ނޫސްވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނޫސްވެރިން ތަމްސީލްކުރާ ނޫސްވެރިންތަކަކާއެކު ބައްދަލުވުމެއް މިއަދު ފައްޓަވައިފިއެވެ.
މި ބައްދަލުކުރެއްވުމަކީ މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އުވާލައި، "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން" ގެ ނަމުގައި އައު ކޮމިޝަނެއް އުފެއްދައްދައި، މީޑިއާތައް ކޮންޓްރޯލް އެ ކޮމިޝަނަށް ނެގޭގޮތަށް ތުޅާދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލާއި ގުޅިގެން ނޫސްވެރިން ފާޅުކުރަމުން އަންނަ ކަންބޮޑުވުންތަކާއެކު ބާއްވަވާ ބައްދަލުވުމެއްކަމަށް މައުލޫމާތު ލިބިއެވެ.
19 އޯގަސްޓް 2025 ''މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު''ގެ ނަމުގައި ހަންނާން މި ބިލު ހުށަހެޅުއްވުމާއިއެކު ނޫސްވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ވަކިބަކި ނޫސްވެރިންނާއި މީޑިއާތަކުގެ އިތުރުން އެމްއެމްސީ އާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އަދި ކޮމެޓީ ޓު ޕްރޮޓެކްޓު ޖާނަލިސްޓްސް (ސީޕީޖޭ) ފަދަ ނޫސްވެރިކަމުގެ ޖަމާއަތްތަކުން ވެސް ވަނީ މި ބިލާމެދު ކަންބޮޑުވުން ފާޅުކޮށް ބިލު އަނބުރާ ގެންދަން ގޮވައިލައިފައެވެ.
ބްރޯޑްކޮމް އާއި މީޑިއާ ކައުންސިލް އުވާލައި އައު ކޮމިޝަނެއް އުފެއްދުމުގެ ބިލެއް ހުށަހަޅައިފި
ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް މަޖިލީހުގެ ދައުރުން ބޭރުން އިއްޔެ ބޭއްވި، 2025 ވަނަ އަހަރު ދައުރުން ބޭރުގައި ބާއްވާ ޚާއްޞަ 4 ވަނަ ޖަލްސާގައި ވަނީ މި ބިލު ބަލައިގަނެ ކޮމެޓީ އަށް ވެސް ފޮނުވާފައެވެ. މި ބިލުގެ މަސައްކަތް ހިނގަމުން ދިޔަ ވަގުތު ނޫސްވެރިން ވަނީ މަޖިލިސް ކުރާ ގޭދޮށަށް އެއްވެ މުޒާހަރާކޮށްފައެވެ.
ހަންނާނުގެ މީޑިއާ ބިލު އަނބުރާ ގެންދިޔުމަށް އެމްޖޭއޭއިން ގޮވާލައިފި
މި ބިލު މިއަދު ހިޔާލަށް ހުޅުވާލައި ދެ ހަފްތާ ތެރޭ ނިންމަން މަޖިލީހުގެ މިނިވަން މުއައްސާތަކާ ބެހޭ ކޮމިޓީން މިއަދު ވަނީ ނިންމާފައެވެ.
މިއަދު ވެސް ނޫސްވެރިންގެ އިހުތިޖާޖު ކުރިއަށް ގެންގޮސްފައިވާއިރު، ރައީސް މިއަދު ވަނީ ނޫސްވެރިން ތަމްސީލްކުރާ ނޫސްވެރިންތަކަކާއެކު ބައްދަލުވުންތަކެއް ފައްޓަވާފައެވެ. އެނގިފައިވާ ގޮތުގައި މިއަދު 13:30 ގައި ފެށި މި ބައްދަލުވުމުގައި އި ނޫސްވެރިންގެ ފަރާތުން ބައިވެރިވަނީ، އެމްޖޭއޭގެ ފައުންޑަރު އަދި ދައުރު ނޫހުގެ މެނޭޖިން އެޑިޓަރު ހިރިގާ އަހުމަދު ޒާހިރު، އެމްޖޭއޭގެ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު ޖުނައިދު، އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާ، މިހާރު ނޫހުގެ މެނޭޖިން އެޑިޓަރު މުއިއްޒު އިބްރާހިމް އަދި މީޑިއާ ކައުންސިލްގެ މެންބަރު ނަހުދާ ފާއިޒް އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!