ފަލަސްތީނުގެ ޣައްޒާއަށް އިންސާނީ އެހީގެ ތަކެތި ހިފައިގެން ދަތުރުކުރަމުންދާ ގްލޯބަލް ސަމުދް ފްލޮޓިއްލާގެ ސްޓީރިންގް ކޮމިޓީގެ ފަރާތުން، ތިއާގޯ ޑި އަވިލާ އެ ސިލްވާ އޮލިވޭރާ (ތިއާގޯ އަވިލާ) އިސްރާއިލުގެ އުދްވާނީ ބާރުތަކަށް ފޮނުއްވި ރޭޑިއޯ މެސެޖަކުން ވަނީ އިސްރާއީލަށް ސިހުން ލިބިފައެވެ.

ބްރެޒިލްގެ އިންސާނީ އެހީތެރިކަމާއި މޫސުމީ ހަރަކާތްތެރިއެއްކަމަށްވާ ތިއާގޯ އަވިލާގެ މި ހިތްވަރުގަދަ މެސެޖުގައި ވަނީ، ބައިނަލްއަގްވާމީ ގަވާއިދުތަކާ ހިލާފަށް އިސްރާއިލުން ޣައްޒާ ހިސާރުކޮށްފައިވާތީ، އެ ހިސާރު ނައްތާލައި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ކުރަމުންދާ މި މަސައްކަތަށް ހުރަސް އެޅުމަށް އިސްރާއިލުން ދެމުންދިޔަ އިންޒާރުތަކަށް ރައްދުދީ، ހިތްވަރުގަދަ ބަސްތަކުން އިސްރާއީލަށް ގޮންޖަހާފައެވެ.

Ad
rt

"އިސްރާއިލުގެ އުދްވާނީ ބާރުތަކުގެ ސަމާލުކަމަށް ދަންނަވަން. ވާހަކަ މިދައްކަނީ ގްލޯބަލް ސަމުދް ފްލޮޓިއްލާގެ ސްޓީރިންގް ކޮމިޓީގެ ފަރާތުން ތިއާގޯ އަވިލާ. އަހަރުމެންނަކީ ސުލްހަވެރިކަމާއި އެކު އިންސާނިއްޔަތަށްޓަކާ ހިންގާ ސޮލިޑާރިޓީ މިޝަނެއް." އޭނާގެ މެސެޖު ފަށަމުން ބުނެފަވެއެވެ.

އޭނާ ބުނިގޮތުގައި ގްލޯބަލް ސަމުދް ފްލޮޓިއްލާގެ ދަތުރަކީ ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިސްރާއިލުން މީގެ 18 އަހަރު ކުރިން ގާއިމްކޮށްފައިވާ ގައިރު ގާނޫނީ ހިސާރު ނައްތާލުމަށްފަހު އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަގެއް ގާއިމްކުރުމަށްޓަކައި ކުރަމުންދާ ދަތުރެކެވެ. މި ދަތުރުގައި ހިމެނެނީ މުޅިންވެސް ކާބޯތަކެތި، އެހީގެ ތަކެތި، ބޯފެން ފިލްޓަރު، ބަލިމީހުންނަށް ބޭނުންވާ އަސައާއި ކުޑަކުދިންގެ ކާނާ ކަމަށް އޭނާ ފާހަގަކޮށްފައި ވެއެވެ. ''އެ ތަކެތި ހިފައިގެން މި ދަނީ އިސްރާއިލުން ބަނޑަށްޖައްސާ މަރަމުންދާ'' ފަލަސްތީނުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކަމަށްވެސް އޭނާ ބުނެފަވެއެވެ.

"ތަކުރާރުކޮށް މި ބުނަނީ، ކަލޭމެން ޖެނޮސައިޑް ހިންގާތާ މިހާރު 80 އަހަރު ވެއްޖެ. އަދި ނަސްލުނައްތާލުމުގެ ޖަރީމާ ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ތިޔަ ހިންގަނީ، ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް." ތިއާގޯ އަވިލާ ބުނެފަވެއެވެ.

އޭނާ އިތުރަށް ބުނީ، މިހާރު ފްލޮޓިއްލާ ދަތުރުކުރަމުން ދަނީ ބައިނަލްއަގްވާމީ ކަނޑުގައި ކަމަށާއި، މިއީ އިޒްރާއިލުގެ އިޚްތިސާސް ހިނގާ ސަރަހައްދެއް ނޫން ކަމަށެވެ. އަދި ފަލަސްތީނުގެ ޓެރިޓޯރިއަލް ސަރަހައްދަށް ދިއުމަށް ދަތުރުކުރަމުންދާއިރު، އެ ސަރަހައްދު އިސްތިއުމާރުކޮށްގެން ތިބެވިދާނެ ކަމަށް އިސްރާއިލުން ހީކުރިޔަސް، އެއީ އިސްރާއިލުގެ އިޚްތިސާސް އޮތް ސަރަހައްދެއް ނޫން ކަމަށްވެސް އޭނާ ހަނދާންކޮށްދިނެވެ. އަދި އިސްރާއިލުން ''ތިޔަ ހިންގާ ހުރިހާ ކަމަކީ ޣައިރު ގާނޫނީ ކަންކަން ކަމަށްވެސް'' އޭނާ ބުންޏެވެ.

އަވިލާގެ މެސެޖުގައި ބައިނަލްއަގްވާމީ އަދުލުގެ ކޯޓު (އައި.ސީ.ޖޭ) ގެ ނިންމުންތަކަށްވެސް އަލިއަޅުވާލާފައިވެއެވެ. އޭނާ ބުނީ، ދުނިޔޭގައި ގާއިމްކުރެވިފައިވާ އެންމެ މަތީ ބައިނަލްއަގްވާމީ ގާނޫނީ ކޯޓުން އިސްރާއިލާ ދެކޮޅަށް ނެރުނު ހުކުމުގައި، ގާޒާއަށް އިންސާނީ އެހީ ފޯރުކުރުން އިސްރާއިލަށް ނުހުއްޓުވޭނެ ކަމަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. މިއީ ދެކުނު އެފްރިކާއިން އިސްރާއިލްގެ މައްޗަށް ޖެނޮސައިޑް ހިންގުމުގެ ދައުވާކޮށް ހުށަހެޅި މައްސަލައެއްގައި ނެރުނު ހުކުމެއް ކަމަށް އޭނާ ފާހަގަކޮށްފައިވެއެވެ.

"އަދިވެސް އެއްފަހަރު މިބުނަނީ، މިޕްލެނެޓްގައި ތިބި 8 ބިލިއަން މީހުން މިތިބީ ކަލޭމެނާ ދެކޮޅަށް އިންތިހާއަށް ނަފުރަތު ކުރުމުގައި. ކަލޭމެން ތުއްތު ކުދިން ބަނޑަށްޖައްސާ މަރާ، ހޮސްޕިޓަލްތަކާ، ސްކޫލްތަކާ އަދި ހިޔާވަހިތަކަށް ބޮމްއަޅާތީ." އަވިލާ ބުނެފަވެއެވެ.

އެހެންކަމުން ގްލޯބަލް ސަމުދް ފްލޮޓިއްލާ އިން ތިބީ ދުނިޔޭގެ އިންސާނީ ޒަމީރު ގަބޫލުކުރާ ހަމަތަކާއެކު އިންސާނީ އެހީ ހިފައިގެން ސުލްހަވެރި މިސަނެއްގައި ކަމަށް ތިއާގޯ އަވިލާ ބުންޏެވެ. ބައިނަލްއަގްވާމީ ގާނޫނު އިސްރާއިލަށް ޖާގައެއް ނުދޭ ކަމަށާއި، ފްލޮޓިއްލާގެ މަސައްކަތަށް ހުރަހެއް ނާޅޭނެ ކަމަށްވެސް އޭނާ ބުނެފަވެއެވެ.

"މި ސަބަބަށްޓަކާ ކަލޭމެންގެ ތިޔަ އެންގުމަށް އަހަރުމެން ބޯލަނބާކަށް ނުޖެހޭ، ސަބަބަކީ ކަލޭމެންގެ ތިޔަ އެންގުމަކީ ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ޖެނޮސައިޑް އިތުރަށް ހިންގުމެއް، އަހަރުމެން މިތިބީ އެމީހުންނާ އެއްބައިވަންތަ ކަމުގައި، ވީމާ އިސްތިއުމާރީންގެ އެންގުމަށް އަހަރުމެން ބޯނުލަނބާނަން، ތިޔައީ އެޕާތައިޑް ނަސްލީ އިމްތިޔާޒު ގެންގުޅޭ ޒަޔަނިޒަމް ކިޔާ ފިކުރެއް." ތިއާގޯ އަވިލާގެ ރޭޑިއޯ މެސެޖު ނިންމާލަމުން ބުނެފަވެއެވެ.

އެންމެފަހުގެ މައުލޫމާތަށް ބަލާއިރު، އިސްރާއީލުގެ ސިފައިން ޣައްޒާއަށް ދަތުރުކުރަމުން ދިޔަ ގްލޯބަލް ސުމޫދު ފްލޮޓިލާގައި ތިބި އެކްޓިވިސްޓުންގެ އުޅަނދުތައް ހުއްޓުވުމަށް ފަހު، ގްރެޓާ ތަންބާގް ހިމެނޭ ގޮތަށް ވަނީ ހައްޔަރުކޮށްފަ އެވެ.