އިންޑިއާއިން ރަޝިއާގެ ތެޔޮ ގަތުމުގެ ސަބަބުން އެމެރިކާއިން އިންޑިއާ އަތުން ނަގާ ޓެރިފް އިތުރުކުރާނެކަމަށް އިންޒާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޯމަ ދުވަހު އަނެއްކާވެސް ދެއްވައިފިއެވެ. މިއީ ޓްރަމްޕް އޭނާގެ ވިޔަފާރީގެ ހަނގުރާމައިގެ އިޤްތިޞާދީ ސިޔާސަތަށް ބައިނަލްއަޤްވާމީ ސަލާމަތާއި ޖިއޯޕޮލިޓިކްސް އިތުރުކުރެއްވި އަނެއް ފަހަރެވެ.
"އިންޑިއާއިން ހަމައެކަނި ވަރަށް ބޮޑު އަދަދަކުން ރަޝިއާގެ ތެޔޮ ގަންނަނީ އެކަންޏެއް ނޫން، އެމީހުން ގަންނަ ގިނަ އަދަދެއްގެ ތެޔޮ ހުޅުވިފައިވާ މާކެޓުގައި ބޮޑު ފައިދާއަކަށް ވިއްކަނީ،" ޓްރަމްޕް ޓްރޫތް ސޯޝަލްގައި ލިޔުއްވިއެވެ.
"ރަޝިއާގެ ހަނގުރާމައިގެ މެޝިނުން ޔުކްރެއިންގެ ކިތައް މީހުން މަރުވަމުންދާކަމެއް އެމީހުންނަކަށް މުހިންމެއް ނޫން. މިކަމުގެ ސަބަބުން، އިންޑިއާއިން ޔޫއެސްއަށް ދައްކަންޖެހޭ ޓެރިފް އަހަރެން ބޮޑުތަން އިތުރުކުރާނަން. މިކަމަށް ސަމާލުކަން ދެއްވިކަމަށްޓަކައި ޝުކުރިއްޔާ!!!" ޓްރަމްޕް ލިޔުއްވާފަވެއެވެ.
ޓްރަމްޕް ރަޝިއާއާއެކު އިންޑިއާ ކުރާ މުޢާމަލާތްތަކާ ގުޅިގެން އެއް ހަފްތާއަށްވުރެ ކުރު މުއްދަތެއްގައި ފާޑުކީ މިއީ ދެވަނަ ފަހަރެވެ. އޭނާ ވަނީ ދިގު މުއްދަތެއްގައި ދެމިގެންވާ ވިޔަފާރީގެ ހުރަސްތަކެއްގެ ގޮތުގައި ފާހަގަކުރެއްވި ކަންކަމާ ގުޅުވައި އިންޑިއާ އަތުން 25 އިންސައްތައިގެ ޓެރިފް ނަގާނެކަމަށް މިދިޔަ ބުދަ ދުވަހު އިޢުލާންކުރައްވާފައެވެ. އަދި އޭގެ އިތުރުން ރަޝިޔާއާއެކު ހަތިޔާރުގެ ވިޔަފާރި ކުރުމާ ގުޅިގެން އިންޑިއާއަށް އިތުރު ''އަދަބެއް'' ދޭނެކަމުގެ އިންޒާރު ވެސް ޓްރަމްޕް ވަނީ ކުރިއާލާ ދެއްވާފައެވެ.
ޓްރަމްގެ ޓެރިފް އިތުރުކުރުމުގެ މި އިންޒާރު ދެއްވާފައި މި ވަނީ އިންޑިއާއާއެކު ވިޔަފާރީގެ އެއްބަސްވުމަކާ ކައިރިވެފައިވާކަމުގެ އިޝާރާތްތަކެއް މަސްތަކެއް ވަންދެން ދެމުން އައި ދަނޑިވަޅެއްގައެވެ. ޓްރަމްޕްގެ ޓެރިފް "ލިބަރޭޝަން ޑޭ" ގެ ހަމައެކަނި ހަފްތާތަކެއް ފަހުން އޭޕްރީލް މަހު ނައިބު ރައީސް ޖޭޑީ ވާންސް އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި އެއްބަސްވުމެއް ވެވޭނެކަމުގެ އުއްމީދު އިތުރުވެގެން ދިޔައެވެ.
ޔުކްރެއިން އާއި ދެކޮޅަށް ރަޝިޔާއިން ކުރަމުންދާ ހަނގުރާމަ ޑިޕްލޮމެޓިކް ގޮތުން ނިންމުމަށް ޓްރަމްޕް ކުރައްވަމުންދާ މަސައްކަތުގެ ތެރެއިން ރަޝިއާއަށްވެސް އިޤްތިޞާދީ ''އަދަބުތަކެއް'' ދެއްވާނެކަން ވަނީ ޢިއުލާން ކުރަށްވާފައެވެ. މިގޮތުން އޯގަސްޓް 8 ވަނަ ދުވަހުގެ ކުރިން ހަނގުރާމަ ހުއްޓާލުމަށް ރަޝިއާއިން އެއްބަސްނުވާނަމަ ދަޢުވާތަކާ ކުރިމަތިލާންޖެހޭނެ ކަމަށް ޓްރަމްޕް ވަނީ ފާއިތުވި ހަފްތާގައި ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!