ދުނިޔޭގެ ސައިބަރ ކްރައިމްތަކާ ދެކޮޅަށް މަސައްކަތްކުރާ އދ.ގެ މުއާހަދާ ''ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އެގެއިންސްޓް ސައިބާކްރައިމް'' ގައި ރާއްޖެއިން ރަސްމީކޮށް ބައިވެރިވެ، ސޮއިކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބުނިގޮތުގައި މި މުއާހަދާގައި ރާއްޖެއިން ސޮއިކޮށްފައި ވަނީ ވިއެޓްނާމުގައި ކުރިއަށްދިޔަ ޔޫއެން ކޮންވެންޝަން އެގެއިންސްޓް ސައިބާ ކްރައިމްގެ ހައި ލެވެލް ބައްދަލުވުމުގެ ތެރެއިންނެވެ. މި މުއާހަދާގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލެވެ.

Ad
rt

މި މުއާހަދާގައި ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު ބޭއްވި ބައްދަލުވުމުގައި، މިނިސްޓަރ ޑރ. ޚަލީލް ވިދާޅުވީ، މި މުއާހަދާއަކީ ދިވެހިރާއްޖޭގެ ގައުމީ ޑިޖިޓަލް ސްޓްރެޓެޖީގެ މުހިންމު އެއް ތަނބުކަމަށެވެ. އަދި މިނިސްޓަރ ޑރ. ޚަލީލް ދެއްކެވި ވާހަކާގައި ވަނީ 2030 ވަނަ އަހަރު އަންނަންވާއިރަށް، ރާއްޖޭގެ އިޤްތިސާދުގެ %15 ބިނާވެގެން ވަނީ ޑިޖިޓަލް އިޤްތިޞާދެއް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި އާއި "މޯލްޑިވްސް 2.0" އަކީ ދެފުށް ފެންނަ އަދި ރައްޔިތުންނަށް އަމާޒުކޮށްގެން ހިންގާ ޑިޖިޓަލް އިކޯސިސްޓަމްއެއްކަން ފާހަގަކުރައްވާފައެވެ.

ޚަލީލް ވިދާޅުވިގޮތުގައި ރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ޓެކްނިކަލް ޤާބިލުކަން ހަނިވުމުގެ ސަބަބުން ސައިބަރ ރިސްކްގެ ނުރައްކާތައް ބޮޑު ނަމަވެސް، މި ގޮންޖެހުންތަކަކީ ދިވެހިރާއްޖޭގެ ޢަޒުމުތައް ހަނިކުރާނެ ކަމެއް ނޫނެވެ. އަދި މި މުއާހަދާގައި ސޮއިކުރުމުން، ދިވެހިރާއްޖެއިން ވަނީ ސައިބަރ ކްރައިމް ހުއްޓުވުމަށާއި، ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ކުށްތައް ކަނޑައެޅުމަށާއި، ތަޙްޤީޤުކުރުމާއި ދަޢުވާކުރުމުގައި ބައިނަލްއަޤްވާމީ ބައިވެރިންނާ އެކު އެއްބާރުލުން ވަރުގަދަކުރަން ލިބޭ ފުރުސަތެއްކަމަށް މިނިސްޓަރ ވަނީ ފާހަގަކުރަށްވާފައެވެ.

ފޮރިން މިނިސްޓަރު ޚަލީލް ވިދާޅުވެފައިވާ ގޮތުގައި މި މުއާހަދާގެ ސަބަބުން ޓެކްނިކަލް އެހީތެރިކަމާއި ތަމްރީނުތަކާއި މަޢުލޫމާތު ބަދަލުކުރުމުގެ ޤާބިލްކަން ލިބިގެންދާނެއެވެ.

އ.ދ. ގެ ޢާންމު މަޖިލީހުން 2024 ޑިސެމްބަރު 24 ގައި ފާސްކޮށްފައިވާ، ޔުނައިޓަޑް ނޭޝަންސް ކޮންވެންޝަން އަގެއިންސްޓް ސައިބަރކްރައިމްއަކީ ސައިބަރ ކްރައިމް ހުއްޓުވުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި އެއްބާރުލުން އިތުރުކުރުމާއި ބައިނަލްއަޤްވާމީ ގުޅުންތައް ބަދަހިކުރުމާއި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީ.ސީ.) މެދުވެރިކޮށް ހެކި ހިއްސާ ކުރުމާއި ހުނަރު ތަރައްގީ ކުރުމަށް މަގުފަހިވާ މުއާހަދާއެކެވެ.

މި މުއާހަދާގައި ރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގައެވެ.