ޖަޕާން ސަރުކާރުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ކަނޑުމަތީގެ ހަރަކާތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ފަސް ލޯންޗު ހަދިޔާކޮށްފިއެވެ.
މި އުޅަނދުތައް ރަސްމީކޮށް ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ދޫނިދޫގައެވެ.
މި ރަސްމިއްޔާތުގައި، ޖަޕާން ސަރުކާރުގެ ފަރާތުން މި އުޅަނދުތައް ދިވެހި ފުލުހުންނާ ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މި އުޅަނދުތަކާ ހަވާލުވެލެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ.
މި ލޯންޗުތަކުގެ ސަބަބުން ކަނޑުމަތީގެ ފުލުހުންގެ ގާބިލުކަން އިތުރުވެ، ގާނޫނު ތަންފީޒުކުރުމާއި، ރަށްރަށުގެ މުޖުތަމައުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެހީތެރިވެ، ކުއްލި ހާލަތްތަކުގައި އަވަހަށް އިޖާބަދެވޭނެ ކަމަށް ދެ ފަރާތުންވެސް ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ޖަޕާނުގެ މި އެހީތެރިކަމަށް ޝުކުރުއަދާކުރައްވަމުން ކޮމިޝަނަރ އޮފް ޕޮލިސް ނަވީން ވިދާޅުވީ، މި އުޅަނދުތައް ރައްޔިތުންގެ މަސްލަހަތު ހުރިގޮތަށް އެންމެ އެދެވޭ ގޮތުގައި ބޭނުންކުރާނެ ކަމަށެވެ. އަދި ސަފީރު ރުމިކޯ ވިދާޅުވީ، މިއީ މެރިން ޕޮލިސްގެ ގާބިލިއްޔަތު ތަރައްގީކުރުމަށް ދެވުނު މުހިންމު އެހީއެއް ކަމަށާއި، ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަމުންދާއިރު މިފަދަ އުޅަނދުތަކުގެ މުހިންމުކަން ބޮޑު ކަމަށެވެ.
ޖަޕާނުގެ އެހީތެރިކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސަފީރަށް ހަނދާނީ ފިލައެއްވެސް މި ރަސްމިއްޔާތުގައި އަރުވާފައިވެއެވެ.
ޖަޕާން ސަރުކާރުން މިހާރުވެސް 54 ކާރާއި ހަތަރު ވޭންގެ އިތުރުން އެކި ބާވަތުގެ ޓެސްޓު ކިޓު ފަދަ ތަކެތި ފުލުހުންގެ ޚިދުމަތަށް ހަދިޔާކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!