ރާއްޖެއަށް ދުނިޔޭގެ ސަމާލުކަން ލިބޭނީ ހަމައެކަނި ޤުދުރަތީ ރީތިކަމަކުން ނޫން ކަމަށާއި، ފުޓްބޯޅައިން ވެސް ކާމިޔާބީތައް ހޯދޭނެކަމަށް ބައިނަލްއަޤްވާމީ ފުޓްބޯޅަ ޖަމްޢިއްޔާ (ފީފާ) ގެ ރައީސް ޖިއާނީ އިންފަންޓީނޯ މިއަދު ވިދާޅުވެއްޖެއެވެ.
ފީފާގެ ވެރިޔާ އިންފަންޓީނޯ މިއަދު ރާއްޖެއަށް ކުރަސްވާ ރަސްމީ ޒިޔާރަތުގެ ތެރެއިން މިއަދު ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި ބައްދަލުކުރަށްވާފައެވެ. ރައީސް މުޢިއްޒާއި ބައްދަލުކުރެއްވުމުން ރައީސް ވަނީ ފީފާގެ ރައީސަށް ވަރަށް ހޫނު މަރުޙަބާއެއް ވިދާޅުވެފައެވެ.
ހުކުރު ދުވަހުގެ ހަވީރު ރައީސް އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުކޮށްލުމުގައި ރައީސް ވަނީ އިންފަންޓީނޯ ރާއްޖެއަށް ޒިޔާރަތްކުރެއްވުމަށް ވަގުތު ހޭދަކުރެއްވި ކަމަށްޓަކައި އިޚްލާޞްތެރި ޝުކުރު އަދާކުރައްވާފައެވެ.
އިންފަންޓީނޯ ރައީސް މުޢިއްޒުއާއި ބައްދަލުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް
މި ބައްދަލުވދަލުވުމުގައި ރައީސް ވަނީ ރާއްޖޭގައި ފުޓްބޯޅަ ކުރިއެރުވުމަށް މި ސަރުކާރުން ގަދައަޅައި މަސައްކަތްކުރާނެކަން އަލުން ކަށަވަރުކޮށްދެއްވާފައެވެ. މިގޮތުން، ފުޓްބޯޅައަކީ ރާއްޖޭގައި އެންމެ މަޤްބޫލު ކުޅިވަރު ކަމަށާއި، ރައްޔިތުން އެއްބައިވަންތަކަމުގައި ގުޅުވައިދޭ ބާރެއްކަން ފާހަގަކުރެއްވިއެވެ. އަދި މިއަހަރާއި އަންނަ އަހަރު ރަށްތަކުގައި ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކުރުމަށް ކުރިއަށްދާ އުމްރާނީ މަޝްރޫޢުތަކުގެ ތަފްޞީލު ހިއްސާކުރެއްވިއެވެ. މީގެ އިތުރުން، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި އޭގެ ލީޑަރޝިޕްއަށް މުޅި ޤައުމުގައި ފުޓްބޯޅަ ކުރިއެރުވުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަން އަލުން ކަށަވަރުކޮށްދެއްވިއެވެ.
އިންފަންޓީނޯ ވަނީ ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ ފުޓްބޯޅައަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ފާހަގަކުރައްވައި، ނަމަވެސް މިހާރު ކުރެވެމުންދާ ކުރިއެރުންތަކާމެދު ހިތްހަމަޖެހޭކަން ފާޅުކުރައްވާފައެވެ. އެފްއޭއެމްގެ އައު ލީޑަރޝިޕްގެ މަސައްކަތްތަކަށް ތަޢުރީފުކުރައްވައި، ފީފާގެ ދެމެހެއްޓެނިވި އެހީތެރިކަން ލިބޭނެކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި ޒުވާން ހުނަަރުވެރިން އުފެއްދުމުގެ މުހިންމުކަން ފާހަގަކުރައްވައި، މިފަދަ މަސައްކަތްތަކުން ރާއްޖެއަށް ދުނިޔޭގެ ސަމާލުކަން ލިބޭނީ ހަމައެކަނި ޤުދުރަތީ ރީތިކަމުން ނޫންކަމާއި، ފުޓްބޯޅައިން ވެސް ކާމިޔާބީތައް ހޯދޭނެކަން ވިދާޅުވިއެވެ.
އެފްއޭއެމުން ބުނެފައިވާ ގޮތުގައި އިންފަންޓީނޯ ރާއްޖެ ވަޑައިގަތުމާއި ގުޅިގެން ބާއްވާ ހާއްސަ ހަރަކާތްތައް މިއަދު ހަވީރު ވަނީ ގަލޮޅު ދަނޑުގައި ބާއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!