ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ކަމުގައިވާ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
މިއީ 19 އަހަރު ފަހުން ފީފާގެ ރައީސަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރެވެ.
ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ އަށް ކުރަށްވާ އެއް ދުވަހުގެ މި ދަތުރުގައި މިއަދު ރާއްޖެ ވަޑައިގަތުމުން ހޫނު މަރުޙަބާއެއް ވަނީ ކިޔާފައެވެ.
އިންފަންޓީނޯ ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން މަރުހަބާ ދެންނެވީ ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހީމާއި، ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް، މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) އާއި ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލެވެ.
އިންފަންޓީނޯ އަށް މަރުޙަބާ ކިޔަން ގޮސް ތިބި ކުދިންނަށް އޮޓޯގްރާފް ދެނީ، ފޮޓޯ: އެފްއޭއެމް
އިންފަންޓީނޯ އަށް މަރުހަބާ ކިޔުމުގެ ކުލަގަދަ ހަރަކާތްތައް އެއާޕޯޓްގައި ކުރިއަށް ގެންގޮސްފައިވާއިރު، އިންފަންޓީނޯ އަށް މަރުހަބާ ކިޔުމުގައި ބައިވެރިވި ފަރާތްތަކުގެ ތެރޭގައި އެފްއޭއެމްގެ އެކްސްކޯ މެމްބަރުންނާއި، ރާއްޖޭގެ ކްލަބްތަކުގެ އިސްވެރިންނާއި، ގައުމީ ޓީމުގެ ކުޅުންތެރިންނާއި، ރާއްޖޭގެ އެކަޑަމީތަކުގެ ކުޅުންތެރިން ހިމެނެއެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖޭގައި، ފޮޓޯ: އެފްއޭއެމް
އިންފަންޓީނޯގެ މި ދަތުރުގައި ރައީސް މުޢިއްޒުއާއި ބައްދަލުކުރައްވައި ރާއްޖޭގެ ފުޓްބޯޅަ ދާއިރާ ތަރައްޤީކުރެއްވުމާއި ގުޅޭ މުހިންމު މަޝްވަރާތައް ބާއްވަން ހަމަޖެހިފައިވާކަމަށް އެފްއޭއެމްއިން ވަނީ ބުނެފައެވެ.
ރައީސް އާއި ފީފާގެ ރައީސް ބައިވެރިވާ ފުޓްބޯޅަ މެޗު މިއަދު، މަޓެރާޒީ ވެސް ކުޅޭނެ
އެފްއޭއެމުން ބުނެފައިވާ ގޮތުގައި އިންފަންޓީނޯ ރާއްޖެ ވަޑައިގަތުމާއި ގުޅިގެން ބާއްވާ ހާއްސަ ހަރަކާތްތައް މިއަދު ހަވީރު 4:00 އިން 6:00 އަށް ގަލޮނު ފުޓްބޯޅަ ދަނޑުގައި ކުރިއަށްދާނެއެވެ. މި ހަރަކާތްތަކުގައި ރައީސް މުޢިއްޒު އާއި އިންފަންޓީނޯގެ އިތުރުން ރާއްޖޭގެ އެކަޑަމީތަކާއި ކުލަބުތަކުގެ ޒުވާން ކުޅުންތެރިން ވެސް ފުޓްބޯޅައިގެ ހުނަރުތައް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.
މި ހަރަކާތުގެ ތެރެއިން އިންފަންޓީނޯ އާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ފުޓްބޯޅަ މެޗެއް ކުޅުމަށް ހަމަޖެހިފައިވާއިރު، މި މެޗުގައި އިޓަލީގެ ވޯލްޑް ކަޕް ތަރި މާކޯ މަޓެރާޒީ ވެސް ކުޅޭގޮތަށް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!