ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކޮޅުމަޑުލު (ތ.އަތޮޅު) މަޑިފުށީގެ އިޚްތިޞާޞްގައި ހިމެނޭ ރަށްތަކުގެ ގޮތުގައި، އެއަތޮޅު އުފުރިޔާއާއި ކޮޅުފުށި ހިމަނުއްވައި އެކަން ކަނޑައެޅުއްވި ގަރާރު ނެރުއްވައިފިއެވެ.

މަޑިފުށީގެ އިޚްތިޞާޞްގައި އެއަތޮޅު އުފުރިޔާއާއި ކޮޅުފުށި ހިމަނައި ދެއްވުމަކީ ރައީސްގެ ވަޢުދުފުޅެކެވެ.

Ad
rt

ރައީސް މިދިޔަ ފެބްރުއަރީ މަހު ތ.އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު މަޑިފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައި މަޑުފުއްޓަށް އުފުރިޔާއާއި ކޮޅުފުށި ލިބޭނެގޮތް ހަމަޖައްސަވައިދެއްވާނެކަމަށް ވިދާޅުވެފައެވެ.

''މި ރަށަށް ބަލާއިރުގައި، މި ރަށުގެ ކައިރީގައި، މި ރަށުގެ އިޚްތިޞާޞް ތެރޭގައި މި އޮތް ރަށަށް ބަލާއިރު، އުފުރިޔާއަށް ބަލާއިރުގައި، މިހާރު ރިވެޓްމަންޓް މަޝްރޫޢު ކުރިއަށްދާއިރުގައިވިޔަސް، އަދި އެނޫން ގޮތަކުންވިޔަސް، މި ރަށާ އެ ރަށް ގުޅުވައިލުމަކީ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކޮށްދޭނެ ކަމެއް. ކޮށްދީ، ޖާގަ އިތުރުކުރެވި، އިޤްތިޞާދީ އިތުރު ފުރުޞަތުތައް ފަހިވެގެންދާނެ. އަދި އޭގެ އެކޮޅަށް އޮންނަ ކޮޅުފުށިވެސް އިރާދަކުރެއްވިއްޔާ، ދެންމެ އަޅުގަނޑު މި ދެންނެވި ގަވާއިދުގެ ތެރެއަށް ދާންޖެހެންޏާ އެއަށް ގޮސް، އަދި އެހެން ނޫނީވިއްޔާ އިޚްތިޞާޞް ކަނޑައެޅުމަށްޓަކައި އޮންނަ ހަމަތަކުގެ މަތިން، އޭގެތެރެއިން ގެންގޮސްގެން ވިޔަސް، މި ދެންނެވި ގޮތުންކުރެ ކޮންމެވެސް އެއް ހަމަޔަކުން، މި ރަށުގެ ކައުންސިލަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެ ރަށްވެސް ހަވާލުކޮށްދޭނަން. އޭރުން ކައުންސިލަށް މި ދެންނެވި ބީދައިން އިޤްތިޞާދީ ފުރުޞަތުތައް ފަހިވާނެ.'' އެދުވަހު ރައީސް ވިދާޅުވެފަވެއެވެ.

ރައީސް މިއަދު ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުން، ދިވެހިރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅުމުގެ ޤަރާރަކުން މަޑިފުށީގެ އިޚްތިޞާޞްގައި ހިމެނޭ ރަށްތަކުގެ ގޮތުގައި، އެއަތޮޅު އުފުރިޔާއާއި ކޮޅުފުށި ހިމަނުއްވައި އެކަން ކަނޑައަޅުއްވާފައެވެ.

މަޑިފުށީގެ އިޚްތިޞާޞަށް ގެނެވުނު މި ބަދަލު ދައްކުވައިދޭ ޗާޓު ޖަދުވަލުކޮށް، މި ޤަރާރު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ.

މި ބަދަލާ ގުޅިގެން، މީގެ ފަހުން ތ. އުފުރިޔާއާއި ތ. ކޮޅުފުށީގެ އިދާރީ ކަންކަން ބެލެހެއްޓުން ހިމެނިގެންދާނީ މަޑިފުށީގެ އިޚްތިޞާޞްގެ ތެރޭގައެވެ.