ޖެނެރޭޝަން ބޭން ނުވަތަ 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނެ ކުދިންނަށް ދުންފަތް މަނާކުރުމުގެ ގާނޫނަށް އަމަލުކުރަން ފެށުން ފާހަގަކުރުމުގައި ބައިވެރިވުމުގެ ގޮތުން ކުޅުދުއްފުށި ސިޓީގައި 24 ގަޑި އިރުގެ ހިނގާލުމެއް ބާއްވަން ނިންމައިފިއެވެ.

މި ހިނގާލުން ނުވަތަ "ވޯކަތޯން" ބޭއްވުމަށް ހަމަޖެހިފައިވަނީ 31 އޮކްޓޯބަރ ވާ ހުކުރު ދުވަހުގެ ހަވީރު 4 އިން 1 ނޮވެމްބަރ ވާ ހޮނިހިރު ދުވަހުގެ ހަވީރު 16:30 އަށެވެ. މިގޮތުން މި ހިނގާލުން ފެށެނީ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް މައިގޭޓު ކައިރިންނެވެ.

Ad
rt

ކުޅުދުއްފުށީގެ ހުރިހާ މުއައްސަސާތަކާއި ކްލަބް ޖަމިއްޔާތައް ގުޅިގެން ބާއްވާ މި ހިނގާލުމުގެ ތެރެއިން ސެޒޭޝަން ކްލިނިކުގެ އެހީއާއި، އެހެނިހެން ހަރަކާތްތަކުގެ ތެރެއިން ބޮޑުބެރު ޖެހުމާއި ފޮޓޯ ބޫތު ހިމެނެއެވެ.

ދުންފަތުގެ އިސްތިއުމާލު ކޮންޓްރޯލް ކުރުމުގެ ގާނޫނަށް މެއި މަހު ގެނައި ބަދަލާއެކު 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ މީހުންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާވާނެއެވެ. އަދި އެ ބަދަލާއެކު ދުންފަތުގެ ބާވަތްތައް ވިއްކޭނެ އެންމެ ހަގު އުމުރު 18 އަހަރުން 21 އަހަރަށް ވަނީ މަތިކޮށްފަ އެވެ.

ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް، ވޭޕާއި އީ-ސިނގިރޭޓު ރާއްޖެއަށް އެތެރެކުރުން ނޮވެމްބަރު 15 އިން ފެށިގެން ވަނީ މަނާކޮށްފަ އެވެ.

މޯލްޑިވްސް ކަސްޓަމްސް އިން މީގެ ކުރިން އާންމުކުރި މައުލޫމާތުގައިވާގޮތުން ރާއްޖެއަށް އަހަރަކު އެވްރެޖުކޮށް 500 މިލިއަން ސިނގިރޭޓް އެތެރެކުރުމަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހޭދަކުރެ އެވެ. ރާއްޖޭގެ ކޮންމެ 4 މީހަކުން އެކަކު ދުންފަތުގެ އިސްތިއުމާލް ކުރާ ކަމަށް ސްޓެޕްސް ސާވޭއިން ދައްކަ އެވެ. 2019 ވަނަ އަހަރުގެ ގްލޯބަލް ޔޫތު ޓޮބޭކޯ ސާވޭއިން ދައްކާ ގޮތުން ސްކޫލު އުމުރުގެ ކުދިންގެ ގާތްގަނޑަކަށް 45 ޕަސެންޓް ކުދިން ދުންފަތުގެ ބާވަތެއް ބޭނުންކުރެ އެވެ.

ޖެނެރޭޝަން ބޭން އަށް އަމަލުކުރަން ފެށުން ފާހަގަކުރަން، މާލޭގައި ވެސް 24 ގަޑިއިރުގެ ދުވުމެއް އޮންނާނެއެވެ. ސިއްހަތާބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުގައި މާލޭގައި މި ދުވުން އޮންނާނީ އެކުވެނި ޓްރެކްގައެވެ. މި ދުވުން ފަށާނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 4:00 ގައެވެ. މި ދުވުން ނިންމާލަން ހަމަޖައްސާފައިވަނީ، އެ ގާނޫނަށް އަމަލުކުރަން ފަށާ ދުވަސް، އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އަށެވެ. މި ދުވުން ކުރިއަށްދާއިރު ދުންފަތުން ދުރުވުމަށް އެހީތެރިވެދޭ ސިޒޭޝަން ކްލިނިކާއި އެޑްވޮކެސީ ސްޓޯލާއި ލައިވް މިއުޒިކް އަދި ފޮޓޯ ބޫތު ވެސް އެތަނުގައި ހުންނާނެއެވެ.