މިދިޔަ ޖުލައި މަހު މަސްތުވާތަކެއްޗާއެކު ހައްޔަރުކުރެވުނު އަންހެން ފުލުސް އޮފިސަރު، އައިޝަތު ޝިޔާޒާ ވަޒީފާއިން ވަކިކުރުމަށް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމައިފިއެވެ.
އދ. ކުނބުރުދޫ، ދިލްބަހާރުގޭ، އައިޝަތު ޝިޔާޒާ (32 އަހަރު) ހައްޔަރުކުރެވުނީ ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަންގައި ޝިޔާޒާއާއެކު ހއ. ދިއްދޫ، ހަޒާރުމާގޭ ސައިފުﷲ އަހްމަދު (26 އަހަރު) ވެސް ހައްޔަރުކުރެވުނެވެ.
ފުލުހުން ކޯޓުގައި ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، ދެ މީހުން ހައްޔަރުކުރެވުނީ މާފަންނު ވިޔަފާރިވެރިންގެ މިސްކިތް ކައިރިން، މަސްތުވާތަކެތި ބަލައި ދިޔަ ވަގުތެއްގައެވެ. ޝިޔާޒާގެ ދަބަހުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތިން ރަބަރު ޕެކެޓާއި މަނާ ބޭސް ގުޅައެއް ފެނިފައިވެއެވެ. މި ތަކެތީގެ ޖުމްލަ ބަރުދަން ދެ ގްރާމަށްވުރެ ގިނައެވެ.
ދެ މީހުން ހައްޔަރުކޮށް ޓެސްޓުކުރި އިރު، ދެ މީހުންގެ ކުޑަކަމުދާ ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިނަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ކޯޓުގައި ފާހަގަކޮށްފައިވެއެވެ. މި ދެ މީހުން ހައްޔަރުކުރެވިފައިވަނީ މަސްތުވާތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި އަދި އޭގެ ވިޔަފާރި ކުރުމުގެ ތުހުމަތުގައެވެ.
ފުލުހުންގެ މީޑިއާ ގްރޫޕުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ފުލުހުން މިރޭ ވަނީ، ޝިޔާޒާގެ މައްސަލަ ބެލުމަށްފަހު އޭނާ ފުލުހުންގެ ވަޒީފާއިން ވަކިކުރުމަށް ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވާކަން ކަށަވަރުކޮށްދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!