ދިވެހި ފުޓްބޯޅައަށް 75 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ބޭނުންކުރާ ޚާއްސަ އަލިމަސް ޔޫބީލް ލޯގޯ ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

މި ލޯގޯ އިފްތިތާހުކޮށް ދައްކާލާފައިވަނީ ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމްއިއްޔާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން މިއަދު ހަވީރު ގަލޮޅު ދަނޑުގައި ބޭއްވި ފުޓްބޯޅައިގެ ޚާއްސަ ފެސްޓިވަލްގައެވެ. މި ރަސްމިއްޔާތުގެ ޝަރަފުވެރިކަން އިތުރުކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި ފީފާގެ ރައީސް ގުޅިވަޑައިގެންނެވެ.

Ad
rt

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ބޭއްވި މި ފެސްޓިވަލް އަކީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަޙްމަދު ޠާރިޤުގެ ދައުވަތަކަށް އިންފަންޓީނޯ ރާއްޖެއަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން އިންތިޒާމުކުރެވުނު ހަރަކާތެކެވެ. ރާއްޖޭގެ އެންމެ މަތީވެރިޔާގެ އިތުރުން ފުޓުބޯޅައިގެ ބައިނަލްއަޤްވާމީ އެންމެ އިސް ޖަމާއަތުގެ ރައީސްގެ ބައިވެރިވުމާއެކު މި އަލިމަސް ޔޫބީލް ލޯގޯ އިފްތިތާހުކުރުމަކީ ދިވެހި ފުޓުބޯޅައިގެ ތާރީޚުގައި ފާހަގަކޮށްލެވޭނެ ކަމެކެވެ.

ދިވެހި ފުޓްބޯޅައިގެ ދިގު ތާރީޚަށް 75 އަހަރު ފުރުމަކީ މި ގައުމުގެ ކުޅިވަރަށް ލިބޭ ވަރަށް ބޮޑު ޝަރަފެކެވެ. މިއުފާވެރި މުނާސަބަތު ފާހަގަކުރުމާއި ގުޅޭގޮތުން ރާވާނެ ހަރަކާތްތައް ކަނޑައެޅުމަށް އެފްއޭއެމް އިން ވަނީ މީގެ ކުރިން ޚާއްސަ ކޮމިޓީއެއް އެކުލަވާލާފައެވެ. މި ކޮމިޓީގެ މަޤްޞަދަކީ ދިވެހި ފުޓްބޯޅައިގެ މާޒީއަށް އަލިއަޅުވާލާ، ފޯރިގަދަ ޙަރަކާތްތަކެއްގެ ތެރެއިން މި މުނާސަބާ ފާހަގަކުރުމެވެ.

އެފްއޭއެމްއިން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި، 75 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ޖުމްލަ 75 ހަރަކާތެއް ރާވާފައިވެއެވެ. މި ހަރަކާތްތައް ހިންގުމުގައި އެފްއޭއެމްގެ ކުޅިވަރު ކަލަންޑަރާ އެއްގޮތަށް ގެންދާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.