އިސްރާއީލުގެ ހަނގުރާމަ މަތީ ބޯޓުތަކުން ޔަމަނުގެ އެތައް ސަރަހައްދަކަށް ބުދަ ދުވަހު ދިން ވައިގެ ހަމަލާތަކުގެ ސަބަބުން މަދުވެގެން ނުވަ މީހުން މަރުވެ، 118 މީހުންނަށް އަނިޔާވެފައިވާ ކަމަށް ޔަމަނުގެ ހޫތީ ޖަމާޢަތުން ބުނެފިއެވެ.

މި ހަމަލާތައް ވަނީ ޔަމަނުގެ ސެންޓްރަލް ބޭންކުގެ މައި އޮފީސް ހިމެނޭހެން، ސިއްހީ އަދި ސަރުކާރުގެ މުހިންމު އިމާރާތްތަކަށް އަމާޒުކޮށްފައެވެ.

Ad
rt

ހޫތީން ހިންގާ އަލް-މަސީރާ ޓީވީން ރިޕޯޓުކުރި ގޮތުގައި، މި ހަމަލާތައް ދީފައިވަނީ ސަނާގެ ހުޅަނގު ދެކުނުގައިވާ 60 ވަނަ މަގުގައި ހުންނަ މެޑިކަލް ފެސިލިޓީއަކަށާއި، ޔަމަނުގެ ސެންޓްރަލް ބޭންކުގެ މައި އޮފީހަށާއި، ޔަމަނުގެ އިރުމަތީ އުތުރުގައިވާ އަލް-ޖައުފް ޕްރޮވިންސްގައި ހުންނަ ސަރުކާރުގެ ކޮމްޕްލެކްސްއަކަށެވެ.

މީގެ އިތުރުން، ހަނގުރާމަ މަތީ ޖެޓްތަކުން '26 ސެޕްޓެމްބަރު' އިމާރާތަށާއި، ޔަމަން ނޫސް ކުންފުނިތަކުގެ އޮފީސްތަކަށްވެސް ހަމަލާދީފައިވާ އިރު، ބައެއް ގޭގެއަށްވެސް ވަނީ ހަމަލާ ދީފައެވެ. އަލް-މަސީރާ ޗެނަލުން ބުނި ގޮތުގައި، މި ހަމަލާތައް ދިން ވަގުތު ހޫޘީންގެ ވައިގެ ދިފާޢީ ނިޒާމުތަކުން އިސްރާއީލުގެ ބޯޓުތަކަށް ވަނީ ހަމަލާދީފައެވެ.

ހޫތީން ހިންގާ ސިއްޙަތާ ބެހޭ ވުޒާރާއިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، ސަނާ އަދި އަލް-ޖައުފަށް އިސްރާއީލުން ދިން ހަމަލާތަކުގައި ފުރަތަމަ އެނގުނު އަދަދުތަކުން ނުވަ މީހުން މަރުވެ، 118 މީހުންނަށް އަނިޔާވެފައިވެއެވެ.

އިސްރާއީލުގެ ސިފައިން މި ހަމަލާތަކާ ބެހޭގޮތުން ބުނެފައިވަނީ، އެ ހަމަލާތައް ދީފައިވަނީ ސަނާ އަދި އަލް-ޖައުފް ޕްރޮވިންސްގައި ހުރި ހޫޘީންގެ އަސްކަރީ މަރުކަޒުތަކަށް ކަމަށެވެ. އަސްކަރީ ބަޔާނެއްގައިވާ ގޮތުން، ހަނގުރާމަ މަތީ ޖެޓްތަކުން ހޫތީންގެ އަސްކަރީ ކޭމްޕުތަކަށާއި، އަސްކަރީ އާންމު ގުޅުންތަކާ ބެހޭ މައި މަރުކަޒަށާއި، ތެޔޮ ރައްކާކުރާ މަރުކަޒަކަށް ހަމަލާދީފައިވެއެވެ.

މިދިޔަ މަސްތަކުގައި އިސްރާއީލުގެ ސިފައިން ވަނީ ހޫތީން އިސްރާއީލަށް ދިން މިސައިލް އަދި ޑްރޯން ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ޔަމަނުގެ އެކި ސަރަޙައްދުތަކުގައި ހުރި ހޫތީންގެ މަރުކަޒުތަކަށް އެތައް ފަހަރެއްގެ މަތީން ވައިގެ ހަމަލާދީފައެވެ. މީގެ ކުރިން، މިދިޔަ މަހު ސަނާއަށް އިސްރާއީލުން ދިން ހަމަލާއެއްގައި، ބޮޑުވަޒީރު އަޙްމަދު ޣާލިބް އަލް-ރަހާވީއާއި އެހެން ނުވަ ވަޒީރުން ވެސް ހިމެނޭ ގޮތަށް ހޫތީންގެ އިސް 12 އޮފިޝަލުން މަރުވެފައިވެއެވެ.

2023 ނޮވެމްބަރު މަހުން ފެށިގެން ހޫތީން ދަނީ އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އުދުވާނަށް ޖަވާބުދިނުމުގެ ގޮތުން އިސްރާއީލުގެ އަމާޒުތަކަށް މިސައިލް އަދި ޑްރޯން ހަމަލާ ދެމުންނެވެ. އަދި ރެޑް ސީއާއި، ގަލްފް އޮފް އޭޑަން އަދި އަރަބި ކަނޑުގައި ވިޔަފާރި އުޅަނދުތަކަށްވެސް ހަމަލާދެމުން އަންނަނީ ޣައްޒާގައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުންނެވެ. ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމާގައި މިހާތަނަށް 64,600 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.