ކޮންޒަވޭޓިވް އެކްޓިވިސްޓް އަދި އިސްރާއީލަށް ވަރުގަދައަށް ތާއީދުކޮށް އަޑުއުފުލަމުންދާ ފަރާތެއް ކަމުގައިވާ ޗާލީ ކާރކް، ޔޫޓާ ވެލީ ޔުނިވަރސިޓީގެ ޑިބޭޓެއްގެ ތެރެއިން ގަޔަށް ބަޑިޖަހާ މަރާލައިފި އެވެ.

ޓާނިންގ ޕޮއިންޓް ޔޫއެސްއޭ (ޓީޕީޔޫއެސްއޭ)ގެ ބާނީ އަދި ސީއީއޯ، 31 އަހަރުގެ ޗާލީ ކާރކް މަރާލާފައިވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އޭނާގެ ޓްރޫތް ސޯޝަލް އެކައުންޓްގައި އިއުލާންކޮށްފަ އެވެ. އަދި މި ހާދިސާއާ ގުޅޭގޮތުން ޕޯސްޓްތަކެއް ކުރައްވާފައެވެ.

Ad
rt

މި ހާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، އެވީޑިއޯތަކުން ފެންނަނީ އެތަނަށް އެއްވެފައިވާ ގިނަބަޔަކާއި ވާހަކަދައްކަމުން ދަނިކޮށް ވަޒަނެއްގެ އަޑެއް އިވި، އޭނާގެ ކަރުގައި އަތްލާތަނާއި ކަރުން ހޯސްލާފައި ލޭތައް ފައިބައިގެންދާ ވަގުތު ގޮނޑިން ވެއްޓުނު މަންޒަރެވެ.

އެފްބީއައި އިން މިހާރު ވަނީ މި މައްސަލައިގެ ތަޙްޤީޤު ފަށައިފައެވެ. އަދި ހަމަލާދިން ފަރާތް އަދިވެސް ހޯދިފައެއް ނުވެއެވެ.

ޗާލީ ކާރކްއަކީ ޓްރަމްޕްގެ ގާތް އެކުވެރިއެކެވެ. އަދި "މޭކް އެމެރިކާ ގްރޭޓް އަގެއިން" ހަރަކާތުގެ މުހިންމު ލީޑަރުންގެ ތެރެއިން އެކެކެވެ. އޭނާގެ ޖަމްޢިއްޔާ ކަމުގައިވާ ޓާނިންގ ޕޮއިންޓް ޔޫއެސްއޭ މެދުވެރިކޮށް، ޒުވާން ވޯޓަރުން ޓްރަމްޕްގެ ސިޔާސީ ކެމްޕޭންތަކަށް އެއްކުރުމުގައި މަސައްކަތްތަކެއް ކޮށްފައިވެއެވެ.

އިސްރާއީލަށް ތާއީދުކުރާ ފަރާތެއްގެ ގޮތުގައި ވެސް ކާރކް ފާހަގަކުރެވެއެވެ. އޭނާގެ ޖަމްޢިއްޔާއިން އިސްރާއީލަށް ތާއީދުކުރާ ވާހަކަދައްކާ ފަރާތްތައް ގަވާއިދުން ކޮންފަރެންސްތަކަށް ގެނެސްފައިވެއެވެ. އަދި އިސްރާއީލާ ގުޅުންހުރި އެހެނިހެން ޖަމްޢިއްޔާތަކާއެކު ގުޅުން ބަދަހިކޮށް، އިސްރާއީލަށް ދަތުރުކޮށްފައިވެއެވެ.

މި ހާދިސާ ހިނގީ "އެމެރިކަން ކަމްބެކް ޓުއަރ" ގެ ނަމުގައި ކުރިއަށްގެންދިޔަ ކެމްޕަސް ޑިބޭޓް ސިލްސިލާގެ ތެރެއިންނެވެ. މި ޑިބޭޓްތަކުގައި ދަރިވަރުން ކާރކްގެ ކޮންޒަވޭޓިވް ވިސްނުންތަކާމެދު ސުވާލު އުފައްދައި ޑިބޭޓް ކޮށްފައިވެއެވެ.

ފާހަގަކޮށްލެވޭ ކަމަކީ ޗާލީ ކާރކް ގަޔަސް ވަޒިން އެރި ވަގުތު، އޭނާ ގެންދިޔައީ "މާސް ޝޫޓިން" އާއި ގުޅޭ ގޮތުން އޯޑިއަންސް މެންބަރެއްގެ ސުވާލުތަކަށް ޖަވާބުދެމުންނެވެ.

"ވޭތުވެދިޔަ 10 އަހަރު ތެރޭގައި ކިތައް ޓްރާންސްޖެންޑަރ އެމެރިކަނުން މާސް ޝޫޓިންގައި މަރާލާފައިވޭތޯ؟" އޯޑިއަންސް މެންބަރަކު ސުވާލުކުރުމުން، ކާރކް ޖަވާބުދިނީ "ވަރަށް ގިނައިން" ކަމަށެވެ.

އެއަށްފަހު އެ ފަރާތުން އިތުރަށް ސުވާލުކުރީ އެމެރިކާގައި ވޭތުވެދިޔަ 10 އަހަރު ތެރޭގައި ހިނގާފައިވާ މާސް ޝޫޓިން މާރާމާރީގެ އަދަދާ ބެހޭ ގޮތުންނެވެ. "ގޭންގު މާރާމާރީ ހިމަނައިގެންތޯ ނުވަތަ ނުހިމަނައިތޯ؟" ކާރކްގެ އެ ސުވާލަށްފަހު ވަޒަން އަރައިގެންދާތަން ފެނެއެވެ.

މި އިވެންޓާ މެދު ކެމްޕަހުގައި ދެބަސްވުންތައް އުފެދިފައިވެއެވެ. ކާރކް އެތަނަށް އައުން ހުއްޓުވުމަށް އެދި އޮންލައިންކޮށް ހިންގި ޕެޓިޝަނެއްގައި ގާތްގަނޑަކަށް 1،000 މީހުން ސޮއިކޮށްފައިވެއެވެ. ނަމަވެސް ޔުނިވަރސިޓީން ވަނީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ފިކުރީ ސުވާލުކުރުމާއި، ބިނާކުރަނިވި ޑައިލޮގްއަށް ފުރުޞަތު އޮތްކަން ހާމަކޮށް އެ އިވެންޓް ބާއްވާފައެވެ،