ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތުއެގްރިކަލްޗަރ މިނިސްޓްރީން ހުޅުވާލައިފިއެވެ.

މި ފުރުސަތު ހުޅުވާލާފައިވަނީ "ޓްރާންސްފޯރމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް"ގެ ދަށުންނެވެ.

Ad
rt

އެގްރިކަލްޗަރ މިނިސްޓްރީން ބުނިގޮތުގައި މި ޕްރޮޖެކްޓުގެ ދަށުން ދަނޑުވެރިކަމުގެ ދާއިރާ ތަރައްޤީކޮށް، ޒަމާނީ ދަނޑުވެރިކަމަށް ބޭނުންވާ ތަމްރީނު ހޯދުމުގެ ފުރުސަތު ޒުވާނުންނަށް ފަހިކޮށްދިނުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒެވެ.

މި ފުރުސަތުގައި ހިމެނެނީ ބެޗްލާސް ޑިގްރީގެ ދެ ކޯހެވެ. އެއީ އެގްރިކަލްޗަރަލް ސައިންސް އަދި އެގްރިކަލްޗަރ (ބޮޓަނީ އެންޑް އެންޓޮމޮލޮޖީ) އެވެ.

މި ކޯސްތައް ކުރިޔަށް ގެންދާނީ އޭޝިއާ އަދި ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަންގެ ޤައުމުތަކުގައެވެ.

މި ސްކޮލަރޝިޕްތަކުގެ ދަށުން ކިޔަވާ ދަރިވަރުންގެ ކޯސް ފީގެ އިތުރުން، ބުކް އެލަވަންސް (ސްކޮލަރޝިޕްގައި ކިޔަވަމުންދާ މުއްދަތަށް އަހަރަކު އެއްފަހަރު)، އެސްޓަބްލިޝްމަންޓް އެލަވަންސް (އެއްފަހަރު)، ޑިޕާރޗަރ އެލަވަންސް (އެއްފަހަރު) އަދި ސްޓައިޕަންޑް (ސްކޮލަރޝިޕްގައި ކިޔަވަމުންދާ މުއްދަތަށް) ލިބޭނެއެވެ.

މި ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު 2025 ސެޕްޓެމްބަރ 18 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ރާއްޖޭގެ އިގްތިޞާދުގެ މައިގަނޑު ދާއިރާއަކަށް ދަނޑުވެރިކަން ހެދުމަށް ކުރަމުންދާ މަސައްކަތުގައި، ޒަމާނީ ދަނޑުވެރިކަމުގެ ތަމްރީންތަކާއެކު ޒުވާނުން މި ދާއިރާއަށް ނެރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް ވެސް އެގްރިކަލްޗަރ މިނިސްޓްރީން ބުންޏެވެ.

މިއީ ދިވެހި ސަރުކާރާއި ވާރލްޑް ބޭންކާއި ގުޅިގެން ހިންގާ ޕްރޮޖެކްޓެކެވެ.