ފަލަސްޠީނުގެ މިނިވަން ދައުލަތެއް ގަބޫލުކުރުމަށް އެގައުމުގެ އާންމު ރައްޔިތުންގެ ތާއީދު އިތުރުވަމުންދާކަމަށް އިނގިރޭސިވިލާތުގެ މަޝްހޫރު ހޯދުންތަކާއި ތަފާސްހިސާބުގެ ކުންފުންޏެއް ކަމަށްވާ ޔޫގޮވްއިން ކުރި ދިރާސާއަކުން ދައްކައިފިއެވެ.

މިކަމާ ދެކޮޅަށް ތިބި މީހުންގެ އަދަދަށްވުރެ މިކަމަށް ތާއީދުކުރާ މީހުންގެ އަދަދު މަތިވެފައިވާކަން މި ދިރާސާއިން ވަނީ ދައްކާފައެވެ.

Ad
rt

ޔޫގޮވްއިން 17-18 ސެޕްޓެމްބަރުގައި އިނގިރޭސިވިލާތުގެ 2،077 ބޮޑެތި މީހުންގެ މެދުގައި ކުރި މި ދިރާސާއިން ދައްކާގޮތުގައި، އިނގިރޭސި ސަރުކާރުން ފަލަސްޠީނުގެ މިނިވަން ދައުލަތެއް ގަބޫލުކުރަން ޖެހޭނެ އެއިގެ ތެރެއިން 44 އިންސައްތަ މީހުން ވަނީ ބުނެފައެވެ. މިކަމާ ދެކޮޅަށް ތިބީ އެންމެ 18 އިންސައްތަ މީހުންނެވެ. 37 އިންސައްތަ މީހުން ވަކި ގޮތަކަށް ނުނިންމައި ތިބި ނަމަވެސް، ތާއީދުކުރާ ފަރާތްތަކުގެ އަދަދު ދެކޮޅު ހަދާ ފަރާތްތަކަށްވުރެ އެތައް ގުނައެއް އިތުރެވެ.

ޔޫގޮވްއިން ހާމަކޮށްފައިވާ ގޮތުގައި، މި އަދަދުތަކަކީ ފާއިތުވި އަހަރުގެ ޖޫން މަހާ އަޅާބަލާއިރު ކުޑަ ތަފާތެކެވެ. އޭރު 47 އިންސައްތަ މީހުން ތާއީދުކުރިއިރު، 12 އިންސައްތަ މީހުން ތިބީ ދެކޮޅަށެވެ. މި ދިރާސާއިން އިތުރަށް ދައްކާގޮތުގައި، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ގަބޫލުކުރުމަށް އެންމެ ބޮޑަށް ތާއީދުކުރަނީ ގްރީން ޕާޓީގެ ވޯޓަރުން (68 އިންސައްތަ)، ލޭބަރ ޕާޓީގެ ވޯޓަރުން (62 އިންސައްތަ) އަދި ލިބަރަލް ޑިމޮކްރެޓް ޕާޓީގެ ވޯޓަރުން (60 އިންސައްތަ) އެވެ.

މި ހޯދުންތަކުން ދައްކުވައިދެނީ ފަލަސްޠީނުގެ މިނިވަންކަމަށް އިނގިރޭސިވިލާތުގެ އާންމުންގެ ތެރޭގައި ތާއީދު ބޮޑުވަމުންދާކަން ކަމަށް ޔޫގޮވްއިން ބުނެއެވެ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުން އަންނަ ނަސްލު ނައްތާލައި ޣައްޒާ ފަނާކޮށްލުމުގެ ހަނގުރާމައިގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން 65،141 މީހުން ޝަހީދުވެ، 165،925 މީހުން ޒަޚަމްވެފައިވާއިރު، އިތުރު އެތައް ހާސް ބަޔަކު ފުނޑުފުނޑުވެފައިވާ އިމާރާތްތަކުގެ ދަށުގައިވާނެ ކަމަށް ބެލެވެ އެވެ.