އިނގިރޭސި ފުޓްބޯޅައިގެ ހަތަރުވަނަ ޑިވިޝަންގެ ޓީމެއް ކަމަށްވާ ގްރިމްސްބީ ޓައުން އަތުން ބަލިވެ ކަރަބޯ ކަޕްގެ ދެވަނަ ބުރުން މެންޗެސްޓާ ޔުނައިޓެޑް ކަޓައިފިއެވެ.

ރޭ ގްރިމްސްބީ ޓައުންގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 2-2 ގެ ނަތީޖާއިން އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ގްރިމްސްބީ ޓައުން އިން ކުރި ހޯދީ 11-12 އިންނެވެ.

Ad
rt

މިއީ ލީގު ކަޕްގައި ޔުނައިޓެޑް ހަތަރު ވަނަ ޑިވިޝަނުގެ ޓީމެއް އަތުން ކެޓި ފުރަތަމަ ފަހަރެވެ. ގްރިމްސްބީން އަދި މިހާތަނަށް ޔުނައިޓެޑާ ދެކޮޅަށް ކުޅެގެން ބަލިވެފައިނުވެއެވެ. އެ ގޮތުން، މީގެ ކުރިން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން އެއްވަރުވިއިރު، އެއް މެޗުން ގްރިމްސްބީ މޮޅުވިއެވެ. އެއީ، 1946، 1947 އަދި 1948 ވަނަ އަހަރުއެވެ.

ހީކުރިގޮތާއި ހިލާފަށް ރޭ މެޗުގައި ފުރަތަމަ ދެ ލަނޑުވެސް ޖެހީ ގްރިމްސްބީއެވެ. ފުރަތަމަ ލަނޑު 22 ވަނަ މިނެޓުގައި ވާނަމް ޖަހައދިން އިރު އެ ޓީމަށް ދެވަނަ ލަނޑު 30 ވަނަ މިނެޓުގައި ޖަހައިދިނީ ވެރާންއެވެ.

ނަތީޖާ އަނބުރާލުމަށް ޔުނައިޓެޑުން ކުރަމުން އައި މަސައްކަތަށް ފުރަތަމަ ވެސް ދިރުމެއް ލިބިގެން ދިޔައީ މެޗުގެ 75 ވަނަ މިނެޓުގައި އެމްބެއުމޯ ޖަހައިދިން ލަނޑާއިއެކުއެވެ. ޔުނައިޓެޑަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު 89 ވަނަ މިނެޓުގައި ޖަހައިދިނީ މެގުއާއެވެ.

ޕެނަލްޓީގައި ކޮންމެ ޓީމަކުން 13 ޕެނަލްޓީ ފޮނުވާލިއިރު، ގްރިމްސްބީން އޭގެތެރެއިން 12 ޕެނަލްޓީ ކާމިޔާބުކުރިއެވެ. ޔުނައިޓެޑުން ޕެނަލްޓީ މިސްކޮށްލީ އެމްބެއުމޯއާއި ކޫންޏާއެވެ.

މި ސީޒަންގައި މިހާތަނަށް ޔުނައިޓެޑުން ތިން މެޗު ކުޅެފައިވާއިރު އަދި މޮޅެއް ނުހޯދެއެވެ. ލީގުގައި އާސެނަލް އަތުން 1-0 ގެ ނަތީޖާއިން ބަލިވިއިރު، ލީގުގެ ދެވަނަ މެޗުގައި ފުލަމް އާއި ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.