މި ސީޒަންގައި ދަށް ނަތީޖާތަކެއް ނެރެމުން އަންނަ މެންޗެސްޓާ ޔުނައިޓެޑުން ރޭ ދުނިޔޭގެ ޗެމްޕިއަން ޗެލްސީގެ މައްޗަށް ހޯދި މޮޅާއިއެކު އެ ޓީމަށް ހަމަޖެހުމެއް ލިބިއްޖެއެވެ.
ރޭ އަމިއްލަ ދަނޑުގައި ޔުނައިޓެޑުން ވަނީ 2-1 ގެ ނަތީޖާއިން ޗެލްސީ ބަލިކޮށްފައެވެ. ފާއިތުވި ސީޒަންތަކުގައި ޔުނައިޓެޑްގެ ފަރާތުން ޖުމްލަ ގޮތެއްގައި އަމިއްލަ ދަނޑުގައި ވެސް ފެނިގެން ގޮސްފައިވަނީ ދަށް ނަތީޖާ ތަކެކެވެ. ނަމަވެސް އެ ޓީމުން އަމިއްލަ ދަނޑުގައި ޗެލްސީއާއި ދެކޮޅަށް އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. އެ ނަތީޖާ ރޭ މެޗުގައި ވެސް ޔުނައިޓެޑުން ވަނީ ތަކުރާރު ކޮށްފައެވެ. ޔުނައިޓެޑް ދަނޑުގައި ޗެލްސީން ލީގު މެޗަކުން އެންމެ ފަހުން މޮޅުވީ 2013 ވަނަ އަހަރުއެވެ. އޭގެ ފަހުން، މިވީ 12 އަހަރު ތެރޭ ޗެލްސީން އެކި ފަހަރު މަތިން ރަނގަޅު ފޯމެއްގައި، ޔުނައިޓެޑް ދަނޑަށް ދިޔަ ނަމަވެސް ނަތީޖާއެއް ނެރެވޭ ގޮތެއްނުވިއެވެ.
ރޭ މެޗު ޔުނައިޓެޑަށް ފަސޭހަވީ، މެޗުގެ ފަސް ވަނަ މިނިޓްގައި ޗެލްސީގެ ގޯލްކީޕަރު، ރޮބާޓް ސަންޗޭޒަށް ރަތް ކާޑެއް ދެއްކުމުންނެވެ. ޗެލްސީގެ ޑިފެންސް ފަހަތަށް އައި ބޯޅައެއް ހޯދަން އަރައި، ސަންޗޭޒް ވަނީ ޔުނައިޓެޑްގެ ބްރަޔާން އެމްބުއޭމޯ އަށް ފައުލުކޮށްފައެވެ. އެ ފައުލަށް ރެފްރީ ވަނީ އޭނާއަށް ސީދާ ރަތްކާޑެއް ދައްކާފައެވެ.
ޔުނައިޓެޑުން މެޗުގެ ފުރަތަމަ ލަނޑު ޖަހާފައި ވަނީ 14 ވަނަ މިނެޓުގައެވެ. މި ލަނޑު ޖަހައިދިނީ ކެޕްޓަން ބްރޫނޯ ފެނާންޑޭޒްއެވެ. މި ލަނޑު ކަށަވަރު ކުރުމަށް ގިނަ ވަގުތުތަކެއް ވަންދެން ރެފްރީން ވަނީ ވީއޭއާރު މެދުވެރިކޮށް ބަލާފައެވެ. މިއީ ފެނާންޑޭޒް ޔުނައިޓެޑަށް ޖަހައިދިން 100 ވަނަ ލަނޑެވެ.
ޔުނައިޓެޑްގެ ދެވަނަ ލަނޑު 37 ވަނަ މިނެޓުގައި ޖަހައިދިނީ ކަސެމީރޯއެވެ. ދެ ލަނޑުގެ ލީޑަކާއިއެކު ކުޅެމުން ދިޔަ ޔުނައިޓެޑަށް މައްސަލަ ދިމާވީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭ ކަސެމީރޯއަށް ދެވަނަ ރީނދޫ ކާޑާއިއެކު ރަތްކާޑު ދެއްކުމުންނެވެ. ދެ ޓީމުން ވެސް މެޗުގެ ދެވަނަ ހާފު ކުޅެފައި ވަނީ ދިހަ ކުޅުންތެރިންނާއި އެކުއެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ޔުނައިޓެޑުގެ ކޯޗު އަމޮރިމް ބުނީ މިއީ އެ ޓީމަށް ހައްގު މޮޅެއް ކަމަށާއި، މިއީ މުހިންމު މޮޅެއް ކަމަށެވެ. އަދި މި މެޗުން އެ ޓީމަށް މިއަށް ވުރެ ފަސޭހައިން މޮޅުވެވެން ވާނެ ކަމަށެވެ. އޭނާ ބުނީ ދެ ލަނޑުގެ ލީޑެއްގައި އޮތުމަށް ފަހު، އުނދަގޫ ހާލަތަކަށް ޓީމް ވައްޓާލީ އަމިއްލަ އަށް ކަމަށެވެ.
ޗެލްސީން މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު 80 ވަނަ މިނެޓުގައި ޖަހައިދިނީ ޗަލޮބާއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ރީސް ޖޭމްސްގެ އެހީތެރިކަމާއިއެކުއެވެ.
ލީގުގައި މިހާތަނަށް ޔުނައިޓެޑުން ފަސް މެޗު ކުޅެފައިވާއިރު މޮޅުވީ އެންމެ ދެ މެޗުންނެވެ. އެއް މެޗުން އެއްވަރުވީއިރު ދެ މެޗުން ވަނީ ބަލިވެފައެވެ. ހަތް ޕޮއިންޓާއިއެކު ޔުނައިޓެޑް މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 10 ވަނާގައެވެ. ޗެލްސީ ހަވަނާގައި އޮތީ 8 ޕޮއިންޓް ހޯދައިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!