ނިއުޔޯކް ސިޓީގެ މޭޔަރުކަމަށް ކުރިމަތިލައްވާފައިވާ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޒޮހްރާން މަމްދާނީ، އިސްލާމީ އަދި މުސްލިމުންގެ ދީނީ އަދި ޘަޤާފީ ވަނަވަރު ދިފާޢުކުރައްވައި، ވާދަވެރިންގެ "ނަސްލީ" ހަމަލާތަކަށް ފާޑުވިދާޅުވެއްޖެއެވެ.
ނިއުޔޯކް ސިޓީގެ މޭޔަރުކަމުގެ އިންތިޚާބުގެ ވޯޓުލުން ފެށުމުގެ ކުރިން ދެއްވި ޖަޒުބާތީ ތަޤްރީރެއްގައި، މަމްދާނީ ވިދާޅުވީ އޭނާގެ އިސްލާމީ ދީނާއި ޘަޤާފަތް އިތުރަށް ދިފާއުކުރަށްވާނެ ކަމަށެވެ. އަދި ދިގު މުއްދަތެއްގައި ނިއުޔޯކް ސިޓީގެ މުސްލިމުން ކުރިމަތިލާންޖެހިފައިވާ "ނިކަމެތިކަމާއި އިހާނެތިކަން" ފާހަގަކުރެއްވިއެވެ.
ބްރޮންކްސްގެ މިސްކިތެއްގެ ބޭރުގައި ދީނީ ލީޑަރުންގެ ބަޔަކާއެކު ވާހަކަފުޅު ދައްކަވަމުން، މަމްދާނީ ހާމަކުރެއްވީ ސިޔާސީ މައިދާނަށް ނުކުންނެވިއިރު އޭނާގެ ދީނީ ވަނަވަރު ފޮރުވުމަށް ލަފާލިބުނު ކަމަށެވެ. ކަރުނަ ހިފަހައްޓަވަމުން އަޑު ބަދަލުވަމުންދިޔަ ހާލު، މަމްދާނީ ވަނީ މުސްލިމުންނާއި އިސްލާމް ދީން ދިފާއުކުރަށްވައި، މުސްލިމުންނާމެދު ގެންގުޅޭ ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ.
"އަޅުގަނޑުގެ ޚާލާގެ ހަނދާނަށް ވާހަކަދައްކަން ބޭނުންވޭ. ސެޕްޓެމްބަރ 11 ގެ ހާދިސާއަށްފަހު އެކަމަނާ ސަބްވޭގައި ދަތުރުކުރުން ހުއްޓާލެއްވީ ހިޖާބު އަޅައިގެން އުޅުއްވުމުގައި ރައްކާތެރިކަން ނެތް ކަމަށް އިހްސާސްވެވަޑައިގެންނެވުމުގެ ސަބަބުން. އަޅުގަނޑުމެންގެ ސިޓީއަށް ޚިދުމަތްކުރާ މުސްލިމުންނަށް ވާހަކަދައްކަން ބޭނުންވޭ. އެއީ އަޅުގަނޑުމެންގެ ސްކޫލްތަކުގައި ކިޔަވައިދޭ މުދައްރިސުންނަށް ވިޔަސް، ނުވަތަ އެން.ވައި.ޕީ.ޑީގައި މަސައްކަތްކުރާ ފުލުހުންނަށް ވިޔަސް." މަމްދާނީ އިތުރަށް ވިދާޅުވެފަވެއެވެ.
"ނިއުޔޯކުގައި މުސްލިމަކަށް ވުމަކީ ނިކަމެތިކަމާ ކުރިމަތިލާންޖެހޭނެކަން އުންމީދުކުރަންޖެހޭ ކަމެއް، ނަމަވެސް ނިކަމެތިކަމަކީ އަޅުގަނޑުމެން ތަފާތުވާ ކަމެއް ނޫން، އެތައް ނިއުޔޯކު ރައްޔިތުންނެއް މިކަމާ ކުރިމަތިލާންޖެހޭ، އެހެންނަމަވެސް މި ނިކަމެތިކަމަށް ކެތްތެރިވުމަކީ އަޅުގަނޑުމެން ތަފާތުވާ ކަމެއް." މަމްދާނީ އިތުރަށް ވިދާޅުވިއެވެ.
"އެއް އަހަރާއި އެއް ދުވަސް ކުރިން އަޅުގަނޑު މޭޔަރުކަމަށް ކުރިމަތިލި ހިނދު، އަޅުގަނޑުގެ މަޤްޞަދަކަށްވީ ހަމައެކަނި މުސްލިމް ކެންޑިޑޭޓަކަށްވުމެއް ނޫން، އަޅުގަނޑު މަސައްކަތްކޮށްފައިވަނީ ހުރިހާ ނިއުޔޯކު ރައްޔިތުންނަށްޓަކައި ވަކާލާތުކުރާ ކެންޑިޑޭޓަކަށް ވުމަށް، އަޅުގަނޑުމެންގެ ސިޓީގެ ތާރީޚުގައި ފުރަތަމަ ފަހަރަށް މުސްލިމް ކެންޑިޑޭޓެއްގެ ގޮތުގައި، މި މުޅި ރޭސްގައި އަޅުގަނޑު މި ނިކަމެތިކަމާއެކު ކުރިއަށް ދިޔައީ." މަމްދާނީ ވިދާޅުވެފަވެއެވެ.
މީގެއިތުރުން، މަމްދާނީ އޭނާގެ ވާދަވެރިން ކަމުގައިވާ އެންޑްރޫ ކުއޯމޯ އާއި ކަރޓިސް ސިލްވާއަށް އެ ކެންޑިޑޭޓުން އިސްލާމް ދީނާ ދެކޮޅަށް ދެއްކެވި ވާހަކަތަކަށް ވަނީ ފާޑުވިދާޅުވެފަވއެވެ.
"ކޮންމެ ދުވަހަކުވެސް، ސުޕަރ ޕެކް އިޝްތިހާރުތަކުން ދޭހަވަނީ އަޅުގަނޑަކީ ޓެރަރިސްޓެއް ކަމަށް، ނުވަތަ އަޅުގަނޑު ކާ ގޮތާމެދު މަލާމާތްކުރާ ކަމަށް" ފެންކަޅިވެ ހުންނަވާ ދެއްވި ޖަޒުބާތީ ސްޕީޗުގައި މަމްދާނީ ވިދާޅުވެފަވެއެވެ.
މަމްދާނީ މިވާހަކަ ދައްކަވާފައި ވަނީ ނިއުޔޯކް ސިޓީގެ މޭޔަރުކަމުގެ އިންތިޚާބަށް ވޯޓުލުން ފެށުމާއި ދިމާކޮށެވެ. މިއީ މި އަހަރުގެ އެންމެ ސަމާލުކަން ބޮޑު އެމެރިކާގެ އިންތިޚާބުތަކުގެ ތެރެއިން އެއް އިންތިޚާބެވެ. ނިއުޔޯކު މޭޔަރު ހޮވުމުގެ ވޯޓުލުން ފެށިފައިވާއިރު، މޭޔަރު ރޭހުގައި ވާދަކުރަށްވަނީ ޑިމޮކްރެޓިކް ޕާޓީގެ މުސްލިމް ކެންޑިޑޭޓް ޒަހްރާން މަމްދާނީ އާއި، ރިޕަބްލިކަން ޕާޓީގެ ކަރޓިސް ސިލްވާ، އަދި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލައްވާފައިވާ ކުރީގެ ގަވަރުނަރު އެންޑްރޫ ކުއޯމޯ އަށެވެ.
މަމްދާނީ އަކީ މުސްލިމަކަށްވުމުން އޭނާ ހޮވުނަ ނުދޭން ވަރުގަދަ ކެމްޕޭންތައް އެމެރިކާގެ އިތުރުން އެމެރިކާގެ ބޭރުގައި ވެސް އަންނަނީ ހިންގަމުންނެވެ. މަމްދާނީ އަކީ ކޮމިއުނިސްޓް އުސޫލުތައް ގެންގުޅޭ ވާތު ފިޔައިގެ ފިކުރުމުގެ ބޭފުޅެއްކަމަށް ސިފަކުރައްވައި އޭނާ ހައްޔަރު ކުރަންޖެހިދާނެކަމުގެ އިންޒާރު ވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޮތީ ދެއްވާފައެވެ. މަމްދާނީ އާއި ދެކޮޅު ކެމްޕޭނަށް ބިލިއަނުން ޚަރަދުކުރަމުން ދިޔަނަމަވެސް އެންމެފަހުން މެގި ޚިޔާލު ހޯދުމުގެ ސާވޭތަކުން ވެސް މަމްދާނީ އުޅެނީ ވަރަށް ކުރީގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!