އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގެ ސަބަބުން ޣައްޒާގެ ސިއްހީ ނިޒާމް އެއްކޮށް ފުނޑުފުނޑުވެފައިވާތީ، ޣައްޒާގެ ސިއްހީ ވުޒާރާއިން ވަނީ އާދީއްތަ ދުވަހު އުރުދުން (ޖޯޑަން)ގެ ރަސްގެފާނު އަބްދުالله ދެވަނަ އަށް އަވަސް އިލްތިމާސެއް ކޮށްފިއެވެ. މި އިލްތިމާސްގައި އެދިފައިވަނީ، ޣައްޒާގައި ޤާއިމުކޮށްފައިވާ އުރުދުންގެ ވަގުތީ ހޮސްޕިޓަލްތައް އަލުން ހިންގައިދޭން ފެށުމަށެވެ.
ޣައްޒާގެ ޞިއްޙީ ވުޒާރާއިން ނެރުނު އާދޭހުގެ ދެންނެވުމުގައި، އިސްރާއީގެ އަނިޔާވެރި ހަނގުރާމައިގެ ސަބަބުން ގާޒާގެ ޞިއްޙީ ދާއިރާ ވަނީ ފުނޑުފުނޑުވެފައިވާތީ، ގާޒާގައި ޤާއިމުކޮށްފައިވާ ޖޯޑަންގެ ވަގުތީ ހޮސްޕިޓަލްތައް އަލުން ހިންގަން ފެށުމަށް އަމުރު ކުރެއްވުމަށް ވަނީ އެދިފައެވެ.
އެ ވުޒާރާއިން ނެރުނު ބަޔާނުގައި، 2009 ވަނަ އަހަރު ޣައްޒާގައި ޖޯޑަންގެ ވަގުތީ ހޮސްޕިޓަލެއް ޤާއިމުކުރުމަށް ރަސްގެފާނު ނެރުއްވި އަމުރުފުޅު ހަނދާންކޮށް، އެކަމަށްޓަކައި އެ މަނިކުފާނަށް ޝުކުރުވެރިވާ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މިހާރު ޣައްޒާ ސިޓީގައި ހުރި ވަގުތީ ހޮސްޕިޓަލުގައި ބަލިމީހުން އެޑްމިޓްކުރަން ފެށުމަށް ގޮވާލާފައިވާއިރު، އެއީ މިހާރު ކޮންމެ އެނދަކަށްވެސް ބޭނުންޖެހިފައިވާ ހާލަތުގައި، އެތައް މަހެއް ވަންދެން އެ ހޮސްޕިޓަލުގައި އެއްވެސް ބަލިމީހަކު އެޑްމިޓް ނުކުރާތީއެވެ.
މީގެ އިތުރުން، ޣައްޒާގެ ދެކުނުގައިވާ ޚާން ޔޫނިސްގެ ހޮސްޕިޓަލްތަކުގައި ވެސް ވަރަށް ބޮޑަށް ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާކަން ވުޒާރާއިން ފާހަގަކޮށްފައިވެއެވެ. އެގޮތުން، އެ ސަރަޙައްދުގައި ހުރި ޖޯޑަންގެ ވަގުތީ ހޮސްޕިޓަލުގައި މިހާރު ހުރީ އެންމެ 17 އެނދު ކަމަށާއި، އެތަނުގެ ކައިރީގައި ހުރި ނާސިރު މެޑިކަލް ކޮމްޕްލެކްސްގައި 1000 އާ ގާތްކުރާ އަދަދެއްގެ ބަލިމީހުން ފަރުވާ ހޯދަމުންދާކަން ފާހަގަކޮށްފައިވެއެވެ.
މި އާދޭސް ކުރުމުގެ ބޭނުމަކީ، ގާތްގަނޑަކަށް ދެ އަހަރު ވަންދެން އިޒްރޭލުން ދެމުންގެންދާ ހަނގުރާމައާއި، ބްލޮކޭޑާއި، ބަނޑަހައިހޫނުކަމުގެ ސަބަބުން ޣައްޒާގެ ޞިއްޙީ ނިޒާމު އެއްކޮށް ހަލާކުވެފައިވާތީއެވެ. މިހާރު ހޮސްޕިޓަލްތަކުގައި ބޭސް، ތެޔޮ އަދި އާލާތްތައް ނެތި، ބަލިމީހުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވެއެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް އިޒްރޭލުގެ އަނިޔާވެރި ހަނގުރާމައިގައި 64،400 އަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ޝަހީދުވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!