އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނު އަލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން (އުތީމު ބޮޑުތަކުރުފާނު)ގެ ލޭ ށ. އަތޮޅުގެ ރަށްތަކުގެ ރައްޔިތުންގެ ހިތްތަކުގައި ވެސް ހިނގާނެކަމަށް ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް (ޝިޔާންޓޭ) އިއްޔެ ވިދާޅުވެއްޖެއެވެ.
ޝިޔާމް މިފަދައިން ވިދާޅުވީ، މިއަހަރުގެ ޤައުމީ ދުވަސް އަތޮޅު ފެންވަރުގައި ފާހަގަކުރުމަށް ށ.ބިލެތްފަހީގައި އިއްޔެ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ށ.އަތޮޅުގައި އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ފާހަގަކުރުމަކީ އަތޮޅު ކައުންސިލުން ރާވާ އިންތިޒާމް ކުރި ކަމެކެވެ. މިކަމަށް ހުޅުވާލި ފުރުސަތުގައި ހުށަހެޅި ބީލަން ކާމިޔާބުކޮށްގެން މިއަހަރު ށ.އަތޮޅުގައި އަތޮޅުފެންވަރުގައި މި ދުވަސް ފާހަގަކުރުމަށް ހޮވުނީ ބިލެތްފައްސެވެ.
އިއްޔެ ބިލެތްފަހީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝިޔާމް ވަނީ ބޮޑުތަކުރުފާނު ކުރެއްވި ޖިހާދުގައި ށ.އަތޮޅުގެ ގިނަ ރަށްތައް ބޭނުންކުރަށްވާފައިވާކަމަށް ވިދާޅުވެފައެވެ.
''އޭގެ ތެރެއިން ފާހަގަކޮށްލާނަން ތަކުރުފާނުން ގެންގުޅުއްވި ދުވެލިބާރު ކަޅުއޮއްފުއްމި ދިޔަ މަގު، މަތި ކޮމަންޑޫ އަދި ދަށުކޮމަންޑޫ މި ދޭތެރެ، ކަޅުއޮއްފުންމި ދުއްވުމަށް ބޭނުންކުރުމަށްފަހުގައި ބޭނުންކުރި ރިޔާ ފެނު ލުމަށްފަހުގައި، މަރޮށީ ކާނިގަސް، މިހާރު އެހެރަ ކާނި ގަހަކީ، އެއިރު ޖަހާފައިހުރި ކަޑައެއް ގޮތުގައި ފާހަގަކުރެވޭ، އެހެންކަމަށްވާއިރު އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، އަޅުގަގަނޑުމެން، ށ.އަތޮޅު ރައްޔިތުންގެ ހިތްތަކުގައި ވެސް ތަކުރުފާނުގެ ލޭ ހިނގާނެ ވާހަކަ'' ށ.އަތޮޅާއި ބޮޑުތަކުރުފާނު ކުރެއްވި ޖިހާދާއި އޮތް ގުޅުން ސިފަކޮށްދެއްވަމުން ޝިޔާމް ވިދާޅުވެފައެވެ.
''ށ.އަތޮޅު ކައުންސިލުން ޤައުމީ ދުވަހެއް މިގޮތަށް ފާހަގަކުރަން ނިންމީ ވެސް ހަގީގަތުގައި އަތޮޅު ލެވެލްގައި، އަތޮޅު ރައްޔިތުންގެ ކިބާގައި އެއްބައިވަންތަކަމާއި، އެކުވެރިކަން އަށަގެންނެވުމުގެ ބޭނުމުގައި، އޭގެ މިސާލު ބާއްވާ ކޮންމެ މުބާރާތަކުން، އިވެންޓަކުން ފެނިގެންދޭ، މެމްބަރުން މުވައްޒަފުންގެ މަސައްކަތް ފާހަގަކުރަން،'' ޝިޔާމް ވިދާޅުވެފައެވެ.
ދިވެހި ތާރީޚީ މަޢުލޫމާތުތަކަށް ބަލާއިރު، 16 ވަނަ ޤަރުނުގައި ދިވެހިރާއްޖެ ޕޯޗުގީޒުންގެ އަތްދަށުން މިނިވަންކުރުމަށް ބޮޑުތަކުރުފާނު އިސްވެ ހުންނަވައި ކުރެއްވި ޖިހާދުގައި، ށ. އަތޮޅަކީ އެންމެ އިސް ދައުރެއް އަދާކުރި އަތޮޅުތަކުގެ ތެރެއިން އެއް އަތޮޅެކެވެ. އުތީމު ބޮޑުތަކުރުފާނުގެ މި މަތިވެރި މަސައްކަތުގައި، އަތޮޅުގެ ރައްޔިތުން ދެއްކި އެއްބާރުލުމާއި އެހީތެރިކަމަކީ ފާހަގަކޮށްލެވޭ ކަމެކެވެ.
މިގޮތުން ށ. އަތޮޅުގެ މަރޮއްޓަކީ މި ޖިހާދާއި ގުޅުންހުރި ޚާއްސަ މުހިންމުކަމެއް ލިބިފައިވާ ރަށެކެވެ. އެއީ ބޮޑުތަކުރުފާނުގެ މަޝްހޫރު އުޅަނދު 'ކަޅުއޮއްފުންމި' އަށް ބޭނުންވާ ރިޔާ އުފެއްދުމުގެ މަރުކަޒަކަށް އެރަށް ވެފައިވާތީއެވެ. މީގެ އިތުރުން، މަރޮށީގައި 'ކަޅުއޮއްފުންމި' އަށް ވަކި ޚާއްސަ ބަނދަރެއް ހަދާފައި ވެއެވެ. މި ބަނދަރަކީ ހަނގުރާމައިގެ ތެރޭގައި އުޅަނދު ރައްކާތެރިކަމާއެކު ބޭއްވުމަށް އެންމެ އެކަށީގެންވާ ތަނެއް ކަމުގައި ވިއެވެ.
މަރޮށީގެ ރައްޔިތުންގެ ޤައުމީ ވަފާތެރިކަމާއި އިޚްލާސްތެރިކަން ވަރަށް ފުންކޮށް ފާހަގަކުރެވެއެވެ. އެމީހުން ވަނީ އަމިއްލަ ފުރާނައަށް ނުރައްކާވާނެކަން އެނގިތިބެވެސް، 'ކަޅުއޮއްފުންމި' ގެ ވާހަކަ ޕޯޗުގީޒުންނަށް ނޭނގޭގޮތަށް ސިއްރުކޮށްދިނެވެ. އަދި ބޮޑުތަކުރުފާނަށް އަތޮޅުގެ ކަނޑާއި ރަށްތަކުގެ ޖިއޮގްރަފީ ރަނގަޅަށް އެނގިވަޑައިގަތުމުގެ ސަބަބުން، ޕޯޗުގީޒުންނާ ދެކޮޅަށް ކުރެއްވި ހަނގުރާމައިގައި ބޮޑު ކާމިޔާބީއެއް ހޯއްދެވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!