އިނގިރޭސިވިލާތުގެ އަދުލު އިންސާފާއި ބެހޭ ސްޓޭޓް ސެކްރެޓަރީ އަދި ލޯޑް ޗާންސެލަރުގެ މަޤާމުގައި ހުންނެވި ޝަބާނާ މަޙްމޫދު އެ ޤައުމުގެ ހޯމް ސެކްރެޓަރީގެ މަޤާމަށް ޢައްޔަނުކޮށްފިއެވެ.

ޝަބާނާ މި މަގާމަށް ޢައްޔަނުކޮށްފައި ވަނީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކީރ ސްޓާމަރ 5 ސެޕްޓެމްބަރު 2025 ގައި އޭނާގެ ކެބިނެޓަށް ގެންނެވި ބަދަލުގެތެރެއިންނެވެ. މި ބަދަލުތައް ގެންނެވީ ނައިބު ބޮޑުވަޒީރު އެންޖެލާ ރޭނަރ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

Ad
rt

ޝަބާނާ މަޙްމޫދު ހޯމް ސެކްރެޓަރީގެ މުހިންމު މަޤާމަށް އައްޔަންކުރެއްވުމުން އޭނާ އަށް ވަނީ އިނގިރޭސިވިލާތުގެ ތާރީޚުން ޖާގަލިބިއެވެ. އެއީ އޭނާ އަކީ އިނގިރޭސި ތާރީޚްގައި ފުރަތަމަ ފަހަރަށް ޢައްޔަނުކުރެވުނު އަންހެން ހޯމް ސެކެރަޓަރީ އަށް ވެގެން ދިޔުމުންނެވެ. އަދި މިއީ މުސްލިމް އަންހެނެއް މި މަގާމް ފުރުއްވާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން މުސްލިމެއް މި މަގާމު ފުރާފައި ވަނީ 2018 އިން 2019 އަށް ސާޖިދު ޖާވިދު އެވެ.

ޕާކިސްނުގެ ނަސްލަށް ނިސްބަތްވާ، އިނގިރޭސިވިލާތުގެ ކުރީގެ އަދުލު އިންސާފާއި ބެހޭ ސްޓޭޓް ސެކްރެޓަރީ އަދި ލޯޑް ޗާންސެލަރުގެ މަޤާމުގައި ހުންނެވި ޝަބާނާ މަޙްމޫދު، އެ ޤައުމުގެ އިމިގްރޭޝަން، ފުލުހުންގެ ކަންކަން އަދި ޤައުމީ ސަލާމަތާ ބެހޭ ކަންކަން ބަލަހައްޓާ ހޯމް ސެކްރެޓަރީގެ މަޤާމަށް އައްޔަންކުރެއްވުމަކީ އިނގިރޭސިވިލާތުގެ ސިޔާސީ މައިދާނަށް ލިބުނު ތާރީޚީ ކާމިޔާބީއެއްގެ ގޮތުގައި ބައިނަލްއަގްވާމީ ބައެއް މީޑިއާތަކުން ވަނީ ފާހަގަކޮށްފައެވެ.

ޝަބާނާ މަޙްމޫދު އުފަންވެފައި ވަނީ 1980 ވަނަ އަހަރު ބާމިންގހަމްގައެވެ. އޭނާގެ މައިންބަފައިންނަކީ އާޒާދު ކަޝްމީރުގެ މިރްޕޫރުން އިނގިރޭސިވިލާތަށް ހިޖުރަކުރި ބަޔެކެވެ. އޭނާގެ ކުޑައިރުގެ ބައެއް ދުވަސްތައް ހޭދަކުރީ އިނގިރޭސިވިލާތާއި ސައޫދީ އަރަބިއްޔާގައެވެ. އޮކްސްފޯޑް ޔުނިވަރސިޓީ (ލިންކަން ކޮލެޖް) އިން ތަޢުލީމު ޙާޞިލުކުރުމަށްފަހު، ސިޔާސީ މައިދާނަށް ވަނުމުގެ ކުރިން އޭނާ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރިއެވެ. 2010 ވަނަ އަހަރު ބާމިންގހަމް ލޭޑިވުޑްގެ އެމްޕީއަކަށް ފުރަތަމަ ފަހަރަށް އިންތިޚާބުވި ފަހުން، ލޭބަރ ޕާޓީގެ ޝެޑޯ އަދި މިނިސްޓްރީ ޓީމުތަކުގެ ގިނަ މުހިންމު މަޤާމުތަކެއް އޭނާ ވަނީ ފުރާފައެވެ.

އަދުލު އިންސާފާއި ބެހޭ ސްޓޭޓް ސެކްރެޓަރީ އަދި ލޯޑް ޗާންސެލަރުގެ މަޤާމުގައި ހުރި ދުވަސްވަރު، ޝަބާނާ ވަނީ ޖަލުތަކުގައި މީހުން ގިނަވެފައިވާ މައްސަލަ ޙައްލުކުރުމަށް މުހިންމު އިޞްލާޙުތަކެއް ގެނެސްފައެވެ. މީގެ ތެރޭގައި ކުރިން ދޫކޮށްލުމުގެ ޕްރޮގްރާމްތަކާއި، ޙުކުމް ކަނޑައެޅުމުގެ ރައްކާތެރިކަމާއި އިންސާނީ ޙައްޤުތަކުގެ އިޞްލާޙުތަކާ ގުޅޭގޮތުން ހަރުދަނާ ފިޔަވަޅުތައް ހިމެނެއެވެ. އޭނާގެ މި މަސައްކަތްތައް ސިފަކުރެވިފައިވަނީ ބައެއްފަހަރު "ބްލޫ ލޭބަރ" ގެ ޢަމަލީ ވިސްނުމުގެ މިސްރާބެއްގެ ގޮތުގައެވެ.

މިހާރު އިނގިރޭސިވިލާތުގެ އެންމެ ބާރުގަދަ މިނިސްޓްރީތަކުގެ ތެރެއިން އެއް މިނިސްޓްރީގެ އިސް މަޤާމާއި ޝަބާނާ ހަވާލުވުމާއެކު، އޭނާގެ ތަޖުރިބާއާއި، އިސްލާމް ދީނުގެ އަސްލުތަކުން އިލްހާމު ލިބިފައިވާ ދުނިޔޭގެ ނަޒަރިއްޔާތާއި، އިސްތިރާޖީ ވިސްނުން މުހިންމު ދައުރެއް އަދާކުރާނެކަމަށް ބައެއް މީޑިއާތަކުން ބުނެފަވެއެވެ. އަދި އޭނާގެ މި މަޤާމުގެ ނިންމުންތަކުން އިނގިރޭސިވިލާތުގެ ވެރިކަން ހިންގުމުގެ މުހިންމު ދާއިރާތަކަށް ފުން އަސަރުތަކެއް ކުރާނެކަމަށް ވެސް އެ މީޑިއާތަކުން ލަފާކޮށްފައި ވެއެވެ.