މާލެ ތެރޭގައި ނުރައްކާތެރި ކުށްތަކެއް ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، ހެންވޭރުގައި ހުންނަ ގެއަކުން ތޫނު ހަތިޔާރު ފެނިގެން ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިރޭ ބުނީ، މާލެ ތެރޭގައި ނުރައްކާތެރި ކުށްކުރުމުގައި ހަރަކާތްތެރިވާ ގުރޫޕްތަކުން އިންތިޒާމް ވެގެން ނުރައްކާތެރި ކުށްކުރުމަށް ރާވައި، އެފަދަ ކުށްތައް ކުރުމަށް ބޭނުންކުރާ ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު އަދި އާލާތްތައް އެފަރާތްތަކުން ސޭފްހައުސްގެ ގޮތުގައި ބޭނުންކުރަމުންދާ ތަންތަނަށް ޖަމާކޮށް ނުރައްކާތެރި ކުށްތައް ކުރަން އުޅޭކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މާލޭގެ ހެންވޭރުގައި ހުންނަ ގެއެއް ބަލާފާސްކޮށްފައިވާ ކަމަށެވެ.
ކޯޓު އަމުރެއްގެ ދަށުން މިގެ ބަލާފާސްކޮށްފައި ވަނީ 3 ސެޕްޓެމްބަރ 2025 ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ. އަދި މި ބަލައިފާސްކުރުމުގެ ތެރެއިން އެ ގެއިން ތޫނު ހަތިޔާރު ފެނިގެން ތިން މީހަކު ހައްޔަރުކޮށްފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ، މއ. މޯނިންގވިޔު، އަޙްމަދު ނަވާޒު (30އ) އާއި މއ. މޯނިންގވިޔު، އިބްރާހީމް ޒައިދާން (22އ) އަދި ލ. މާބައިދޫ، ބަށިމާގެ، މުޙައްމަދު ޝިދާދު (22އ) އެވެ.
މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، އަޙްމަދު ނަވާޒު 30 ދުވަހަށް ބަންދު ކުރުމަށް އަމުރުކުރިއިރު، އިބްރާހީމް ޒައިދާން އާއި މުޙައްމަދު ޝިދާދު 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައިކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ބުނިގޮތުގައި މި އަމުރު ކޯޓުން ކޮށްފައިވަނީ، ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުންނެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!