ހދ. ފިނޭގެ ބަނދަރުގެ މަސައްކަތް ނިންމައިދޭނީ ރައްޔިތުން ބޭނުންވާ ބަދަލުތަކާއެކު ރައްޔިތުން އެދުނު ގޮތަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، އެމަނިކުފާނު ހދ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފިނޭ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ފިނޭ ރައްޔިތުންނާ މިއަދު ހަވީރު ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، ފިނޭގައި މިވަގުތު ކުރިއަށްދާ އެންމެ މުހިންމު މަޝްރޫޢަކީ ބަނދަރުގެ މަސައްކަތެވެ. އަދި މި މަޝްރޫޢަށް ގެންނަން ރައްޔިތުން އެދިވަޑައިގަންނަވާ ބަދަލުތަކުގެ ތެރޭގައި މުހިންމު ކަންތައްތަކެއް ހިމެނޭކަމަށް ވިދާޅުވިއެވެ.
އެހެންވެ، 2026 ވަނަ އަހަރުގެ ބަޖެޓުގައި މިކަންކަން ހިމަނުއްވައި، ރައްޔިތުންގެ ހުވަފެންތައް ޙަޤީޤަތަކަށް ހައްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.
މީގެއިތުރުން، ރަށުގެ ތަރައްޤީއަށް ކުރައްވާނެ އެހެނިހެން މުހިންމު މަސައްކަތްތަކުގެ ވާހަކަވެސް ރައީސް ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން ރަށަށް މުހިންމު ތަރައްޤީ ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވިއެވެ.
ފިނޭ އަކީ ރައީސްގެ ހދ. ދަތުރުފުޅުގެ ދެވަނަ މަންޒިލެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!