އިންޑިއާގެ ދެކުނުގެ ސްޓޭޓެއް ކަމަށްވާ އަންދުރަޕްރަދޭޝްގެ ހައިވޭއެއް މަތީ ދުއްވަމުންދިޔަ ބަހެއްގައި ފަހަތުން އައި ސައިކަލަކުން ޖެހި ހިނގި އެކްސިޑެންޓެއްގައި ބަހުގައި އަލިފާން ރޯވެ މަދުވެގެން 25 މީހުން މަރުވެއްޖެއެވެ.

ހުކުރު ދުވަހު ފަތިހު ކުރުނޫލް ޑިސްޓްރިކްޓް ކައިރީގައި، ހައިދަރާބާދުން ގާތްގަނޑަކަށް 210 ކިލޯމީޓަރު (130 މޭލު) ދެކުނަށް އޮންނަ ޗިންނަޓެކުރު ރަށު ކައިރީގައި ހިނގި މި ހާދިސާގައި ބަހުގައި އަލިފާން ރޯވެ، މިނެޓުތަކެއްގެ ތެރޭގައި މުޅި ބަސް ވަނީ އަނދައިގެން ގޮސްފައެވެ. މީގެ ސަބަބުން ގިނަ އަދަދެއްގެ ފަސިންޖަރުން ބަހުގެ ތެރޭގައި ތާށިވެފައި ވިއެވެ.

Ad
rt

އަންދުރަޕްރަދޭޝް ސްޓޭޓްގެ ސީނިއަރ ފުލުސް އޮފިސަރެއް ކަމަށްވާ ވިކްރަންޓް ޕަޓިލް ވިދާޅުވި ގޮތުގައި، މި ހާދިސާގައި ބަހުގެ ފަހަތުން ދުއްވާފައި އައި ސައިކަލް ބަހުގައި ޖެހި، އެ ސައިކަލް ބަހުގެ ފަހަތުގައި ހަރުލައި، އެ ސައިކަލްގައި ރޯވި އަލިފާން ބަހުގެ ތެޔޮ ޓޭންކުގައި ހިފައި، ބަހުގެ ރޯވެގެންނެވެ.

''ބަސް ދުއްވަމުން ދަނިކޮށް ފަހަތުން އައި ސައިކަލެއް ވަނީ ބަހުގައި ޖެހި އެކްސިޑެންޓް ހިނގާފައި، އެ ސައިކަލް ޖެހި ކޮންމެވެސް ގޮތަކުން އޮތީ ބަހުގައި ހަރުލާފައި (ތާށިލާފައި)، އެގޮތަށް އޮވެ ބަސް ތަންކޮޅަކަށް ދުއްވިތަނާ ސައިކަލްގައި ރޯވީ، ސައިކަލްގައި ރޯވި އަލިފާން ބަހުގެ ތެޔޮޓޭންކާއި ހަމައަށް ފޯރައި ބަހުގައި ރޯވީ'' ހާދިސާ ހިނގިގޮތުގެ ތަހްގީގަށް ލިބުނު މައުލޫމާތުގެ އަލީގައި ޕަޓިލް ވިދާޅުވެފަވެއެވެ.

"ދުން އުފެދެން ފެށުމުން ޑްރައިވަރު ބަސް ހުއްޓުވައި، ފަޔަރ އެކްސްޓިންގުއިޝަރ ބޭނުންކޮށްގެން އަލިފާން ނިއްވަން މަސައްކަތްކުރި ނަމަވެސް، އަލިފާން ގަދަވެފައިވާތީ ކޮންޓްރޯލް ނުކުރެވުނު" ޕަޓިލް އިތުރަށް ވިދާޅުވެފަވެއެވެ.

މި ހާދިސާ ހިނގި ވަގުތު ގިނަ ފަސިންޖަރުން ތިބީ ނިދާފައެވެ. މި ބަހުގައި 44 ފަސިންޖަރުން ތިބިކަމަށް ބެލެވެއެވެ. ބަސް ދަތުރުކުރަމުން ދިޔައީ ޓެލަންގާނާ ސްޓޭޓުގެ ހައިދަރާބާދުން ކަރުނާޓަކާ ސްޓޭޓުގެ ބެންގަލޫރަށެވެ. އަލިފާނުގެ ސަބަބުން ބަސް މުޅިން އަނދައިގެން ގޮސްފައިވާއިރު، ބަހާ ޖެހުނު ސައިކަލު ދުއްވި މީހާވެސް ވަނީ މަރުވެފައެވެ.

ޕްރެސް ޓްރަސްޓް އޮފް އިންޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް އަނދައިގެން ގޮސްފައިވަނީ ވަކިކުރަން ނޭނގޭ ވަރަށެވެ. ނަސީބު ރަނގަޅު މަދު ބައެއް ފަސިންޖަރުންނަށް އަލިފާނުގެ ސަބަބުން ހޭލެވި، ބަހުގެ ކުޑަދޮރުތައް ތަޅާލައިގެން ސަލާމަތްވެވުނެވެ. މިގޮތުން، ނޫސް އޭޖެންސީން އިންޓަވިއުކުރި ސޫރިޔާ ނަމަކަށްކިޔާ މީހަކު ވަނީ 15 ފޫޓު (4.5 މީޓަރު) އުސްމިނުން ފުންމައިގެން ބަހުން ނިކުތުމަށް މަސައްކަތްކުރުމުގައި އޭނާގެ ދެފައިގައި ރެނދުލާފައިވާ ކަމަށް ބުނެފައެވެ.

މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ އިންޑިއާގައި ދެ ހަފްތާއަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި ހިނގި ދެވަނަ ބަސް އަލިފާނުގެ ނުރައްކާތެރި ހާދިސާއަށެވެ. މި މަހުގެ ކުރީކޮޅު، އުތުރު އިންޑިއާގެ ރާޖަސްތާން ސްޓޭޓުގައި ސާކެޓެއް ޝޯޓްވުމުގެ ސަބަބުން ފަސިންޖަރު ބަހެއްގައި އަލިފާން ރޯވެ، މަދުވެގެން 20 މީހުން މަރުވެފައިވެއެވެ. މީގެ އިތުރުން، މި ހިނގާދިޔަ ހާދިސާއަކީ 12 އަހަރު ކުރިން ހަމަ މި ހައިވޭގައި ހިނގި އެހެން ބަހުގެ އަލިފާނުގެ ހާދިސާއެއް ހަނދާންކޮށްދޭ ކަމެކެވެ. އެ ހާދިސާގައި ބަހެއްގައި އަލިފާން ރޯވެ، މަދުވެގެން 45 މީހުން މަރުވެފައިވެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި އާންދުރަ ޕްރަދޭޝްގެ އެންމެ އިސް އިންތިޚާބީ އޮފިޝަލް އެން. ޗަންދުރަބާބު ނައިޑޫ ވަނީ ހުކުރު ދުވަހު މަރުވި މީހުންގެ އާއިލާތަކަށް ތަޢުޒިޔާ ފޮނުއްވާފައެވެ.

މި ހާދިސާއާ ގުޅިގެން ފޮރެންސިކް ތަޙުޤީޤުތައް މިހާރު ކުރިއަށްދާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.