ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އިންސާނީ ކަތުލާއި ގުޅިގެން، އަންނަ އަހަރު ބާއްވާ ޔޫރޯވިޝަން ގާނަ މުބާރާތުގައި އިސްރާއީލު ބައިވެރިވާނަމަ، އެ މުބާރާތް ބޮއިކޮޓް ކުރުމުގައި ބައިވެރިވާނެ ކަމަށް ނެދަލޭންޑްސްގެ ޕަބްލިކް ބްރޯޑްކާސްޓަރު އެވްރޯޓްރޯސްއިން ކަށަވަރުކޮށްދީފިއެވެ.
މިއީ އައިރިޝް ބްރޯޑްކާސްޓަރު އާރްޓީއީ އިންވެސް "ޣައްޒާގައި ހިނގަމުންދާ ނުރައްކާތެރި އިންސާނީ ގެއްލުންތަކާ ހުރެ" އިސްރާއީލު ބައިވެރިވާނަމަ ބައިވެރިނުވާނެ ކަމަށް ބުނުމަށްފަހު ޢިއުލާންކުރި ނިންމުމެކެވެ.
ޔޫރޯވިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ މެއި މަހު އޮސްޓްރިއާގެ ވިއެނާގައެވެ. އެއީ މިއަހަރުގެ މުބާރާތުގައި އޮސްޓްރިއާގެ ގާނަވެރިޔާ ޖޭޖޭ ކާމިޔާބު ކުރުމާ ގުޅިގެންނެވެ. ޖޭޖޭ މި މުބާރާތް ކާމިޔާބު ކުރީ އިސްރާއީލު ވަރަށް ކައިރި މާކުތަކަކުން ފަހަނައަޅައި ދިއުމަށްފަހުއެވެ.
އާރްޓީއީގެ ބަޔާނާ އެއްގޮތަށް އެވްރޯޓްރޯސްއިން ވެސް ބުނެފައިވަނީ ޣައްޒާގައި ހިނގަމުންދާ ނުރައްކާތެރި އިންސާނީ ގެއްލުންތަކާއި ނޫސްވެރިކަމުގެ މިނިވަންކަން ބޮޑަށް ހަނިކޮށްފައިވުމާއެކު، އިސްރާއީލު ބައިވެރިވުން ޖަސްޓިފައި ނުކުރެވޭނެ ކަމަށެވެ. އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އިންސާނީ ގެއްލުންތަކާއި، ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރުމާއި، ސިޔާސީ ނުފޫޒު ފޯރުވުމަކީ ޕަބްލިކް ބްރޯޑްކާސްޓިންގގެ އަސާސްތަކާ ފުށުއަރާ ކަންކަން ކަމަށެވެ.
ޑަޗް ބްރޯޑްކާސްޓަރުން އިތުރަށް ބުނެފައިވަނީ ހަނގުރާމައިގެ ތެރޭގައިވާ ޣައްޒާއަށް ބައިނަލްއަޤްވާމީ މީޑިއާތައް ވަނުން އިސްރާއީލުން މަނާކޮށްފައިވާ ކަމަށާއި، އަދި ގިިނަ އަދަދެއްގެ ނޫސްވެރިން މަރާލާފައިވާ ކަމަށެވެ.
މިދިޔަ ހުކުރު ދުވަހު އައިރިޝް މިއުޒިޝަނާއި ލަވަ ހަދާ ފިލް ކޯލްޓަރ ގޮވާލާފައިވަނީ އިސްރާއީލު ބައިވެރިވާނަމަ 2026 ވަނަ އަހަރުގެ ޔޫރޯވިޝަނުން ޔޫކޭ އިން ވެސް ވަކިވުމަށެވެ. ޔޫކޭގެ ޔޫރޯވިޝަން ބްރޯޑްކާސްޓަރު ބީބީސީ އިން މިހާތަނަށް މިކަމާ ގުޅިގެން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
މިސްޓަރ ކޯލްޓަރ ބުނެފައިވަނީ އޭނާ "100 އިންސައްތަ އާރްޓީއީގެ ފަހަތުގައި" ހުރި ކަމަށާއި، މުބާރާތުން ވަކިވުމަށް އެ ފަރާތުން ނިންމި ނިންމުމަށް ތާއީދުކުރާ ކަމަށެވެ. އަދި ޔޫކޭ އާއި އަޔަލޭންޑްގެ ރައްޔިތުން ވެސް ޣައްޒާގައި ހިނގަމުންދާ ނުރައްކާތެރި އިންސާނީ ކާރިސާއާ ހުރެ މިކަމަށް ތާއީދުކުރާނެ ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
ކަލްޓަރ ވަނީ ޔޫރޯވިޝަނަށް ގިނަ ލަވަތަކެއް ލިޔެފައި ނުވަތަ ކޯ-ރައިޓްކޮށްދީފައި ކަމަށްވާއިރު، އޭގެ ތެރޭގައި އިނގިރޭސިވިލާތުން 1967 ވަނަ އަހަރު ކާމިޔާބުކުރި ލަވަ "ޕަޕެޓް އޮން އަ ސްޓްރިންގް" ހިމެނެއެވެ. އެ ލަވަ ލަވަކިޔުންތެރިޔާ ޖޭޑް ތިރްވޯލް ވަނީ މިދިޔަ އަހަރު ސެމްޕަލްކޮށްފައެވެ.
އާރުޓީއީ އިން ބުނީ ޔޫރޯވިޝަންގެ އޯގަނައިޒާ ޔޫރަޕިއަން ބްރޯޑްކާސްޓިން ޔޫނިއަން (އީބީޔޫ) އިން އެކަން ނިންމުމުން އެންމެ ފަހުގެ ނިންމުމެއް ނިންމާނެ ކަމަށެވެ.
މިއަހަރުގެ ކުރީކޮޅު ޔޫރޯވިޝަންގެ ކުރީގެ 70 އަށް ވުރެ ގިނަ ބައިވެރިން ވަނީ 2025 ވަނަ އަހަރުގެ މުބާރާތުގައި އިސްރާއީލު މަނާ ކުރުމަށް އިންތިޒާމް ކުރާ ފަރާތްތަކަށް ގޮވާލާ ސިޓީއެއްގައި ސޮއިކޮށްފައެވެ. މިކަމުން ދައްކުވައިދެނީ އިސްރާއީލާ ދެކޮޅަށް ޔޫރޯވިޝަންގައި ބައިވެރިވާ ގިނަ ފަރާތްތަކެއްގެ ތެރޭގައި ހިތްހަމަނުޖެހުން އިންތިހާއަށް އުފެދިފައިވާ މިންވަރެވެ.
އަންނަ 2026 ވަނަ އަހަރުގެ ޔޫރޯވިޝަން މިއުޒިކް ކޮންސެޓުގައި އިޒްރޭލް ބައިވެރިވާ ނަމަ، އެ ކޮންސެޓު ބޮއިކޮޓް ކުރަން ނެދަލޭންޑްސްގެ ޕަބްލިކް ބްރޯޑްކާސްޓަރު ނިންމާފައިވާއިރު، އޭގެ ކުރިން އަޔަލެންޑްގެ ޕަބްލިކް ބްރޯޑްކާސްޓަރު އާރްޓީއީ އިން ވަނީ އިސްރާއީލު ބައިވެރިވާނަމަ އެ ކޮންސެޓްގައި ބައިވެރިނުވާނެ ކަމަށް ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!