އިޒްރޭލުގެ ގައުމީ ސަލާމަތީ ވަޒީރު އިތަމާރު ބެން-ގްވިރް، 'ގްލޯބަލް ސުމޫދު ފްލޮޓިލާ' ގެ އެކްޓިވިސްޓުންނަށް "ޓެރަރިސްޓުން" ކަމަށް ސިފަކޮށް ދެއްކި ވާހަކަތަކާ ގުޅިގެން، ގްރީސްއިން ޑިޕްލޮމެޓިކް ފިޔަވަޅުތަކެއް އަޅަން ތައްޔާރުވެއްޖެއެވެ.
ގްރީސްގެ ލޯކަލް މީޑިއާ ރިޕޯޓުތައް ބުނާގޮތުން ގްރީސްގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން ވަނީ މިކަމާ ގުޅިގެން ވަރަށް ބޮޑަށް ރުޅިއައިސްފައެވެ.
މި ވާހަކަތައް ބެން-ގްވިރް ދައްކާފައިވަނީ ހުކުރު ދުވަހު، އިސްރާއީލުގެ ބަންދު މަރުކަޒަކަށް ޒިޔާރަތްކުރުމަށްފަހުގައެވެ. އޭނާ ވަނީ ފްލޮޓިލާގައި ހަރަކާތްތެރިވި ފަރާތްތަކަށް "ޓެރަރިސްޓުން" ކަމަށް ގޮވާލައްވާފައެވެ. މި ވާހަކަތަކަކީ ގާޒާއަށް އެހީގެ ކާނާ އަދި ސިއްހީ ސާމާނު ހިފައިގެން ދަތުރުކުރި ފްލޮޓިލާގެ ބައިވެރިންނަށް އަމާޒުކޮށް ދެއްކި ވާހަކަތަކެކެވެ.
ނިއުސް ސައިޓު "ޓޫ ވިމާ" އިން، ގްރީކް ބަހުގެ ސައިޓު "އިން" އަށް ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ގްރީސްގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން ދަނީ އިސްރާއީލުގެ ސަފީރު ރަސްމީކޮށް ހާޒިރުކޮށް، ރަސްމީ އިހުތިޖާޖެއް ހުށަހެޅުމަށް ވިސްނަމުންނެވެ.
މީގެ އިތުރުން، ގްރީކު އޮތޯރިޓީތަކުން ދަނީ މި ފްލޮޓިލާގައި ބައިވެރިވި ގްރީކު ރައްޔިތުން އަނބުރާ ގައުމަށް ގެނައުމަށްޓަކައި، އިސްރާއީލަށް މިލިޓަރީ ޓްރާންސްޕޯޓު މަތިންދާބޯޓެއް ފޮނުވުމަށްވެސް ވިސްނަމުންނެވެ. މި ފްލޮޓިލާގައި ޖުމްލަ 27 ގްރީކު ރައްޔިތުން ބައިވެރިވެފައިވެއެވެ.
ގްރީސްގެ އިދިކޮޅު ހަތަރު ޕާޓީއަކުން ވަނީ އެކުގައި ބަޔާނެއް ނެރެ، އިސްރާއީލުން ފްލޮޓިލާއާމެދު ޢަމަލުކުރި ގޮތް ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. "ޓޫ ވިމާ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ބަޔާނުގައި އިސްރާއީލުގެ ޢަމަލުތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު ޢަމަލުތަކެއް ކަމަށް ސިފަކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!