ދިވެހިރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް ބައިނަލްއަޤްވާމީ ފުޓްބޯޅަ ފެޑެރޭޝަން (ފީފާ) އިން ދެމުންގެންދާ ހިތްވަރާއި އެހީތެރިކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޝުކުރު އަދާކުރައްވައިފިއެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ވެރިޔާ އިންފަންޓީނޯ އިއްޔެ ވަނީ ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ކުރަށްވާފައެވެ.

Ad
rt

މި ދަތުރުފުޅަށް އިޝާރާތްކުރައްވަމުން ރައީސް މުޢިއްޒު މީސްމީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ދިވެހިރާއްޖޭގައި މެހެމާންދާރީ އަދާކުރުމަކީ އެމަނިކުފާނަށް ލިބިވަޑައިގަތް ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އެގޮތުން ދިވެހިރާއްޖޭގައި ފުޓްބޯޅަ ކުރިއެރުވުމަށް ފީފާއިން ދެމުންގެންދާ ހިތްވަރާއި އެހީތެރިކަމަށްޓަކައި ރައީސް ވަނީ ޝުކުރު އަދާކުރަށްވާފައެވެ.

ރައީސް ވަނީ ރާއްޖޭގައި މި ރީތި ކުޅިވަރަށް އޮންނަ ލޯބި އިތުރަށް ފުޅާކުރުމަށްޓަކައި، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއެކު އޮންނަ ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ފީފާގެ ރައީސްގެ މި ދަތުރުގައި ރައީސް އިންފަންޓީނޯ އާއެކު މަޝްވަރާ ކުރެވިފައިވާ ކަމަށް ވިދާޅުވެފައެވެ.

ފީފާގެ ރައީސް އިންފަންޓީނޯ އިއްޔެ ރާއްޖެއަށް ކުރެއްވި ޒިޔާރަތަކީ އެފްއޭއެމްގެ ރައީސް އަޙްމަދު ތޯރިގުގެ ދައުވަތަކަށް ކުރެއްވި ދަތުރެކެވެ. މި ދަތުރުގައި އިންފަންޓީނޯ ރާއްޖެ ވަޑައިގަތީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ. އަދި ރޭ އިރާކޮޅު ވަނީ ރާއްޖެއިން ފުރާވަޑައިގެންފައެވެ.

ފީފާގެ ރައީސް ރާއްޖެ ވަޑައިގަތުމުން ހޫނު މަރުޙަބާއެއް

ފީފާގެ ރައީސްގެ މި ދަތުރުގައި ރައީސް މުޢިއްޒާއެކު ރަސްމީ ވާހަކަތައް ބާއްވަވާފައިވާއިރު، އިންފަންޓީނޯ އާއެކު ރައީސް ވެސް ބައިވެރިވެވަޑައިގަތް ޚާއްސަ ފުޓުބޯޅަ ފެސްޓިވަލެއް އިއްޔެ ހަވީރު ވަނީ ގަލޮޅު ދަނޑުގައި ބާއްވާފައެވެ. އެފްއޭއެމްގެ ކިޑްސް ފުޓްބޯލް ފެސްޓިވަލްގެ ގޮތުގައި ކުރިއަށް ގެންދިޔަ މި ފެސްޓިވަލްގައި ރާއްޖޭގެ ފުޓްބޯޅަ އެކަޑަމީތަކުގެ 1000 އެއްހާ ކުދިން ވަނީ ބައިވެރިވެފައެވެ.

އިންފަންޓީނޯ އާއި ރައީސް މުޢިއްޒު ބައިވެރިވެވަޑައިގަތް ޚާއްސަ ފުޓްބޯޅައިގެ ހަރަކާތް ބާއްވައިފި

މީގެ އިތުރުން މި ފެސްޓިވަލްގެ ތެރެއިން ވަނީ ޚާއްޞަ ފުޓްބޯޅަ މެޗެއް ވެސް ކުޅެފައެވެ. މިއީ ފީފާގެ ރައީސް އިންފަންޓީނޯ ދިވެހިރާއްޖެއަށް ކުރައްވަމުންގެންދަވާ ޒިޔާރަތާ ގުޅިގެން އިންތިޒާމުކުރި ފުޓުބޯޅަ މެޗެކެވެ. މި މެޗުގައި ރައީސުލްޖުމްހޫރިއްޔާގެ ޓީމުގައި، ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފާއި، ބައެއް ވަޒީރުންނާއި ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންވެސް ހިމެނިވަޑައިގަތެވެ. އަދި ފީފާގެ ރައީސްގެ ޓީމުގައި އިޓަލީގެ ކުރީގެ ފުޓުބޯޅަ ކުޅުންތެރިޔާ މާކޯ މަޓަރާޒީގެ އިތުރުން، ދިވެހި ފުޓުބޯޅައިގެ ތާރީޚުގައި ނަންވިދާލި ގިނަ ޢަދަދެއްގެ ކުޅުންތެރިން ހިމެނިވަޑައިގަތެވެ. 6-4 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކުރައްވާފައިވަނީ، ފީފާގެ ރައީސް އިންފަންޓީނޯގެ ޓީމުންނެވެ.