ކޮންމެ ކުންފުންޏެއް، އޮފީހެއް ނުވަތަ އެނޫންވެސް މަސައްކަތުގެ ދާއިރާ ނިސްބަތްވާ ތަނެއްގެ ކުރިއެރުމާއި، ކާމިޔާބު ނުވަތަ ނާކާމިޔާބީގެ އަސްލަކަށްވެފައި އޮންނަނީ އެތަނެއްގެ މުވައްޒަފުންނާއި މެދު އަމަލު ކުރެވޭ ގޮތުން ނުކުންނަ ނަތީޖާއެވެ.

އެފަދަ ތަންތަނަކީ ކާމިޔާބު، ރަނގަޅު ނަތީޖާ ހާސިލްކުރާ އަދި ކަނޑައަޅާފައިވާ ލަނޑު ދަނޑިތަކަށް ވާސިލްވާ ތަންތަނަށްވާނީ ވެރިން މުވައްޒަފުންނާއި މެދު ގެންގުޅޭ ހަރުދަނާ އުސޫލުތަކާއި ގޮތްތަކުގެ ސަބަބުން ނުކުންނަ ނަތީޖާއަކުންނެވެ.

Ad
rt

ފުރަތަމަވެސް އެތަނެއްގެ އެންމެ މުހިންމު ރައުސްމާލަކީ މުވައްޒަފުންކަން ވެރިން ދަންނަން ޖެހެއެވެ. އެއަށްފަހު ވިސްނުން ހިންގާލަންވީ ކަންކަން ބަލައިލާނަމެވެ.

މުވައްޒަފުންގެ އަގުވަޒަންކުރަންޖެހޭ ހަޤީޤީ ގޮތުގައި އަގުވަޒަން ނުކުރުމުގެ ސަބަބުން ވެރިންގެ ފަރާތުން ތަނުގެ މުވައްޒަފުންގެ ކާމިޔާބީ ތަކާއި، އޮންނަންޖެހޭ ގުޅުން ކެނޑޭގޮތްވެއެވެ.

ބައެއް ތަންތަނުން މުވައްޒަފުންގެ އަގުވަޒަން ކުރުމަށް ބާއްވާ ޕްރޮގްރާތަކުގެ ތެރެއިން ތަފާތު އެވޯރޑްތައް ދީ އުޅެއެވެ. ނަމަވެސް މިފަދަ ކަންކަމުންވެސް ބައެއް މުވައްޒަފުން ބާކީ ކުރުމަކީ ހިނގާކަމެކެވެ. އެޔަކީ އެތަންތަނުގެ ވެރިން ހަދާ ބޮޑު ގޯހެކެވެ.

ވެރިންނަށް މަސައްކަތުގެ މާހައުލުގައި މުވައްޒަފުންގެ އަގުވަޒަން ކުރެވޭނަމަ އެދެވިގެންވާ ރަނގަޅު ނަތީޖާ ނެރެވޭނެ ކަމާއިމެދު ޝައްކެތް ނެތެވެ.

އެޑަމް ގްރާންޓް އަދި ފްރެންސެސަރ ޖީނޯގެ ރިސަރޗަކުން ދެއްކި ގޮތުގައި ވެރިންގެ ފަރާތުން މުއައްޒަފުންގެ މަސައްކަތްތައް އަގުވަޒަންކޮށް ޝުކުރުވެރިވާނަމަ މުވައްޒަފުންގެ ކުރާ މަސައްކަތް ރަނގަޅުވެއެވެ. އަދި އެހެން ރިސަރޗަކުން ދެއްކި ގޮތުގައި ޓީމެއްގޮތުގައި މަސައްކަތް ކުރާއިރު މުވައްޒަފުންގެ މެދުގައި އިޚްތިރާމާއި އެކަކުއަނެއްކުގެ މަސައްކަތް ބަލައިގަންނަނަމަ ކުރެވޭ މަސައްކަތްތުގެ ފުރިހަމަކަން ބޮޑުވެއެވެ.

ހަރވަރޑް ބިސްނަސް ރިވިއުގައި ހާމަ ކޮށްފައިވާގޮތުން ކުންފުނިތައް ހަމަޔަކަށް އެޅުވުމުގައި އެމީހުން ހޭދަކޮށްފައިވާ 50 އަހަރުގެ މަސައްކަތުގައި ފާހަގަވެފައިވަނީ ގިނަ ކުންފުނިތަކުގެ މުވައްޒަފުންގެ ހުނަރާއި މަސައްކަތް އަގުވަޒަން ކުރުމުގައި އަދިވެސް ވެރިންނަށް މައްސަލަތައް ކުރިމަތިވެއެވެ. އެހެންކަމުން އެމީހުން ވަނީ ކުންފުނިތަކުގެ ވެރިންނާއި މުވައްޒަފުން ހިމަނައިގެން ސަރވޭއަކާއިއެކު މަޢުލޫމާތު ސެޝަންތަކެއް ކުރިއަށް ގެންގޮސްފައެވެ.

މިސެޝަނުން ހާމަވެފައިވަނީ މުވައްޒަފުންގެ އަގުވަޒަން ކުރުމަށް ވެރިންނަށް ޗެލެންޖަކަށް ވީނަމަވެސް މުވައްޒަފުންގެ ނަޒަރުގައި އެއީ ވަރަށް ފަސޭހަކަމެކެވެ. މިގޮތުން މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން ވެރިންނަށް ކުރެވިދާނެކަމަށް މުވައްޒަފުން ފާހަގަ ކުރިބައެއް ކަންތައް ތިރީގައި ބަޔާން ކޮށްލާނަމެވެ.

އާންމުގޮތެއްގައި މުވައްޒަފަކާއި ބައްދަލުވުމުން އެމީހުނަށް ގޮވާލައި، ކޮށްމެދުވަހަކުވެސް އެމީހުންގެ ހާލު އަހުވާލު އަހާލުން ނުވަތަ މަސައްކަތްތަކާއި ބެހޭގޮތުން ނަމަވެސް ވާހަކައެއް ދައްކާލުމުން މުވައްޒަފުން ހިތްހަމަޖެހެއެވެ. މިގޮތަށް ކަންތައް ކުރުމުން މުވައްޒަފުންގެ ހިތުގައި އެމުވައްޒަފަކީ ބޭނުންތެރި މީހެއްކަމުގެ އިހުސާސް ކުރެވި، ހިތްވަރުއާވެ ކުރާ މަސައްކަތްތައްވެސް ރަނގަޅަށް ކުރާހިތުން ކުރެވި މުވައްޒަފުންނަކީ، ތަނަށް މުހިއްމު، ވެރިން ބަލައިގަންނަ މުވައްޒަފެއްކަމުގެ އިހުސާސް ވެއެވެ.

މިގޮތްތަށް އާދަވެ ޑިޕަރޓްމަންޓްގެ ހުރިހާ މުވައްޒަފުންނާއި މަޝްވަރާ ކޮށް، ވާހަކަ ދައްކާލާނަމަ ތަނުގެ މަސައްކަތްތައް ހުރިނެތް ގޮތް ދެނެގަނެވި، މަސައްކަތުގެ މާހައުލު ރަނގަޅުވެއެވެ.

މުވައްޒަފުން ބޭނުންވިގޮތުގައި އެމީހުންނަށް ރަނގަޅަށް ކުރެވޭ ކަންކަންމުގެ ވާހަކައިގެ އިތުރުން ގޯސްކޮށް ކުރެވޭ ކަންކަން ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަމާއިވެސް ވެރިންގެ މަޝްވަރާ ބޭނުންވެއެވެ.

ބައެއް މުވައްޒަފުން ސަރވޭގައި ފާހަގަ ކޮށްފައި ވާގޮތުން ހިއްހަމަ ނުޖެހޭ ކަންކަން ފާހަގަކުރުމުން މަސައްކަތުގެ ރޫހު ގެއްލި މަސައްކަތް ކުރާހިތްކެނޑެއެވެ. އޭގެ ބަދަލުގައި ނުބައިކޮށް ކުރެވޭ ކަންކަން ރަނގަޅު ކުރުމަށްކުރެވިދާން ކަންކަން ވެރިންގެ އެހީއާއި އެއްބާރުލުމާއިއެކު މަޝްވަރާ ކުރެވިދާނެއެވެެ.

މިކަމުގައި ބޮޑަށް ވިސްނަންވީ ނުރަނގަޅު ކަންކަމާއި ރަނގަޅު ކަންކަން އެއްފަހަރާއި ފާހަގަ ނުކުރުމެވެ. އޭރުން މުވައްޒަފުންނަށް އޮޅުންއަރާގޮތް މެދުވެރިވުން އެކަށީގެންވެއެވެ.

މުވައްޒަފުންނަށް ވަޒީފާގެ މާހައުލުގައި މުސްތަޤްބަލްގައި އޮތް ފުރުސަތުތަކާއި ބެހޭގޮތުން ވާހަކަ ދައްކާލައި، މުވައްޒަފުންގެ ޤާބިލްކަން ހުރިވަރާއި ބެހޭ ގޮތުން ތަޢުރީފްކޮށް ހެދުމަކީ މުވައްޒަފުންނަށް ހިތްވަރު ލިބި މަސައްކަތްތައް ރަނގަޅުކުރުމަށް އިތުރަށް ބާރު އަޅައިދޭ ކަމެކެވެ.

މުވައްޒަފުންނަށް ކޮންމެސް ވަރެއްގެ ލުޔެއް ވެރިންގެ ފަރާތުން ދޭކަމުގައި ވަނީ ނަމަ ތަނުން އެމުވައްޒަފަކަށް އޮންނަ އިތުބާރު ދައްކުވައިދެއެވެ. އަދި އަގުވަޒަން ކުރުމުގެ ގޮތުން މުވައްޒަފުންނާއިއެކު ބާއްވާ މީޓިންގ ތަކުގަ އެކިއެކި މުވައްޒަފުންނަށް ރަނގަޅަށް ކުރެވޭ މަސައްކަތްތައް ފާހަގަކޮށްހެދުމަކީ މުވައްޒަފުންނަށް ހިތްވަރު ލިބޭ ކަމެކެވެ.

މުވައްޒަފުން ކުރާ މަސައްކަތް ބަލައިގަނެ، އެމީހުންގެ ހިތްވަރާއި މަސައްކަތަށް ފަޚުރުވެރިވާ އަދި ޝުކުރުވެރިވާ ވެރިއެއް ކަމުގައިވުމުން މަސައްކަތުގެ މާހައުލަށް އަންނަ ބަދަލު ބައްލަވާލެއްވުން މުހިއްމެވެ.