މިދިޔަ ދެ އަހަރު ޣައްޒާއަށް އިސްރާއީލުން މިސައިލުތަކުންނާއި، ޓޭންކަރުތަކުންނާއި، ބޮމުންނާއި އަދި ބަޑިން ދިން ހަމަލާތަކުގެ ސަބަބުން، ގެދޮރު ގެއްލި ހިޖުރަކުރަން މަޖުބޫރުވެފައިވާ ފަލަސްތީނުގެ 38 އަހަރުގެ އިނާސް އަބޫ މަޢުމަރުގެ ހިތާމައިގެ މައްޗަށް ވަނީ އިތުރު ހިތާމަތަކެއް ވެރިވެފައެވެ. މި ހަނގުރާމައިގެ ސަބަބުން ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ގެއްލުންތަކުގެ ތެރެއިން، އޭނާއަކީ އެ ބިރުވެރިކަމައީ ހިތާމަ ބަރުދާސްތުކުރަމުން އަންނަ އެކަކެވެ.

ހަނގުރާމައިގެ ފުރަތަމަ ދުވަސްތަކުގައި ރޯއިޓާސް އިން ނަގާފައިވާ ފޮޓޯއަކުން، ހޮސްޕިޓަލުގެ މޯޗަރީގައި އަބޫ މައަމަރު ކަންބޮޑުވެ ހިތާމައިގައި އިންދާ ފެނެއެވެ. އެއިރު ޚާން ޔޫނުސްގައި އިސްރާއީލުގެ ހަމަލާއެއްގައި ޝަހިދުވި އޭނާގެ 5 އަހަރުގެ ކޮއްކޮ ސާލީގެ ހަށިގަނޑު ކަފުނުން ބަނދެފައި އޮތް މަންޒަރު ފެނެއެވެ. އޭނާ އެ ހަށިގަނޑުގައި ހިފަހައްޓާލުމާއެކު ގިސްލަގިސްލާފައި ރޯންފެށިއެވެ.

Ad
rt

އިސްރާއީލުން ދިން ހަމަލާގައި އަބޫ މައަމަރުގެ ބޮޑުދައިތަ، ބޮޑުބޭބެ، ދައްތަ، ފަހަރި އަދި ސާލީގެ ކުޑަ ދައްތަ ސެބާ ވެސް ވަނީ ޝަހީދުކޮށްލާފައެވެ. އިސްރާއީލުގެ މިސައިލް ޙަމަލާއެއްގައި ސާލީ ޝަހީދުވީ ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގައި ހުރި އެ މީހުންގެ އާއިލާގެ ގެއަށް އިސްރާއީލުން ދިން މިސައިލް ހަމަލާއެއް އަމާޒުވެ އެ ހަމަލާގައެވެ. މި ހިތާމަވެރި މަންޒަރު ރޮއިޓަރސްގެ ފޮޓޯގްރާފަރު މުޙައްމަދު ސާލިމް ނަގާފައި ވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހު ޚާން ޔޫނުސްގެ ނާޞިރު ހޮސްޕިޓަލުގެ މޯޗަރީންނެވެ.

އަބޫ މަޢުމަރު އޭނާގެ ޝަހީދުކޮށްލެވިފައިވާ ކޮއްކޮގެ ހަށިގަނޑާއެކު، ފޮޓޯ: ރޮއިޓަރސްގެ ފޮޓޯގްރާފަރު މުޙައްމަދު ސާލިމް

ސާލީގެ މަރަށްފަހު ވެސް އަބޫ މަޢުމަރުގެ ހިތާމަތައް އައީ އިތުރުވަމުންނެވެ. އިސްރާއީލުގެ އެއަރ ސްޓްރައިކްތަކާއި ޓޭންކު ޝެލްތަކުގެ ސަބަބުން އޭނާގެ ގާތްތިމާގެ އެތައް ބަޔަކު ޝަހީދުވިއެވެ. މި ޙަމަލާގައި އަބޫ މަޢުމަރުގެ ބޮޑުބޭބެ އާއި ބޮޑުދައިތަ އާއި ދޮންދައިތަ އާއި ފަހަރިއާއި، އަދި ސާލީގެ ކުޑަ ދައްތަ ސެބާ ވެސް ޝަހީދުވިއެވެ. މީގެ އިތުރުން، މިދިޔަ މޫސުމުގައި، އޭނާގެ ބައްޕަ އާއި އޭނާގެ އަޚް ރާމިޒް، އެބައިމީހުންގެ އާއިލާއަށް ކާނާ ގެންނަން ދިޔަ ވަގުތު ޝަހީދުވިއެވެ. އޭނާގެ އަމިއްލަ ގެދޮރު ގެއްލި، ހާސްކަމާއި ބަނޑުހައިހޫނުކަމުގައި ޖެހިފައިވަނީ މިފަދަ ހިތާމަތަކާއެކުގައެވެ.

ހަނގުރާމައިގެ ހާލަތާއި އިސްރާއީލުގެ ނާކާމިޔާބު މަސައްކަތްތައް

ޣައްޒާގެ ޞިއްޙީ އިދާރާތަކުން ބުނާ ގޮތުގައި އިސްރާއީލުގެ އަސްކަރީ ޙަމަލާތަކުގައި ޝަހީދުވެފައިވާ 67,000 އަށްވުރެ ގިނަ ފަލަސްތީނުންގެ ތެރެއިން ބައެކެވެ. އަދި މީގެ އިތުރުން އެތައްހާސް މީހުން ވާނީ ވެއްޓިފައިވާ ޢިމާރާތްތަކުގެ ތެރޭގައި މަރުވެފައި ކަމަށް ލަފާކުރެވެއެވެ. ނަމަވެސް މިއީ ރަސްމީ މަރުގެ ތަފާސްހިސާބުގައި ހިމެނިފައިނުވާ އަދަދެކެވެ.

"މި ހަނގުރާމައިން އަޅުގަނޑުމެން އެންމެން ހަލާކުކޮށްލައިފި. އަޅުގަނޑުމެންގެ އާއިލާ، އަޅުގަނޑުމެންގެ ގެދޮރު ހަލާކުކޮށްލައިފި. އަޅުގަނޑުމެންގެ ހިތްތަކުގައި ވޭނާއި ގެއްލުން ދޫކޮށްފައި ދިޔައީ،" 38 އަހަރުގެ އުމުރުގައިވާ އަބޫ މަޢުމަރު ބުންޏެވެ.

މި ހަނގުރާމަ ފެށިފައި ވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު، ފަލަސްތީނުގެ ދިފާޢުގައި މަސައްކަތްކުރާ ޙަމާސްއިން ދިން ޙަމަލާއަށް ރައްދު ދިނުމުގެ ގޮތުންނެވެ. އެ ޙަމަލާގައި ޙަމާސްގެ ހަނގުރާމަވެރިން ޣައްޒާގެ ބޯޑަރު ފަޅާލައިގެން ވަދެ، 1,200 އެއްހާ މީހުން މަރާލައި، އަދި 250 މީހުން ރަހީނުންގެ ގޮތުގައި ޣައްޒާއަށް ގެންދިޔައެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޣައްޒާއާ ބެހޭ ޕްލޭނަށް ތާއީދުކޮށްފައެވެ. އަދި ޙަމާސްއިން ވެސް މި ޕްލޭން އެއްކޮށް ބަލައިގަނެފައި ނުވިނަމަވެސް، އޭގެ ބައެއް ކަންތައްތަކަށް އެއްބަސްވެފައިވެއެވެ. ނަމަވެސް މި ޕްލޭނުން މި ހަނގުރާމަ ނިމުމަކަށް އަންނާނެ ކަމުގެ ޔަޤީންކަމެއް ނެތެވެ. ނަތަންޔާހޫ ބުނެފައި ވަނީ ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާޢަތް ފުރިހަމައަށް ''ނައްތާލެވެންދެން'' މި ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އަސްކަރިއްޔާއިން ވަނީ އުތުރުގައިވާ ޣައްޒާ ސިޓީއަށް އަލުން ވަދެ، އެމީހުންގެ ޙަމަލާތައް އިތުރަށް ވަރުގަދަށްފައެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނާ ގޮތުގައި އާންމު ރައްޔިތުންނަށް ގެއްލުން ލިބުނަ ނުދިނުމަށް މަސައްކަތްކުރާ ކަމަށާއި، ނަމަވެސް ޙަމާސްގެ ހަނގުރާމަވެރިން ފެންނަ ކޮންމެ ތަނަކަށް ޙަމަލާދޭ ކަމަށެވެ. އަދި ޙަމާސްއިން އާންމު ރައްޔިތުންގެ މެދުގައި ފޮރުވިގެން އުޅޭ ކަމަށް ތުހުމަތުކުރެއެވެ. ނަމަވެސް ޙަމާސްއިން މިކަން ދޮޮގުކުރެއެވެ.

އަބޫ މަޢުމަރުގެ އޭނާގެ ކޮއްކޮގެ ދަރިފުޅު އަޙްމަދާއެކު، ފޮޓޯ: ރޮއިޓާސް

މިހާރުގެ ޙާލަތު އަދި ކުރިމަގުގެ ބިރު

މިދިޔަ ދެ އަހަރު ތެރޭގައި އިސްރާއީލުގެ ވައިގެ ހަމަލާތަކާއި އެއްގަމުގެ ޙަމަލާތަކުން ސަލާމަތްވުމަށް އަބޫ މަޢުމަރު އާއި އޭނާގެ ބާކީ ތިބި އާއިލާގެ މެންބަރުން އެތައް ފަހަރަކު ފިލައިގެން އުޅެފައިވެއެވެ. މިހާރު އެމީހުން ދިރިއުޅެމުންދަނީ މޫދާ ކައިރީގައިވާ ވެލިގަނޑެއްގެ މަތީގައި ޤާއިމުކޮށްފައިވާ ޓެންޓު ސިޓީއެއްގައެވެ. މި ތަނުގެ ޙާލަތު ވަރަށް ދަށެވެ. ބަލިމަޑުކަން އާންމުވެފައިވެއެވެ. ކާނާ އާއި ސާފު ފެން ވަރަށް މަދެވެ. އިސްރާއީލުގެ ވަޔާއި އެއްގަމުގެ ހަމަލާތަކުން ކުރިން ވެސް ނަފްސާނީ ގޮތުން އަނިޔާ ލިބިފައިވާ މީހުން ބިރުވެރިކަމުގައި އުޅެމުންދެއެވެ.

އަބޫ މަޢުމަރުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އޭނާގެ ކޮއްކޮގެ ދަރިފުޅު އަޙްމަދުގެ ކަންތައްތަކެވެ. އަޙްމަދަކީ ރާމިޒްގެ ދަރިފުޅު އަދި ސަލީގެ ކުޑަ އަޚެވެ. ހަނގުރާމަ ފެށި ފުރަތަމަ 10 ދުވަހުގެ ތެރޭގައި އޭނާގެ މަންމަ އާއި ދެ އުޚްތުންނާއި މަންމަގެ މައިންބަފައިން ޝަހީދުވުމަށްފަހު، މިދިޔަ ޖޫން މަހު އޭނާގެ ބައްޕަ އާއި ބައްޕަގެ ބައްޕަ ވެސް ޝަހީދުވެފައިވަނީ ކާބޯތަކެތި ހޯދަން ދިޔަ ވަގުތު ކަމަށް އަބޫ މަޢުމަރު ބުންޏެވެ.

"އޭނާގެ ބައްޕަ އޭނާ ގޮވައިގެން އެކި ތަންތަނަށް ދާނެ، ކުޅޭނެ، މޫދަށް ގެންދާނެ، ބޮޑުދައިތައިންނަށް ދައްކާލަން ގެންދާނެ،" އަބޫ މަޢުމަރު އޭނާގެ ކޮއްކޮގެ ދަރިފުޅާ ބެހޭ ގޮތުން ބުންޏެވެ.

"މިހާރު އޭނާގެ ދިރިއުޅުން ވަރަށް ބޮޑަށް ބަދަލުވެއްޖެ. 24 ގަޑިއިރު ވެސް ހޭދަކުރަނީ ޓެންޓުގެ ތެރޭގައި،" އޭނާ އިތުރަށް ބުންޏެވެ.

އޭނާގެ ބައްޕަ ޝަހީދުވުމަށްފަހު، އަޙްމަދު ގިނަ ވަގުތު ހޭދަކުރަމުން ދިޔައީ އޭނާ ލޯޒް ކިޔާ ނަމެއް ދީފައިވާ ބުޅަލަކާ އެކުގައެވެ. އޯގަސްޓް މަހު އެ ބުޅަލު ވެސް މަރުވެއްޖެ ކަމަށް އަބޫ މަޢުމަރު ބުންޏެވެ.

އަބޫ މަޢުމަރުގެ އޭނާގެ ކޮއްކޮގެ ދަރިފުޅު އަޙްމަދާއެކު ގައްޒާގެ ގޮނޑުދޮށުގައި، ފޮޓޯ: ރޮއިޓާސް

އެއް އަހަރު ކުރިން ރޮއިޓަރސްއިން އަބޫ މަޢުމަރުއާ އިންޓަވިއުކުރި އިރު، އޭނާ ބުނެފައިވަނީ "ލޭގެ ހޮޅި ހުއްޓުމަކަށް އައުމަށް އިންތިޒާރުކުރަމުން" ދާ ކަމަށެވެ. އޭނާ އަދިވެސް އެ އިންތިޒާރުގައި އޮތް އިރު، އެމެރިކާގެ ރައީސް ޓްރަމްޕް އިސްރާއީލަށް އިތުރު ބާރު ނާޅާހާ ހިނދަކު، ހަނގުރާމަ ނިންމުމަށް މިހާރު ކުރެވެމުންދާ މަސައްކަތްތައް ވެސް ނާކާމިޔާބުވާނެ ކަމަށް އޭނާ ބިރުގަނެއެވެ.

"އަޅުގަނޑުމެންނަށް މިހާރު ފުދިއްޖެ. އަޅުގަނޑުމެން ގެއްލުން ލިބުނު މިންވަރުން ފުދިއްޖެ. އަޅުގަނޑުމެންގެ ލޯބިވާ އެތައް ބަޔަކު ގެއްލިއްޖެ. އަޅުގަނޑުމެން އެ މީހުންނާ އެކު ނުކުތީ، އެކަމަކު އެނބުރި އަންނާނީ އެ މީހުން ނެތި،" އާދީއްތަ ދުވަހު އަބޫ މަޢުމަރު ބުންޏެވެ.

"އަޅުގަނޑުގެ ހަމައެކަނި ބިރަކީ ހަނގުރާމަ ދެމިގެންދިއުން، އަޅުގަނޑުމެން ބޭނުމެއް ނޫން މިކަން ދެމިގެން ދިއުމެއް. އަޅުގަނޑުމެން ބޭނުންވަނީ މިކަން އެއްކޮށް ނިމުމަކަށް އައުން" އަބޫ މަޢުމަރުގެ މި ބަސްތަކުން ޣައްޒާގެ އެތައް ހާސް ބަޔެއްގެ ހިތުގައި ހިނގަމުންދާ ވޭނާއި ބިރު ފާޅުކޮށްދެއެވެ. ހަނގުރާމައިގެ މި ދެ އަހަރު ދުވަހަކީ ހިތްދަތިކަން ނޫން އެހެން އެއްވެސް ކަމެއް ލިބުނު ދުވަސްތަކެއް ނޫނެވެ.

ނޯޓު: މިއީ ''ރޮއިޓާސް'' އިން ގެނެސްދީފައިވާ ރިޕޯޓެއް އަސްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.