ޔަމަނުގެ ހޫތީން، ވަން ވޭ އެޓޭކް ޑްރޯނެއް ބޭނުންކޮށްގެން އިސްރާއީލުގެ އައިލާތުގެ އުތުރުގައި އޮންނަ ރަމޮން އެއާޕޯޓަށް ހުކުރު ދުވަހު ހަމަލާއެއްދީފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މި ޙަމަލާއާ ގުޅޭގޮތުން ޔަމަނުން މިހާތަނަށް ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ.

Ad
rt

މި ހަމަލާއާއި ގުޅޭގޮތުން އިސްރާއީލުގެ ސިފައިން (އައި.ޑީ.އެފް.) އިން ވަނީ މި ޙަމަލާ ކަށަވަރުކޮށްދީފައެވެ. އަދި ޙަމަލާގެ އަންނަކަން އިސްރާއީލްގެ ދިފާއީ ނިޒާމަށް ދެނެގަނެވިފައި ނުވާކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ހަމަލާއާއި ގުޅިގެން އިސްރާއީލުގެ ދެކުނު ސަރަޙައްދުގެ ވައިގެ ސަރަޙައްދު ވަގުތީ ގޮތުން ބަންދުކޮށް، އެ ސަރަޙައްދަށް ދަތުރުކުރަން ހަމަޖެހިފައިވާ ބައެއް ފްލައިޓްތައް ބެން ގޫރިއަން ވައިގެ ބަނދަރަށް ބަދަލުކޮށްފަވެއެވެ.

މި ހަމަލާއާއި ގުޅޭ ވީޑިއޯއެއް އިސްރާއީލްގެ މީހަކު މީސްމީޑިއާގައި ޕޯސްޓްކޮށްފައިވާއިރު، ޑްރޯން އަމާޒުވި ސަރަހައްދުން ބޯކޮށް ދުން އަރާތީ އެ ވީޑިއޯއިން ފެނެއެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުގައި މި ޑްރޯން އެ އެއާޕޯޓަށް ވާސިލްވީ އިސްރާއީލްގެ ދިފާޢީ ނިޒާމް ފޫ އަޅުވާލުމަށްފަހުއެވެ. މި ހަމަލާއާއި ގުޅޭ ގޮތުން އިސްރާއީލުން ތަފްސީލް ނުދޭތީ ހަމަލާއިން ގެއްލުންވި މިންވަރު ސާފެއްނުވެއެވެ.

މި ޙަމަލާގެ ކުރިން ޔަމަނުން ދޫކޮށްލި އިތުރު ތިން ޑްރޯން އިސްރާއީލުގެ ވައިގެ ދިފާޢީ ނިޒާމުން ހުއްޓުވާލާފައިވާކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެއެވެ.

ޔަމަނުގެ އަންސާރުﷲ ޙަރަކާތް (ޙޫތީ ހަނގުރާމަވެރިން) އިން 2023 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން ޣައްޒާއަށް އެއްބާރުލުން ދިނުމުގެ ގޮތުން އިސްރާއީލަށް ދުރު ދުރުން ޑްރޯން އަދި މިސައިލް ޙަމަލާތައް ދެމުންދެއެވެ. އިސްރާއީލުން މި ޙަމަލާތަކަށް ޖަވާބުދާރީވަމުން ދިޔަ ނަމަވެސް، ޙޫތީންގެ މިފަދަ ޙަމަލާތައް ދަނީ އިތުރުވަމުންނެވެ.

މިދިޔަ މޭ މަހު ޙޫތީ ހަނގުރާމަވެރިންގެ މިސައިލެއް އިސްރާއީލުގެ މައި ވައިގެ ބަނދަރާ ކައިރިން އަށް އަމާޒުވެ ހަތަރު މީހަކަށް އަނިޔާވެފައިވެއެވެ. މި ހާދިސާއާ ގުޅިގެން ގިނަ އެއަރލައިންތަކުން އިސްރާއީލަށް ކުރާ ދަތުރުތައް މަސްތަކެއް ވަންދެން ހުއްޓާލިއެވެ. މިކަމަށްފަހު އިސްރާއީލުން ވަނީ ޔަމަނުގެ ވެރިރަށް ސަނާގައިވާ މައި ވައިގެ ބަނދަރަށް ޙަމަލާދީ، އެ ބަނދަރުގެ ބޮޑު ބައެއް ހަލާކުކޮށްލާފައެވެ.