ގއ. ކޮޅަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން، ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ލޯންޗެއް ބަލާ ފާސްކޮށް މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި އޮޕަރޭޝަން ހިންގާފައިވަނީ 2025 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 23 ވަނަ ދުވަހުއެވެ.
ފުލުހުންގެ ޚިދުމަތުން ދިން މައުލޫމާތުގައިވާ ގޮތުން، މަސްތުވާތަކެތި އެތެރެކުރާ ކަމަށް ޝައްކުކުރެވޭ މައުލޫމާތާ ގުޅިގެން، ފުލުހުން އެރަށަށް ދަތުރުކުރި ލޯންޗު ބަލާ ފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ވަނީ ފެނިފައެވެ.
އެގޮތުން، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 30 ރަބަރު ޕެކެޓާއި ފިލްމު ހުސްކުރި ދެ ދަޅު ލޯންޗުން ފެނިފައިވެއެވެ. މީގެ އިތުރުން، ހައްޔަރުކުރި މީހުންގެ ތެރެއިން އެކެއްގެ ހަށިގަނޑު ބަލާ ފާސްކުރިއިރު އިތުރު ހަތް ސެލޯފީން ޕެކެޓް ވެސް ވަނީ ފެނިފައެވެ. ރިކަވަރކުރި މި ހުރިހާ މަސްތުވާތަކެއްޗެއްގެ ވަގުތީ ބަރުދަނަކީ 44.83 ގްރާމް ކަމަށް ފުލުހުން ހާމަކުރެއެވެ.
މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ގދ. ކޮޅަމާފުށީގެ ހަތަރު ގެއެއްގެ ހަތަރު ފިރިހެނުންނެވެ. އެއީ:
ގދ. ކޮޅަމާފުށީ، ކައުސަރު، ހަސަން ރައްޔާން ރަޝީދު (26އ)
ގދ. ކޮޅަމާފުށީ، ސޮސުންގެ، އިސްމާއިލް ހައިޘަމް ޙަބީބު (22އ)
ގދ. ކޮޅަމާފުށީ، ޝަބްނަމްގެ، އަލީ ޖަނާޙު ޖައުފަރު (25އ)
ގދ. ކޮޅަމާފުށީ، ލީނާ މަންޒިލް، އިބްރާހިމް އަޒާން މުޙައްމަދު (19އ)
ހައްޔަރުކުރި މި ހަތަރު މީހުން ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހާޒިރުކުރުމަށްފަހު، އެ މީހުން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ. ކޯޓުގެ އަމުރުގައިވާ ގޮތުން، އިސްމާއީލް ހައިޘަމް ވަނީ 12 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. އަދި ބާކީ ތިން މީހުން 7 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!