އިސްރާއީލުން ޣައްޒާގައި ހިންގަމުންދަނީ ނަސްލު ނައްތާލުމުގެ ޢަމަލުތަކެއްކަމަށް އެކަން ދިރާސާކުރުމަށްފަހު އދ. ގެ މުސްތަޤިއްލު ތަޙުޤީޤު ކޮމިޝަނުން ނެރުނު ރިޕޯޓުގައި ބުނެފިއެވެ.

ދެ އަހަރާ ގާތްކުރާ މުއްދަތެއްގައި ހިނގަމުންދާ މި ހަނގުރާމައާ ގުޅިގެން އދ. ގެ ފަރާތަކުން މިފަދަ ނިންމުމަކަށް އައިސްފައިމިވަނީ، މިއީ މިހާތަނަށް އައި އެންމެ މުހިންމު ނިންމުމެއްގެ ގޮތުގައެވެ.

Ad
rt

މި ރިޕޯޓަކީ އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލުން އައްޔަންކުރި މިނިވަން ތިން މާހިރުންގެ ޓީމަކުން އެކުލަވާލި ރިޕޯޓެކެވެ.

މި ކޮމިޝަނުގެ ޗެއަރ ނަވީ ޕިލްލޭ ވިދާޅުވެފައިވަނީ، އިސްރާއީލުގެ ރައީސް އިސްހާޤު ހަރޒޮގް، ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އަދި ކުރީގެ ދިފާޢީ ވަޒީރު ޔޯވް ގަލަންޓް ފަދަ އިސް ފަރާތްތަކުން ދެއްވާފައިވާ ބަޔާންތަކާއި އެފަރާތްތަކުން ނެރެފައިވާ އަމުރުތަކުގެ މައްޗަށް ބިނާކޮށް މި ނިންމުމަށް ވާސިލުވެފައިވާ ކަމަށެވެ.

ކޮމިޝަނުން ނެރުނު ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ އިސްވެރިންގެ ބަޔާންތަކާއި އެހެނިހެން ހެކިތަކުގެ މައްޗަށް ބިނާކޮށް އެނގިފައިވަނީ، ޣައްޒާގެ ފަލަސްޠީނުން މުޅިން ނުވަތަ ބައެއް ނަމަވެސް ނައްތާލުމުގެ ނިޔަތް އިސްރާއީލުގެ އޮތްކަމެވެ. މިއީ ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން ނަސްލު ނައްތާލުމުގެ ޖަރީމާއެއް ކަމަށް ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ.

ނަމަވެސް، މި ރިޕޯޓާ ގުޅިގެން އިސްރާއީލުގެ ޚާރިޖިއްޔާ ވުޒާރާއިން ވަނީ މި ރިޕޯޓު ދޮގު ކަމަށް ބުނެ އެކަން ރައްދުދީފައެވެ. އަދި މި ރިޕޯޓު ތައްޔާރުކުރި ފަރާތްތަކަކީ ހަމާސްގެ ޕްރޮކްސީތަކެއް ކަމަށް ތުހުމަތުކޮށް، މި ރިޕޯޓުގައި ހިމެނިފައިވަނީ ހަމާސްގެ ދޮގުތައް ކަމަށާއި އިސްރާއީލުން މި ރިޕޯޓު މުޅިން ބަލައިނުގަންނާނެ ކަމަށް ވަނީ ބުނެފައެވެ.

ޣައްޒާގެ ސިއްޙީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ ހަމަލާތަކުގައި މިހާތަނަށް މަދުވެގެން 64,871 މީހުން ޝަހީދުވެފައިވާއިރު، 164,610 މީހުންނަށް ވަނީ ޒަޚަމްވެފައެވެ. މި ރިޕޯޓު ނެރުމާއެކު އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތައް އިތުރަށް ހަރުކަށިވެފައިވާކަން ފާހަގަކުރެވެއެވެ.