ރާއްޖޭގެ ހުރިހާ ސިޓީތަކާއި ރަށްރަށުގައި މަގުތަކާއި އާންމު ތަންތަން ދިއްލުމަށް ކައުންސިލްތަކަށް ފެނަކަ އަދި ސްޓެލްކޯއިން ބިލުކުރާނީ ޑޮމެސްޓިކް ރޭޓުން ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ.

މި ނިންމެވުން ރައީސް ހާމަކުރައްވާފައިވަނީ މިރޭ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ބަދަލު އަމަލުކުރަން ފަށާނީ 2026 ވަނަ އަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެންނެވެ.

Ad
rt

ރައީސް މުޢިއްޒުގެ މި ނިންމެވުމަކީ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ކައުންސިލްތަކުގެ މާލީ ޤާބިލުކަން އިތުރުކުރުމަށް އެޅުއްވި މުހިންމު ފިޔަވަޅެކެވެ. މި ބަދަލާ ގުޅިގެން ކައުންސިލްތަކަށް މުނިސިޕަލް އެހެނިހެން ޚިދުމަތްތަކަށް ޚަރަދުކުރުމަށް އިތުރު ފައިސާ ލިބިގެންދާނެ ކަމަށް ރައީސް ފާހަގަކުރައްވާފައިވެއެވެ.

''ލާމަރުކަޒީ ނިޒާމު އިތުރަށް ތަރައްޤީ ކުރުމަށް ކުރެވޭ ކަންކަމުގެ ތެރެއިން، ޖެނުއަރީ 1، 2026 އިން ފެށިގެން،ރާއްޖޭގެ ހުރިހާ ސިޓިތަކާއި ރަށްރަށުގައި މަގުތަކާއި ޢާއްމު ތަންތަން ދިއްލުމަށް ކައުންސިލް ތަކަށް ފެނަކަ/ސްޓެލްކޯ އިން ބިލް ކުރާނީ ޑޮމެސްޓިކް ރޭޓުން. ނަތީޖާއެއްގެ ގޮތުން މުނިސިޕަލް އެހެން ޚިދުމަތްތަކަށް ޚަރަދު ކުރަން ލިބޭ ޢަދަދު ބޮޑުވެގެންދާނެ.'' ރައީސް ވިދާޅުވެފަވެއެވެ.

މިހާރު އަމަލުކުރަމުންދާ ގޮތުން، މަގުތަކާއި އާންމު ތަންތަން ދިއްލުމަށް ކައުންސިލްތަކަށް ބިލުކުރަމުން އަންނަނީ ވިޔަފާރި ރޭޓުންނެވެ. އެހެންކަމުން، މި ބަދަލަކީ ކައުންސިލްތަކުގެ ޚަރަދުތައް މިހާރަށްވުރެ ބޮޑުތަން ކުޑަވެގެންދާނެ ބަދަލެކެވެ.