހާރު އަރާފައެވެ.
ކީރިތި ޤުރުއާން ހިތުދަސްކޮށް ހާފިޒުކަމުގެ ސަނަދު ހާސިލްކުރާ ފަރާތްތަކަށް ދެމުން އަންނަ އެލަވަސް ބޮޑުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުގެ ދަށުން މި އަހަރުގެ އޯގަސްޓް މަހުން ފެށިގެން ހާފިޒުންގެ އެލަވަންސް ވަނީ ބޮޑުކޮށްފައެވެ. ކުރިން ހާފިޒުންނަށް ސަރުކާރުން ދެމުން އައީ 2000 ރުފިޔާގެ އެލަވަންސްއެކެވެ. ނަމަވެސް އެ އަދަދު އޯގަސްޓުން ފެށިގެން ވަނީ 4000 ރުފިޔާއަށް ބަދަލުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!