މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރުމަށް ތައްޔާރުވަމުންދާ "އެމްއެމްއޭ އިކޮނޮމިކް އެންޑް ފައިނޭންސް މެގަޒިން" އަށް އާޓިކަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

މި މަޖައްލާއަކީ ދިވެހިރާއްޖޭގެ އިޤްތިޞާދާއި މާލީ ދާއިރާއަށް ޚާއްޞަކޮށްގެން ނެރޭ މަޖައްލާއެކެވެ.

Ad
rt

މި މަޖައްލާގެ ފުރަތަމަ އަދަދުގެ ތީމްއަކީ "ޑިޖިޓަލް ލައިފްލައިންސް: ފިންޓެކް ފޮރ އައިލެންޑް އިކޮނޮމީސް" އެވެ. މި ތީމްގެ ދަށުން ދިވެހިރާއްޖެ އާއި ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ އިޤްތިޞާދު ވަރުގަދަކުރުމަށް ފައިނޭންޝަލް ޓެކްނޮލޮޖީ އަދި އިނޮވޭޝަންތަކުގެ އެހީގައި ލިބިފައިވާ އަދި ލިބޭނެކަމަށް ބެލެވޭ ކުރިއެރުންތަކާ ގުޅޭ އާޓިކަލްތައް ހިމެނުމަށް ވަނީ ހަމަޖެހިފައެވެ.

މަޖައްލާއަށް ހުށަހެޅޭ ލިޔުންތަކުގައި ޑިޖިޓަލް ޕޭމަންޓްތަކުގެ ކުރިއެރުން، މާލީ ޚިދުމަތްތަކުގައި އާޓިފިޝަލް އިންޓެލިޖެންސްގެ ދައުރު، މާލީ ދާއިރާ ހަރުދަނާކުރުމަށް ޑިޖިޓަލް ޙައްލުތައް، މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަށާއި ނޫ އިޤްތިޞާދަށް ފިންޓެކްގެ ބޭނުންހިފުން، އަދި ސްމާޓް އައިލެންޑް އިކޯސިސްޓަމްތައް ބިނާކުރުން ފަދަ މައުޟޫޢުތައް ހިމެނިދާނެއެވެ.

މަޖައްލާއަށް ހުށަހަޅާ އާޓިކަލްތައް ހުންނަންވާނީ އިނގިރޭސި ބަހުން، 500 އާއި 2,000 ބަހުގެ ދެމެދުގެ ދިގުމިނުގައި މައިކްރޯސޮފްޓް ވާޑް ފޯމެޓުގައެވެ. އާޓިކަލް ހުށަހެޅުމުގެ ސުންގަޑިއަކީ 9 އޮކްޓޯބަރު 2025 އެވެ. ހޮވޭ މަޒުމޫނުތަކުގެ ލިޔުންތެރިންނަށް 26 އޮކްޓޯބަރު 2025 ގެ ކުރިން އެކަން އަންގާނެ ކަމަށާއި، ހޮވޭ މަޒުމޫނުތަކަށް ފައިސާގެ އިނާމެއްވެސް ދެވޭނެއެވެ.

އެމްއެމްއޭ އިކޮނޮމިކް އެންޑް ފައިނޭންސް މެގަޒިން އަށް އާޓިކަލް ފޮނުވަން ޝައުޤުވެރިވާ ފަރާތްތަކުން magazine@mma.gov.mv އަށް އާޓިކަލް ފޮނުވުމަށް ވަނީ އަންގާފައެވެ.