ޑރ. ޝިރާނީ ލިޔުއްވާފައިވާ ފޮތް، "ހަޔާތުގެ ސަފްހާތަކުން ބާބެއް - އެކްޒީމާގެ ދަތުރު" ކުޅުދުއްފުށި ސިޓީ ޕަބްލިކް ލައިބްރަރީ އަށް ހަދިޔާކުރައްވައިފިއެވެ.
ޑރ. ޝިރާނީގެ މި ފޮތް އިއްޔެ ރަސްމީކޮށް ޕަބްލިޝްކޮށްފައިވާއިރު، ޑރ. ޝިރާނީގެ މަންމަ، ޚަދީޖާ އާދަމް އާއި ކޮއްކޮ، ސަނާ އަބްދުއްރަހްމާން، ޝަމްރާ އަބްދުއްރަހްމާން އަދި މަރިޔަމް ޝާދިޔާއަށް ހަދިޔާކޮށް ތަޙްސީސުކުރައްވާފައިވާ މި ފޮތް ނެރެދެއްވީ ޑރ. ޝިރާނީގެ މަންމައާއި ބައްޕަ އެވެ.
ދިވެހި އަދި އިނގިިރޭސި ބަހުން ލިޔުއްވާފައިވާ އެ ފޮތުގެ ކޮޕީ އެއް ކުޅުދުއްފުށީގެ ޕަބްލިކް ލައިބްރަރީއަށް ހަދިޔާކުރައްވާފައިވާއިރު، މިފޮތް އާންމުންނަށް ގަންނަން ލިބޭނެގޮތަށް ކުރިއަށްއޮތް މަހެއްގެ ތެރޭގައި ލިބެންހުންނާނެކަމަށާއި، ކުރީ ބައިގައި އޯޑަރކުރުމަށް ހުޅުވާލާނެކަމަށް މައުލޫމާތު ލިބެއެވެ.
މިގޮތުން ޑރ. ޝިރާނީ ވިދާޅުވީ، މިފޮތް ލިޔުއްވުމަށް ގަސްތުކުރެއްވީ ޑރ ގެ ދަރިފުޅު އެކްޒީމާ ބަލީގެ ވޭން ތަހައްމަލުކުރާ ކުއްޖަކަށްވުމުން، ދިމާވި އަދި ދިމާވާ ގޮންޖެހުންތައް އެހެން އާއިލާތަކަށް ހިއްސާކޮށް، ޑރ ޝިރާނީގެ ތަޖުރިބާއިން އެހީތެރިކަމެއް ފޯރުކޮށްދީ، އެކަން ތަހައްމަލުކުރާ ފަރާތްތަކުގެ ހިތްވަރުން އެހެން ފަރާތްތަކަސްވެސް އެ ހިތްވަރު ފޯރުކޮށްދިނުމަށް ކަމަށެވެ.
ކުޅުދުއްފުށި ޕަބްލިކް ލައިބްރަރީން ވަނީ ޑރ. ޝިރާނީގެ އަގުހުރި ފޮތް ލައިބްރަރީއަށް ހަދިޔާކޮށްދެއްވާފައިވާތީ ޑރ. ޝިރާނީ އަދި އާއިލާއަށް ޝުކުރުއަދާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!