މިސްރާއި ޤަޠަރުގެ މެދުވެރިކޮށް ހުށަހެޅި ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އައު ހުށަހެޅުން ޤަބޫލުކޮށް ހަމާސްއިން ދިން ޖަވާބު ދިރާސާ ކުރަމުން އަންނަކަމަށް ޖައްބާރު އިސްރާއީލުން ބުނެފިއެވެ.
ފަލަސްޠީނުގެ ޖަމާޢަތް ޙަމާސްއިން ހޯމަ ދުވަހު ބުނެފައިވަނީ، މިސްރާއި ޤަޠަރުގެ މެދުވެރިންގެ ހުށަހެޅި ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުން އެ ޖަމާޢަތުން ޤަބޫލުކޮށްފައިވާ ކަމަށެވެ. ޙަމާސްއިން ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވަނީ، މި ހުށަހެޅުން ޤަބޫލުކުރިކަން މެދުވެރިންނަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް، ހުށަހެޅުމުގެ ތަފްޞީލުތަކެއް ހާމަކޮށްފައެއް ނުވެއެވެ.
މީގެ ކުރިން މިސްރުގެ މީޑިއާއިން ބުނެފައިވަނީ، މި ހުށަހެޅުމުގައި އިންސާނީ އެހީ ޣައްޒާއަށް ވަނުމަށް ފަސޭހަކުރުމަށްޓަކައި އިސްރާއީލުގެ ސިފައިން އެ ސަރަޙައްދުގެ ބޯޑަރާ ކައިރިއަށް ޖެހުމަށް ގޮވާލާފައިވާ ކަމަށެވެ. މީގެ އިތުރުން، ދެ މަސް ދުވަހުގެ މުއްދަތަކަށް ހަނގުރާމައިގެ ޢަމަލުތައް ވަގުތީގޮތުން ހުއްޓާލުމަށާއި، މި މުއްދަތުގައި ހަމާސްގެ ބެލުމުގެ ދަށުގައިވާ އިސްރާއީލް މީހުން ބަދަލުކުރުމަށްވެސް ހުށަހަޅާފައިވާ ކަމަށް މިސްރުގެ ސަރުކާރުގެ އަލް-ޤާހިރާ ނިއުސް ޗެނަލުން ބުނެފައިވެއެވެ.
އެ ޗެނަލުން މިސްރުގެ ކަމާބެހޭ ފަރާތްތަކާ ޙަވަވާލާދީ ބުނެފައިވާ ގޮތުގައި، މި އެއްބަސްވުމުގެ ދަށުން ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލްގެ 10 މީހުން ދޫކޮށްލުމަށާއި، އަދި މަރުވެފައިވާ 18 މީހުންގެ ހަށިގަނޑު އަނބުރާ ރައްދުކުރުމަށް ހުށަހަޅާފައިވެއެވެ. މިއާ ބަދަލުގައި، އިސްރާއީލުން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ މީހުން މިނިވަން ކުރުމަށް ވަކި އަދަދެއް ބަޔާންކޮށްފައެއް ނުވެއެވެ.
އިސްރާއީލުގެ އަންދާޒާތަކުން ދައްކާ ގޮތުގައި، މިހާރުވެސް ޣައްޒާގައި ހަމާސްގެ ބެލުމުގެ ދަށުގައި އިސްރާއީލްގެ 50 އެއްހާ މީހުން ތިބޭނެއެވެ. އޭގެ ތެރެއިން 20 މީހުން ދިރި ތިބި ކަމަށް ލަފާކޮށްފަވެއެވެ. އަނެއްކޮޅުން، އިސްރާއީލުގެ ޖަލުތަކުގައި 10,800 އަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ހައްޔަރުކޮށްފައި ތިބި ކަމަށް ބެލެވެއެވެ. އިންސާނީ ޙައްޤުތަކާބެހޭ ޖަމާޢަތްތަކުން ބުނާ ގޮތުގައި، އިސްރާއީލުން ހައްޔަރުކޮށްފައިވާ ފަލަސްތީންގެ ބައެއް މީހުން ވަނީ އަނިޔާކުރުމާއި، ބަނޑުހައިހޫނުކަމާއި، ސިއްޙީ އިހުމާލުގެ ސަބަބުން މަރުވެފައެވެ.
ހަމާސްގެ ޖަވާބު އިސްރާއީލުން ދިރާސާ ކުރަނީ
އިސްރާއީލުން މިހާރު ވަނީ މިސްރާއި ޤަޠަރުގެ މެދުވެރިންގެ ފަރާތުން ހުށަހެޅި ހަނގުރާމަ ހުއްޓާލުމާއި ބަންދުކޮށްފައިވާ މީހުން ބަދަލުކުރުމުގެ ހުށަހެޅުމަށް ޙަމާސްއިން ދިން ޖަވާބު ދިރާސާކުރަން ފަށާފައެވެ. އިސްރާއީލުގެ ޗެނަލް 12 އިން އެ ޤައުމުގެ ޑިޕްލޮމެޓިކް ވަސީލަތަކާ ޙަވާލާދީ ބުނެފައިވަނީ، ޣައްޒާ ސިޓީއަށް އިސްރާއީލުގެ ސިފައިން ވަނުން ހުއްޓުވުމަށްޓަކައި ޙަމާސްއިން މި ހުށަހެޅުން ޤަބޫލުކޮށްފައިވާ ކަމަށެވެ.
އޭގެ ކުރީ ދުވަހު، އިސްރާއީލުގެ ސިފައިންގެ އެންމެ އިސްވެރިޔާ އެޔާލް ޒަމީރު ވަނީ ޣައްޒާ ސިޓީ އަލުން އޮކިއުޕައިކުރުމުގެ ޕްލޭނެއް ރަސްމީކޮށް ފާސްކޮށްފައެވެ. މިއީ މުޅި ޣައްޒާ އަލުން އޮކިއުޕައިކުރުމަށް ކުރެވޭ މަސައްކަތުގެ ބައެކެވެ.
އިސްރާއީލުގެ ޑިޕްލޮމެޓިކް ވަސީލަތުން އިތުރަށް ބުނެފައިވަނީ، އިސްރާއީލުން އަދި ބައެއް ބަންދުކޮށްފައި ތިބި މީހުން ދޫކޮށްލުމަށް ނުވަތަ ޣައްޒާގައި ވަގުތީ ހަނގުރާމަ ހުއްޓާލުމަކަށް އެއްބަސްވާނެކަމުގެ ޔަޤީންކަމެއް ނެތެވެ. އެ ވަސީލަތުން އިތުރަށް ބުނެފައިވާ ގޮތުގައި، ޙަމާސްއިން ދިން ޖަވާބުގެ 98 އިންސައްތަ ދިމާވަނީ އެމެރިކާގެ މެދުއިރުމަތީގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފްގެ ހުށަހެޅުމާއެއެވެ. މި ހުށަހެޅުމަށް އިސްރާއީލުން ވަނީ ކުރިން އެއްބަސްވެފައިކަަމަށް އެ މީހުން ބުނެފަވެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ވަނީ ޣައްޒާގައި 62,000 އަށްވުރެ ގިނަ ފަލަސްޠީން ރައްޔިތުން ޝަހީދުކޮށްލާފައިވާއިރު، މި ހަނގުރާމައިގެ ސަބަބުން ޣައްޒާ ވަނީ މުޅިން ފުނޑުފުނޑުކޮށްލައި، ބަނޑުހައިހޫނުކަމުގެ ނުރައްކަލާ ކުރިމަތިލާންޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!