ކުޅުދުއްފުށި ސިޓީގައި ކަށި މިޔަރު މަސްވެރިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޚާއްސަކޮށްގެން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ބައްދަލުވުމެއް ބާއްވަން ހަމަޖެހިއްޖެއެވެ.

މި ބައްދަލުވުމުގައި ބައިވެރިވުމަށް އާންމުންނަށް ދައުވަތު އަރުވަމުން ސިޓީ ކައުންސިލުން އާއްމުކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ ފިޝަރީޒް މިނިސްޓްރީއިން ދަނީ ކަށި މިޔަރުގެ މަސްވެރިކަން ހިންގައި ބެލެހެއްޓުމަށް ބޭނުންވާ މެނޭޖްމަންޓް ޕްލޭނެއް އެކުލަވާލަމުން ކަމަށެވެ.

Ad
rt

މިގޮތުން މި ޕްލޭނަށް މައުލޫމާތު އެއްކުރުމަށްޓަކައި ކުރިން ކަށި މިޔަރު މަސްވެރިކަން ކޮށްފައިވާ ފަރާތްތަކާއި، ކަށި މިޔަރުގެ މަސްވެރިކަމަށް ޝައުޤުވެރިވާ ފަރާތްތަކާއި މިނިސްޓްރީން ބައްދަލުކުރަން ނިންމާފައިވާކަމަށެވެ.

މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 2 އޮކްޓޯބަރ 2025 ވާ ބުރާސްފަތި ދުވަހު ރޭގަނޑު 8:30 ގައި ކުޅުދުއްފުށި ސިޓީ ލަނގޮޑި މާލިމީ މާލަން (އެންއޯސީ 2 ވަނަ ފަންގިފިލާ) ގައެވެ.

ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ މަހު ކުޅުދުއްފުށި ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި، ވަކި ޕްލޭންއެއްގެ ދަށުން ކަށި މިޔަރުގެ މަސްވެރިކަމަށް މި އަހަރުގެ ނޮވެމްބަރ މަހު އަލުން ހުޅުވާލާނެެކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ.

އެގޮތުން ކުޅުދުއްފުއްޓަކީ މީގެ ކުރިން ކަށިމިޔަރުގެ މަސްވެރިކަމުން ބޮޑު އާމްދަނީއެއް ހޯދަމުން ދިޔަ ރަށެއްކަން ފާހަގަކުރައްވަމުން، އެކަމާއި ގުޅުންހުރި ޤަވާއިދުތައް މުރާޖާކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރައްވާފައިވާކަމަށް ރައީސް ވިދާޅުވެފައިވެއެވެ.