ދުނިޔޭގެ އެންމެ ބޮޑު ސޯޝަލް މީޑިއާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ މެޓާ އިން ވަނީ، މަޝްހޫރު ފަންނާނުން ކަމަށްވާ ސެލީނާ ގޮމެޒް، އޭން ހެތަވޭ އަދި ޓޭލަރ ސްވިފްޓް ފަދަ މަޝްހޫރު ތަރިންގެ ހުއްދައަކާ ނުލައި، އެމީހުންގެ ނަމާއި ސިފަތައް ބޭނުންކޮށްގެން ޗެޓްބޮޓްތަކެއް ތައްޔާރުކޮށްފައިވާ ކަމަށް ރޮއިޓަރސް އިން ހޯދާފައިވާ މައުލޫމާތުތަކުން ހާމަވެއްޖެއެވެ.
މިކަމުގެ ސަބަބުން ސައިބަރު ސަލާމަތާއި، ފަރުދީ މައުލޫމާތުގެ ގަވާއިދުތަކާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ.
ރޮއިޓަރސް އިން ހޯދާފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ޗެޓްބޮޓްތަކުގެ ތެރެއިން ގިނަ އަދަދެއްގެ ބޮޓްތައް ހަދާފައިވަނީ މެޓާގެ ޕްލެޓްފޯމްތައް ބޭނުންކުރާ ފަރާތްތަކުންނެވެ. އެހެންނަމަވެސް، މެޓާގެ މުވައްޒަފަކު ވެސް މަދުވެގެން ތިން ބޮޓް ހަދާފައިވާކަން ރޮއިޓަރސް އިން ވަނީ ދެނެގަނެފައެވެ. މީގެ ތެރޭގައި ޓެއިލަރ ސްވިފްޓްގެ ދެ "ޕެރަޑީ" ބޮޓް ހިމެނެއެވެ.
އެންމެ ކަންބޮޑުވުން އުފެދިފައިވަނީ، 16 އަހަރުގެ ކުޑަކުއްޖެއް ކަމަށްވާ ވޯކަރ ސްކޮބެލްގެ ބޮޓެއް ވެސް މެޓާގެ ޕްލެޓްފޯމްތަކުގައި ހުރިކަން ރޮއިޓަރސް އިން ފާހަގަކޮށްފައި ވާތީއެވެ. ކުޑަކުދިންގެ ސިފަތަކާއި ނަންތައް މިފަދަ ކަންކަމަށް ހުއްދައަކާ ނުލައި ބޭނުންކުރުމަކީ ވަރަށް ނުރައްކާތެރި އަދި އެތައް ސުވާލުތަކެއް އުފެދޭ ކަމެކެވެ.
މި ބޮޓްތައް ބޭނުންކޮށްގެން ރޮއިޓަރސް އިން ކުރި ތަޖުރިބާތަކުގައި، ބޮޓްތަކުން ވަނީ އެއީ އަސްލު ތަރިންކަމަށް ބުނެ، އެކަށީގެން ނުވާ ބައެއް ވާހަކަތައް ދައްކާފައެވެ. މިކަމުގެ ސަބަބުން ބޭނުންކުރުންތެރިން، ޚާއްސަކޮށް ކުޑަކުދިން، ނުރައްކާތެރި ހާލަތްތަކަށް ހުށަހެޅިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.
މިކަމާ ގުޅޭގޮތުން މެޓާގެ ފަރާތުން ބަސް ބުނެފައިވެއެވެ. އެގޮތުން މެޓާގެ ތަރައްޤީކޮށްފައިވާ އޭއައި ޓޫލްސް އިން މިފަދަ ކަންތައްތައް ނުކުރެވޭނެ ކަމަށާއި، މިއީ އެ ކުންފުނީގެ ޤަވާއިދުތައް ތަންފީޒު ކުރުމުގައި ދިމާވެފައިވާ މައްސަލައެއް ކަމަށް ބުނެފައިވެއެވެ. ނަމަވެސް، މިފަދަ ބޮޓްތައް ފެނިފައިވާތީ، މެޓާގެ ސަލާމަތީ ފިޔަވަޅުތަކުގެ މައްސަލަތައް މިހާރު ވަނީ ބޮޑުވެފައެވެ. މިކަމުގެ ސަބަބުން އާންމުންގެ އިތުބާރު ގެއްލިގެން ދިއުމުގެ ފުރުސަތު ބޮޑެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!