ރަޝިޔާގެ އިރު އުތުރު އައްސޭރި ކަމްޗަޓްކާ އަށް ބާރުގަދަ ބިންހެލުމެއް އައިސްފައިވާކަމަށް ރިޕޯޓްކޮށްފިއެވެ.

ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިރިއޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ބުނީ ރަޝިޔާގެ އިރު އުތުރު އައްސޭރި ކަމްޗަޓްކާ އަށް ރިކްޓަރ މިންގަނޑުން 7.6 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާކަމަށް ރެކޯޑް ކުރެވިފައިވާ ކަމަށެވެ.

Ad
rt

މެޓް އޮފީހުން ބުނިގޮތުގައި މި ބިންހެލުން ރެކޯޑް ކުރެވިފައި ވަނީ ރާއްޖޭގެ ގަނޑިން ރޭ 23:58 ގައެވެ. އަދި މި ބިންހެލުން އައީ ރާއްޖޭގެ ވެރިރަށް މާލެ އާއި 9432 ކިލޯ މީޓަރު ދުރުން ކަމަށް ވެސް ބުންޏެވެ.

''ބިންހެލުމާއި ގުޅިގެން އިންޑިއާ ކަނޑުގައި ސުނާމީއެއް ނުއުފެދޭނެ'' މެޓުން ބުންޏެވެ.

އާންމުކޮށް ބިން ހެލުން އަންނަ މި ސަރަހައްދަށް 13 ސެޕްޓެމްބަރު 2025 ގައި ވެސް ވަނީ ބާރުގަދަ ބިންހެލުމެއް އައިސްފައެވެ. އެފަހަރު އައީ ރިކްޓަރ މިންގަނޑުން 7.2 މެގްނިޓިއުޑްގެ ބިންހެލުމެކެވެ.

ޔޫ.އެސް ޖިއޮލޮޖިކަލް ސާރވޭއިން ވެސް ވަނީ ރަޝިޔާގެ ކަމްޗެޓްކާ ސަރަހައްދުގެ އިރުމަތީ އައްސޭރިއާ ކައިރިއަށް 7.8 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައިސްފައިވާ ކަމަށް ބުނެފައެވެ.

ޔޫ.އެސް.ޖީ.އެސް. އިން ބުނި ގޮތުގައި، މި ބިންހެލުމުގެ މަރުކަޒު ހުރީ ޕެޓްރޮޕެވްލޮވްސްކް-ކަމްޗެޓްސްކީ އާ 127 ކިލޯމީޓަރު (79 މޭލު) އިރުމަތީގައެވެ. އަދި މި ބިންހެލުން އައިސްފައިވަނީ ހުކުރު ދުވަހުގެ ހެނދުނު 6:58 ގައި (ސަރަހައްދީ ގަޑިން) 19.5 ކިލޯމީޓަރުގެ ފުންމިނެއްގައެވެ.

ބައިނަލްއަގްވާމީ މީޑިއާގެ ރިޕޯޓުތައް ބުނާގޮތުގައި މި ބިންހެލުމުގެ ސަބަބުން އެއްވެސް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ލިބިފައިނުވެއެވެ.

ޕެސިފިކް ސުނާމީ އިންޒާރު ދިނުމުގެ ނިޒާމުން، ކުޑަ ވަގުތުކޮޅަކަށް ސުނާމީގެ ނުރައްކަލުގެ އިންޒާރެއް ނެރުނު ނަމަވެސް، ފަހުން އެ އިންޒާރު ވަނީ އުވާލާފައެވެ.

މި ބިންހެލުމަށް ފަހު، 5.8 މެގްނިޓިއުޑްގެ ބާރުމިނާ ހަމައަށްދާ އެތައް ފަހުގެ ހެލުންތަކެއް ވެސް އައިސްފައިވެއެވެ.

ރަޝިޔާގެ ކަމްޗެޓްކާ ސަރަހައްދަށް ވަނީ މީގެކުރިން ވެސް އެތައް ބާރުގަދަ ބިންހެލުންތަކެއް އައިސްފައެވެ. އޭގެ ތެރޭގައި 2025 ވަނަ އަހަރުގެ ޖުލައި 20 ވަނަ ދުވަހު ރަޝިޔާގެ ކަމްޗަޓްކާ ޕެނިންސުލާގައި ވަރުގަދަ ފަސް ބިންހެލުމެއް އައެވެ. މީގެ ތެރެއިން އެންމެ ވަރުގަދަ ބިންހެލުން ރިކްޓަރ މިންގަނޑުން 7.4 ގައި ރިކޯޑުކުރެވުނެވެ.