ހއ. އިހަވަންދޫގައި ބޭއްވި ހޭންޑްބޯލް ޓްރެއިނިންގ ކޭމްޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ޓްރެއިނިންގ ކޭމްޕް ނިންމާލުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ، އެމް.އެން.ޑީ.އެފް ނޯރތު އޭރިއާ ޑެޕިއުޓީ ކޮމާންޑަރ އަޙުމަދު ބޫލާޤު އެވެ. އަދި މި ރަސްމިއްޔާތުގައި އިހަވަންދޫ ކައުންސިލުގެ ރައީސް އަޙުމަދު ސޮބާޙް އާއި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

Ad
rt

މި ޓްރެއިނިންގ ކޭމްޕަކީ އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި އިހަވަންދޫ ކައުންސިލް އަދި އިހަވަންދޫ ޕޮލިސް ސްޓޭޝަންގެ އިތުރުން އެމް.އެން.ޑީ.އެފް ގުޅިގެން ކުރިއަށް ގެންދިޔަ ކޭޕްމެކެވެ.

އިހަވަންދޫގައި ބޭއްވި ހޭންޑްބޯލް ޓްރެއިނިންގ ކޭމްޕް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: އިހަވަންދޫ އތމ ކޮމިޓީ

މިގޮތުން 20 ދުވަހުގެ މުއްދަތުގެ މި ޓްރެއިނިންގ ކޭމްޕުގައި މުޅި ޖުމްލަ 85 ފަރާތަކުން ބައިވެރިވެފައިވާއިރު، ސެޓްފިކެޓް ހާސިލްކޮށްފައިވަނީ 78 ބައިވެރިންނެވެ.

މި ކޭމްޕް އާއި ގުޅޭގޮތުން އިހަވަންދޫ ކައުންސިލުގެ ރައީސް އަޙުމަދު ސޮބާޙް "ތިލަދުން" އަށް ވިދާޅުވީ، އިހަވަންދޫގަައި ކުރިއަށް ގެންދިޔަ މި ޓްރެއިނިންގ ކޭމްޕުގެ ސަބަބުން އިހަވަންދޫ ކަނބަލުން ހޭންޑްބޯޅާ ކުޅިވަރަށް އޮތް ޝައުޤުވެރިކަން އިތުރުވެ މޮޅެތި ކުޅުންތެރިން އުފެދިގެން ދާނެކަމަށެވެ.

އިހަވަންދޫގައި ބޭއްވި ހޭންޑްބޯލް ޓްރެއިނިންގ ކޭމްޕް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: އިހަވަންދޫ އތމ ކޮމިޓީ

އެގޮތުން ކުރިއަށް އޮތްތަނުގައި އިހަވަންދޫގައި ހޭންޑްބޯލް މުބާރާތްތައް ބާއްވާނެކަމުގެ ޔަގީންކަން އަރުވަމުން ރައީސް ވިދާޅުވީ، އިހަވަންދޫގައި ޒަމާނީ ހޭންޑްބޯޅާ ކޯޓެއް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ. އަދި އެ ކޯޓުގެ އެޅުމަށް މިހާރު ބިން ކަނޑައަޅާފައިވާނެކަމަށް ރައީސް ސޮބާޙް ފާހަގަކުރައްވާފައިވެއެވެ.